މުޑުދާރުކަމުގެ އިންތިހާ؛ ވިއްކަން ފޯއްކޮށި ތަން އޮތް ގޮތް މި އޮތީ

ބިދޭސީންތަކެއް މުޑުދާރުކޮށް ފޯއް ތައްޔާރުކުރި ތަނެއް: އެ ތަން ބަންދުކޮށް ބިދޭސީންތަކެއް ވަނީ ބަންދުކޮށްފައި -- ފޮޓޯ/ އިމިގްރޭޝަން

ވަރަށް މުޑުދާރުކޮށް ފާހާނާ ކައިރީގައި އެއްވެސް ކަހަލަ ސާފުތާހިރުކަމެއް ނެތް ގޮތަށް، ދިވެހީން އާންމުކޮށް ދުފަން ބޭނުންކުރާ ފޯއް ތައްޔާރުކޮށް ވިއްކަން އުޅުނު ބިދޭސީންތަކެއް އިއްޔެ އިމިގްރޭޝަނުން އަތުލައިގެންފިއެވެ.

އިމިގްރޭޝަނުން އަންނަނީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނާ ދެކޮޅަށް ޚާއްސަ އޮޕަރޭޝަނެއް ކުރިއަށް ގެންދަމުންނެވެ.

އިމިގްރޭޝަނުން މިއަދު ބުނީ، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނާ ގުޅޭ ގޮތުން މާލޭ ސިޓީ ކައުންސިލުން ހިއްސާކުރި މައުލޫމާތާ ގުޅިގެން އިއްޔެ ހިންގި ރެއިޑެއްގައި މ. ރީތި އޯކިޑްގެ ބަލައި ފާސްކޮށް، ގަވާއިދާ ހިލާފަށް އުޅެމުންދިއަ ދެ ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.

މުޑުދާރުކޮށް ފޯއް ތައްޔާރުކުރަނީ: ފޯއްތައް ހުރީ ފާހާނާ ދޮރުމައްޗަށް އުކާލާފައި -- ފޮޓޯ/ އިމިގްރޭޝަންސް

އެ ތަނަކީ ފޯއް ތައްޔާރުކޮސް، އޭގެ ވިޔަފާރިކުރި ތަނެއްކަން ފާހަގަކޮށް އިމިގްރޭޝަނުން ބުނީ އެ ތަނުގެ ސާފުތާހިރުކަން އިންތިހާއަށް ދަށްވުމުން ކަމާ ބެހޭ އިދާރާތަކަށް އެ މައުލޫމާތު ހިއްސާކޮށްފައިވާ ކަމަށެވެ.

އިމިގްރޭޝަނުން ހިއްސާކުރި ފޮޓޯތަކުން ފެންނަނީ އެ ގޭގައި އެއްވެސް ސާފުތާހިރުކަމެއް ނެތް ފާހާނާއެއްގެ ދޮރު ބުޑުގައި ގޯންޏެއް ބާއްވައިގެން ފޯއް ހިއްކަމުން ދިޔަ ތަނެވެ. އެ ދޮރު ބުޑުގައި އެހެން ހަމެއްގައި ފޯއް އަޅާފައި ހުރި މަންޒަރު ވެސް ފެނެއެވެ.

އެ ގޭ ތެރޭގައި ވެސް ފޯއްތައް ހުރީ މުޑުދާރުކޮށް އުކާލައިފައެވެ. އެ މަތިން އެ މީހުން ބޭނުންކުރާ އަންނައުނު ހިއްކަން އަޅާފައި ހުރި ތަން ވެސް ފެނެއެވެ.

ފޯއްތައް ކޮށާފައި ގޭ ތަޅުންގަނޑަށް އުކާލާފައި: މިއީ ބަޔަކު ވިއްކަން ތައްޔާރުކުރާ އެއްޗެއް -- ފޮޓޯ/ އިމިގްރޭޝަންސްް

އެ މީހުން ކައްކަން ބޭނުންކުރި ގޭސް އުދުން ވެސް ހުރީ އެއްވެސް ވަރަކަށް ސާފުނުކޮށް، ތަށި ދޮންނަ ސިންކު ކައިރީގައެވެ.

އިމިގްރޭޝަނުން ބުނީ، އެ ތަނުން އަތުލައިގެން ދެ ބިދޭސީންގެ އިތުރުން، ކުދި އަދި މެދުފަންތީގެ ވިޔަފާރިއަށް ޚާއްސަކޮށްގެން ހުޅުވި އެސްއެމްއީ ހަބްގައި ގަވާއިދާ ހިލާފަށް ވިޔަފާރި ކުރަމުން އައި ބިދޭސީންގެ މައުލޫމާތު "އިމިގްރޭޝަން ވޮޗް"އަށް ލިބިފައިވުމާ ގުޅިގެން، އެ ތަން ބަލައި ފާސްކޮށް، ގަވާއިދާ ހިލާފަށް އުޅެމުންދިއަ ތިން ބިދޭސިއަކު އެ ތަނުން ވެސް އަތުލައިގެންފައިވާ ކަމަށެވެ.

ފާހަގަކޮށްލެވޭ ގޮތުގައި އިމިގްރޭޝަނުން މީގެ ކުރިން ވެސް ވަނީ މުޑުދާރުކޮށް ކާބޯތަކެތި ތައްޔާރުކޮށް ބޭނުންކުރަމުން އައި ބިދޭސީން އަތުލައިގެންފައެވެ.

މުޑުދާރުކޮށް ފޯއް ތައްޔާރުކުރި ގޭ އުނދުން: މި ތަނުގެ މައްސަލަ ވަނީ ކަމާ ބެހޭ އިދާރާތަކަށް ހުށަހަޅާފައި -- ފޮޓޯ/ އިމިގްރޭޝަންސް

ކާބޯތަކެތި ރައްކާތެރިކަމުގެ ބިލް މަޖިލީހުން ފާސްކޮށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަނީ މިދިޔަ މޭ މަހުގެ 23 ވަނަ ދުވަހު އެ ބިލް ތަސްދީގު ވެސް ކުރައްވައިފައެވެ.

މި ގާނޫނަކީ، ދިވެހިރާއްޖޭގައި އުފައްދާ އަދި ބޭނުންކުރާ ކާބޯތަކެއްޗާއި، ދިވެހިރާއްޖެއަށް އިމްޕޯޓުކުރާ އަދި ދިވެހިރާއްޖެއިން އެކްސްޕޯޓުކުރާ ކާބޯތަކެއްޗަކީ ރައްކާތެރި ކާބޯތަކެތިކަން ކަށަވަރުކުރުމަށް ބާރު އަޅައި ގާނޫނެކެވެ. އަދި، ސިއްހަތަށް ފައިދާހުރި، އަދި އާންމު ސިއްހަތަށް ގެއްލުންނުވާފަދަ ތަކެތިކަން ކަށަވަރުކުރުމަށް ޓަކައި ކާބޯތަކެތީގެ ފެންވަރު ހިފެހެއްޓުމާއި، ރައްކާތެރިކަން ދެމެހެއްޓުމާގުޅޭ އުސޫލުތަކާއި މިންގަނޑުތައް ކަނޑައެޅުމަށް ހަދާފައިވާ ގާނޫނެކެވެ.

https://sun.mv/195190

މީގެ އިތުރުން، މި ގާނޫނުގެ ދަށުން ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނުގައާއި ކާބޯތަކެތީގެ ޚިދުމަތްދޭ ފަރާތްތަކުން ޢަމަލުކުރަންޖެހޭ އުސޫލުތަކާއި މިންގަނޑުތައް ކަނޑައަޅާނެއެވެ. އަދި، ކާބޯތަކެއްޗަކީ، އިންސާނުން ބޭނުންކުރުމަށް ސިއްހީގޮތުން އެކަށީގެންވާ ރައްކާތެރި ތަކެތި ކަމުގައި ހެދުމަށް ޓަކައި ކަނޑައަޅަންޖެހޭ އެ ނޫން ވެސް އުސޫލުތަކާއި މިންގަނޑުތައް ހިމެނެއެވެ.

އެގޮތުން، ދިވެހިރާއްޖެއަށް އިމްޕޯޓުކުރާ އަދި ދިވެހިރާއްޖެއިން އެކްސްޕޯޓުކުރާ އަދި ދިވެހިރާއްޖޭގައި އުފައްދާ އަދި ދިވެހިރާއްޖޭގައި ބޭނުންކުރާ ކާބޯތަކެތީގެ ފެންވަރު ހިފެހެއްޓުމަށާއި ޞިއްޙީ ރައްކާތެރިކަން ކަށަވަރުކުރުން ހިމެނެއެވެ.

މި ގާނޫނަށް މި މަހުގެ 24 އިން ފެށިގެން އަމަލުކުރަން ފަށާނެއެވެ.

comment ކޮމެންޓް