ސިއްހަތަށް ގެއްލުންވާހާ މުޑުދާރުކޮށް ކާބޯތަކެތި އުފެއްދި ނަމަވެސް އެފަދަ ކަންކަން ނުހުއްޓުވި އޮތީ ގާނޫނީ ބާރުވެރިކަން ލިބިފައިނުވާތީ ކަމަށް ހެލްތު މިނިސްޓްރީން މިއަދު ބުނެފިއެވެ.
އިމިގްރޭޝަނުން ނުގަވާއިދުން އުޅޭ ބިދޭސީން ހޯދަން މިހާރު ފަށާފައިވާ އޮޕަރޭޝަނުން ބޮޑު މައްސަލައެއް ވަނީ ފެންމަތިވެފައެވެ. އެއީ، މާލޭގެ އެކި ގޭގޭގައި ބިދޭސީން ވަރަށް މުޑުދާރުކޮށް ކާބޯތަކެތި އުފައްދައި އާއްމުންނަށް ވިއްކަމުން ދާތީއެވެ. އެގޮތަށް އުފައްދާ ވިއްކާ ތަކެތީގެ ތެރޭގައި ފޯކާއި ތެލުލިފަތާއި މަސް މިރުހާއި އެކިއެކި ލުއި ކާނާތަކުގެ އިތުރުން އެހެނިހެން ކާބޯތަކެތި ވެސް ހިމެނެއެވެ.
މީގެ އިތުރުން، ބުޅާ މަހުގައި އެކިއެކި ކާބޯތަކެތި ހަދައި އެ ވިއްކާ މައްސަލައެއް ވެސް އިއްޔެ ވަނީ ފެންމަތިވެފައެވެ. އެއާއެކު ގިނަ ބައެއްގެ ފާޑުކިޔުން ވަނީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީއަށް އަމާޒުވެފައެވެ.
މި މައްސަލައިގައި ސުވާލުކުރުމުން ހެލްތު މިނިސްޓްރީގެ މީޑިއާ އޮފިޝަލް ވިދާޅުވީ ގޭގޭގައި އަމިއްލައަށް ތައްޔާރުކޮށްގެން ކާބޯތަކެތި ވިއްކާއިރު އެކަން ބަލައި ހުއްޓުވޭނެ ގާނޫނީ ބާރު އަދި އެމްއެފްޑީއޭއަށް ލިބިފައިނުވާ ކަމަށެވެ.
އެގޮތުން މީހެއްގެ ގޭގެ ބަދިގޭގައި ކާބޯތަކެތި ތައްޔާރުކޮށްގެން އެ މީހާ އާމްދަނީއެއް ހޯދުމަށް ވިއްކާ ވިއްކުމަކީ މިހާތަނަށް އެމްއެފްޑީއޭއިން ރެގިއުލޭޓްކޮށް ބަލަހައްޓަން ގާނޫނަކުން މަތިކޮށްފައި އޮތް ކަމެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"މިހާތަނަށް ކާބޯތަކެތީގެ ރައްކާތެރި ކުރުމުގެ ގާނޫނެއް ނެތް. ފިހާރަތަކަށް ލާ އެއްޗެހި ބަލައި ފާސްކޮށް ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ އެއްވެސް ޒިންމާއެއް މިހާތަނަށް ނީންނާނެ،" އޮފިޝަލް ވިދާޅުވިއެވެ.
ނަމަވެސް، ކާބޯތަކެތީގެ ރައްކާތެރިކަމާ ގުޅޭގޮތުން ލިބޭ ޝަކުވާތައް ބަލަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ. އެފަދަ ތަންތަން ބަލައި ބަންދުކޮށް ބައެއް ކަހަލަ އުފެއްދުންތައް ބޭނުން ނުކުރަން މީގެ ކުރިން އިއުލާން ކޮށްފައި ހުންނާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އެކަން އެގޮތަށް މީގެ ކުރިން ކޮށްފައިވާއިރު ބިދޭސީން އުފައްދާ އެފަދަ ތަކެތި ވިއްކުން ނުހުއްޓުވި އޮތީ ކީއްވެތޯ ސުވާލު ކުރުމުން އޭނާ ވިދާޅުވީ ރަޖިސްޓްރީކޮށްގެން ހިންގާ ތަންތަން ފިޔަވާ އެހެން ތަންތަން ބަލައި ފާސްކުރުމުގެ ގާނޫނީ ބާރުވެރިކަން އަދި އެ އޮތޯރިޓީއަށް ލިބިފައިނުވާ ކަމަށެވެ.
އިމިގްރޭޝަނުން މިހާރު ކުރިއަށް ގެންދާ އޮޕަރޭޝަނަކީ ހެލްތު މިނިސްޓްރީއާ ގުޅިގެން ކުރިއަށް ގެންދާ އޮޕަރޭޝަނެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، އަންނަ ހުކުރު ދުވަހު އާ ގާނޫނަށް އަމަލު ކުރަން ފެށުމާ އެކު ފުރިހަމަ ބާރު އެ އިދާރާއަށް ލިބިގެންދާނެ ކަމަށެވެ.
ކާބޯތަކެތި ރައްކާތެރިކަމުގެ ބިލް މަޖިލީހުން ފާސްކޮށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަނީ މިދިޔަ މޭ މަހުގެ 23 ވަނަ ދުވަހު އެ ބިލު ތަސްދީގު ވެސް ކުރައްވައިފައެވެ. މި ގާނޫނަކީ، ދިވެހިރާއްޖޭގައި އުފައްދާ އަދި ބޭނުންކުރާ ކާބޯތަކެއްޗާއި، ދިވެހިރާއްޖެއަށް އިމްޕޯޓުކުރާ އަދި ދިވެހިރާއްޖެއިން އެކްސްޕޯޓުކުރާ ކާބޯތަކެއްޗަކީ ރައްކާތެރި ކާބޯތަކެތިކަން ކަށަވަރުކުރުމަށް ބާރު އަޅައި ގާނޫނެކެވެ. އަދި، ސިއްހަތަށް ފައިދާހުރި، އަދި އާންމު ސިއްހަތަށް ގެއްލުންނުވާ ފަދަ ތަކެތިކަން ކަށަވަރުކުރުމަށްޓަކައި ކާބޯތަކެތީގެ ފެންވަރު ހިފެހެއްޓުމާއި، ރައްކާތެރިކަން ދެމެހެއްޓުމާ ގުޅޭ އުސޫލުތަކާއި މިންގަނޑުތައް ކަނޑައެޅުމަށް ހަދާފައިވާ ގާނޫނެކެވެ.
މީގެ އިތުރުން، މި ގާނޫނުގެ ދަށުން ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނުގައާއި ކާބޯތަކެތީގެ ޚިދުމަތްދޭ ފަރާތްތަކުން ޢަމަލުކުރަންޖެހޭ އުސޫލުތަކާއި މިންގަނޑުތައް ކަނޑައަޅާނެއެވެ. އަދި، ކާބޯތަކެއްޗަކީ، އިންސާނުން ބޭނުންކުރުމަށް ސިއްހީގޮތުން އެކަށީގެންވާ ރައްކާތެރި ތަކެތި ކަމުގައި ހެދުމަށް ޓަކައި ކަނޑައަޅަންޖެހޭ އެ ނޫން ވެސް އުސޫލުތަކާއި މިންގަނޑުތައް ހިމެނެއެވެ. އެގޮތުން، ދިވެހިރާއްޖެއަށް އިމްޕޯޓުކުރާ އަދި ދިވެހިރާއްޖެއިން އެކްސްޕޯޓުކުރާ އަދި ދިވެހިރާއްޖޭގައި އުފައްދާ އަދި ދިވެހިރާއްޖޭގައި ބޭނުންކުރާ ކާބޯތަކެތީގެ ފެންވަރު ހިފެހެއްޓުމަށާއި ޞިއްޙީ ރައްކާތެރިކަން ކަށަވަރުކުރުން ހިމެނެއެވެ.
އޮފިޝަލް ވިދާޅުވީ، އެ ގާނޫނަށް އަމަލުކުރަން ފެށުމާ އެކު ތަންތަން ބަލައި ފާސްކޮށް ފިޔަވަޅު އެޅުމުގެ ބާރު ލިބިގެންދާނެ ކަމަށެވެ. އާ ގާނޫނުގެ ދަށުން ގަވައިދާ ހިލާފަށް މަސައްކަތް ކުރާ މީހުން 10،000 ރުފިޔާއިން ފެށިގެން ގޮސް ފަސް ލައްކަ ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭ ކަމަށް ވިދާޅުވިއެވެ.