އިސްރާއީލަށް ހަތިޔާރު ވިއްކުމާ ގުޅިގެން އަޔަލޭންޑްގެ ޑަބްލިންގައި ހުންނަ އިނގިރޭސި އެމްބަސީގައި މަސައްކަތްކުރައްވާ އިނގިރޭސި ޑިޕްލޮމެޓެއްކަމަށްވާ، މާކް ސްމިތެ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.
އޭނާ ފޮނުވި އިސްތިއުފާގެ އީމެއިލްގެ ސްކްރީންޝޮޓްތައް އާންމުވެފައިވާއިރު، އޭގައި ވާގޮތުގައި އިނގިރޭސިވިލާތުން އިސްރާއީލަށް ހަތިޔާރު ވިއްކުން ކުރިއަށް ގެންދަންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށެވެ.
ހަތިޔާރު ވިއްކުމުގެ ސިޔާސަތުގެ މާހިރެއްގެ ގޮތުގައި ސިފަކުރާ ސްމިތު އަކީ ފޮރިން އޮފީސް (އެފްސީޑީއޯ) ގެ ނިސްބަތުން ޖޫނިއާ މަގާމެއް ކަމަށްވާ ކައުންޓާ ޓެރަރިޒަމް އާ ގުޅޭ ސެކަންޑް ސެކްރެޓަރީއެކެވެ.
"ކޮންމެ ދުވަހަކު ވެސް ޣައްޒާއިން އަޅުގަނޑުމެންނަށް ފެންނަނީ އިސްރާއީލު ދައުލަތުން ހިންގާ ހަނގުރާމަވެރި ޖަރީމާތަކާއި ބައިނަލްއަގްވާމީ އިންސާނީ ގާނޫނުތަކާ ހިލާފުވުމުގެ ސާފު އަދި ސުވާލު ނުކުރެވޭ މިސާލުތައް," އިސްތިއުފާގެ އީމެއިލްގައި ސްމިތު ލިޔުއްވައިފައިވެއެވެ.
އޭނާ ވިދާޅުވީ އެފްސީޑީއޯގެ ފަރާތުން އޭނާ ފާޅުކުރައްވައިފައިވާ ހަތިޔާރު ވިއްކުމުގެ ގާނޫނީ ކަމާ ގުޅޭ ކަންބޮޑުވުންތަކަށް ސަރުކާރުން އަޅައިނުލައި ކަމަށާއި، ހަތިޔާރު އެކްސްޕޯޓް ކުރުމުގެ ލައިސަންސް ދިނުމުގެ ހަރުދަނާ އަދި ހާމަކަން ބޮޑު ނިޒާމެއް ގާއިމުކުރުން އިނގިރޭސިވިލާތުގެ ސަރުކާރަށް ނާކާމިޔާބުވެފައިވާ ކަމަށެވެ.
"އަޅުގަނޑުގެ އިސްތިއުފާގެ މައުލޫމާތު ފޮރިން ސެކްރެޓަރީއަށް ހުށަހަޅައިފިން. އަދި ޣައްޒާގެ ހާލަތާ މެދު އިނގިރޭސިވިލާތުން ގެންގުޅޭ ގޮތް އަވަހަށް މުރާޖައާ ކުރުމަށް އިލްތިމާސް ކޮށްފައިވާނެ," އިސްތިއުފާއަށްފަހު ސްމިތު ނެރުއްވި ބަޔާނެއްގައި ބުނެފައިވެއެވެ.
ސަރުކާރުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އިސްރާއީލުން ފަލަސްތީނުގެ ޣައްޒާއަށް ހަމަލާ ދޭންފެށި، އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން މެއި މަހުގެ ނިޔަލަށް އިނގިރޭސިވިލާތުން އިސްރާއީލަށް 42 އަސްކަރީ ލައިސަންސް ދީފައިވެއެވެ.