ހުކުރު ޚުތުބާތަކުގެ އިނގިރޭސި ތަރުޖަމާ ޓީވީތަކުން ފެންނާނެހެން ހަދައިފިއެވެ.
މިދިޔަ ހުކުރު ދުވަހު އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ މިހަފްތާގައި ހުރިހާ ޓީވީތަކަކުން ވެސް ޚުތުބާ ދައްކާނީ ލައިވް ތަރުޖަމާއާ އެކުގައި ކަމަށެވެ.
މިއަދު އެކަން ފެށިކަން އިއުލާނުކުރައްވައި މިނިސްޓަރު ޝަހީމް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިނގިރޭސީ ބަހުގެ އިތުރުން އިޝާރާތުން ވެސް ޓީވީތަކުން ޚުތުބާ ދައްކަން ފަށާފައިވާ ކަމަށެވެ.
ޓީވީތަކުން އިނގިރޭސީ ބަހުން ތަރުޖަމާ އަރުވަން ފެށިއިރު ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ޒައާމަތުގައި މިކަންކަން ފެށިގެން ކުރިއަށް ގެންދެވުމަކީ އުފަލެއްކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އިނގިރޭސިބަހުގެ އިތުރުން ބަންގާޅު ބަހުން ވެސް ޚުތުބާގެ ތަރުޖަމާ ލިބޭނެ އިންތިޒާމު ވަނީ ހަމަޖައްސައިފައެވެ. ނަމަވެސް ޓީވީތަކުން އަރާނީ އިނގިރޭސި ސަބްޓައިޓަލްއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، ހުކުރު ޚުތުބާތަކުގެ ތަޖުރަމާ މިދިޔަ ހުކުރުގައި ދައްކަން ފަށާފައިވަނީ އިސްލާމީ މަރުކަޒުގެ ޓީވީތަކުންނެވެ.
މިއަދުގެ ހުކުރު ޚުތުބާގެ މައުޟޫއަކީ ފަލަސްތީނާއި މުސްލިމުންނެވެ. އެގޮތުން މިއަދުގެ ޚުތުބާގައި ވަނީ ފަލަސްތީނުގެ ބިން މިނިވަން ކުރުމަށް އެންމެހައި މުސްލިމުން އެކަތިގަނޑަކަށް ވާން ޖެހޭ ކަމަށް ބުނެފައެވެ.
މިދިޔަ ހުކުރުގައި ވަނީ ރާއްޖޭގައި ފުރަތަމަ ފަހަރަށް އަންހެނަކު ލިޔުއްވި ޚުތުބާ އެއް އިއްވާފައެވެ. އެ ޚުތުބާ ލިޔުއްވީ އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިިނިސްޓަރު ހައްވާ ލަތީފެވެ.