ސަރުކާރުން ޚަރަދުކޮށްގެން، މި އަހަރު ހިލޭ ހައްޖަށް ފޮނުވާ 50 މީހުން މިއަދު ހޮވައިފިއެވެ.
އެކަމަށް ޚާއްސަކޮށް މިއަދު އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ބޭއްވި ރަސްމިއްޔާތެއްގައި އެމީހުން ކަނޑައަޅާފައިވަނީ ޒަކާތު ހައުސްގެ ފަގީރުންގެ ދަފުތަރުގެ ތެރެއިން ހިލޭ ހައްޖަށް މީހުން ފޮނުވުމާ ގުޅޭ އުސޫލުގެ ދަށުން ޝަރުތުހަމަވާ 302 މީހުންގެ މެދުގައި ގުރު ނަގައިގެންނެވެ.
އެ ވުޒާރާއިން ގުރު ނަގަން އައިޑީކާޑު ނަންބަރު ބޭނުންކޮށްފައިވާއިރު، އެކަން ކޮށްފައިވަނީ އެންމެންނަށް ފެންނަ ގޮތަށެވެ.
އެއްވެސް ސަބަބަކާ ހުރެ، ހައްޖު ދަތުރުގައި ބައިވެރިނުވެވޭ ހާލަތެއް ގުރުއަތުން ހޮވޭ ފަރާތަކަށް މެދުވެރިވެއްޖެނަމަ، އެމީހުންގެ ބަދަލުގައި ފޮނުވާނެ 10 މީހުން ވެސް ވަނީ ގުރުއަތުން ހޮވާފައެެވެ.
ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ވެރިކަމުގައި 1،000 މީހުން ހިލޭ ހައްޖަށް ފޮނުވުމަކީ އެ މަނިކުފާނުގެ ރިޔާސީ ވައުދުފުޅެކެވެ. އެ ވައުދުފުޅުގެ ދަށުން މިދިޔަ އަހަރު ވެސް 50 މީހަކު ހައްޖަށް ފޮނުވައިފައިވެއެވެ.
މީގެ ކުރިން އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމް އަލީ ސައީދު ވިދާޅުވީ، ކޮންމެ އަހަރެއްގެ ފަގީރުންގެ ލިސްޓަކީ އަދާހަމަކުރާ ލިސްޓެއް ކަމަށާއި، ކޮންމެ އަހަރަކު ވެސް ހައްޖަށް ފޮނުވާނީ އާ ބަޔަކު ކަމަށެވެ.