ގޭ ފައިފުހި ބަދަލުކުރާކަށް ނުވޭތަ؟

ގޭގައި ބާއްވާފައި އޮންނަ ފައިފުހީގެ ސާފުތާހިރުކަމަކީ އާއިލާގެ ހުރިހާ މެމްބަރުންގެ ވެސް ދުޅަހެޔޮ ސިއްހަތާ ގުޅިލާމެހިފައިވާ ކަމެއް--ފޮޓޯ/ޕިންޓްރެސްޓް

ގެއަށް ވަންނަ މައިދޮރުމައްޗަކީ އަބަދު ވެސް ވަރަށް ރީތިކޮށް ބޭއްވުމަށް ސަމާލުކަންދޭ ތަނެކެވެ. ހަމައެއާ އެއްގޮތަށް މައިދޮރުން ވަދެގެން ގޭތެރެއަށް ވަންނަން ދާއިރު ގިނަ ބަޔަކަށް އެންމެ ފުރަތަމަ މަރުހަބާ ކިޔާނީ އެ ގެއެއްގެ ދޮރުމަތީގައި ބާއްވާފައި އޮންނަ ފައިފުއްސެވެ.

މިއީ އަބަދު ވެސް ވަރަށް ސާފުތާހިރުކޮށް ގެންގުޅެން ޖެހޭ އެއްޗެކެވެ. ގޭގެ ދޮރުމަތީގެ އިތުރުން ބައެއް ގެތަކުގެ ކޮޓަރި އަދި ފާޚާނާ ދޮރުމަތީ ވެސް އެ ތަނަކަށް ޚާއްސަ ފައިފުއްސެއް ބާއްވާފައި އޮވެއެވެ. ބޭރު ތެރޭގައި ގިނަ ވަގުތު އުޅުމަށްފަހު ގެއަށް އައިސް އެންމެ ފުރަތަމަ ފައި ހާކާލެވޭ އެއްޗަކީ ފައިފުއްސެވެ.

ގޭތެރޭގައި ގެންގުޅޭ ފައިފުއްސަކީ ހާއްސަ ސަމާލުކަމެއްދީގެން ސާފުތާހިރުކޮށް ބާއްވަންޖެހޭ އެއްޗެއް--ފޮޓޯ/ޕިންޓްރެސްޓް
އަޅުގަޑުމެން ދިރިއުޅޭ ގޭތެރޭގެ ސާފުތާހިރުކަން ދެމެހެއްޓުމަށް ގޭގައި އޮންނަ ފައިފުހި ގަވައިދުން ދޮވެ ހަދާއިރު އެއީ ވަކި މުއްދަތެއް ވުމުން ބަދަލުކުރަންޖެހޭ އެއްޗެއްކަން އެނގޭހެއްޔެވެ؟

ސާފުކުރުމުގެ އެކްސްޕާޓެއް ކަމަށްވާ ބީޓްރީސް ފްލޯރާ ބުނާގޮތުން ފައިފުހި ބަދަލުކުރާނެ މިންވަރު ދެނެގަނެވޭނީ އެ ގެއެއްގައި ފައިފުހި ބޭނުންކުރާ މިންވަރުގެ މައްޗަށް ބަލާފައެވެ. ގެއަށް ވަދެ ނުކުމެ އުޅޭ މީހުންގެ އަދަދު ގިނަވާނަމަ އަވަސް އަވަހަށް ފައިފުހި ބަދަލުކުރުމުގެ އާދަ ގެންގުޅުމަށް އޭނާ ވަނީ ލަފާ ދީފައެވެ.

ފައިފުއްސަކީ ގެއަށް ވަންނަ ކޮންމެ މީހަކަށްވެސް އެންމެ ފުރަތަމަ މަރުހަބާ ކިޔާ ލޮލުގައި އަޅައިގަންނަ އެއްޗެއް--ފޮޓޯ/ޕިންޓްރެސްޓް
ދިގުމުއްދަތަކަށް ގެންގުޅެވޭ ކަހަލަ ފައިފުއްސެއް ހޯދާނަމަ ދެމެހެއްޓެނިވި މެޓީރިއަލްއެއް އިޚުތިޔާރުކުރުން ރަނގަޅެވެ. އެގޮތުން، ފަސޭހައިން ކައްސާނުލާނެ ކަހަލަ ބާވަތެއް ޚިޔާރުކުރެވިދާނެއެވެ. މިއީ ކުޑަކުދިންނާއި މުސްކުޅިންނާއި ގޭގައި އޮޅުކޮށްގެން ގެންގުޅޭ ޖަނަވާރުތަކަށް ވެސް އެންމެ ރައްކާތެރި ބާވަތުގެ ފައިފުއްސެވެ.

ބީޓްރީސްގެ އަމިއްލަ ތަޖުރިބާގެ މައްޗަށް ބެލުމަށް ފަހު ލަފާދީފައިވާ ގޮތުގައި ގޭގައި ބޭއްވުމަށް އެންމެ ރަނގަޅު ބާވަތަކީ ރަބަރުން އުފައްދާފައިވާ ފައިފުއްސެވެ.

ރަބަރަކީ އޭގެ ޒާތުގެ ގޮތުން ވަރަށް ވަރުގަދަ މެޓީރިއަލެއް ކަމަށާއި މޯލްޑް އަދި މިލްޑިއުއަށް ވެސް ރެސިސްޓެންޓް އެއްޗެކެވެ. ސާފުކުރަން ފަސޭހަ އެއްޗަކަށް ރަބަރު އުފައްދާފައިވާ ފައިފުހިތައްވާއިރު ވަރަށް ހިތްގައިމު މަންޒަރުތަކުގެ ރަބަރު ފައިފުހިތައް މިހާރު ބާޒާރުން ލިބެންހުރެއެވެ.

comment ކޮމެންޓް