މިދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު، މި އަހަރު ރާއްޖެ އައި ފަތުރުވެރިންގެ އަދަދު 14.9 އިންސައްތަ އިތުރުވެފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
އެ މިނިސްޓްރީން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުގައިވާ ގޮތުން މި ހިނގާ އޮގަސްޓުމަހުގެ ތެރޭގައި މިހާތަނަށް 109,415 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގެ ތެރޭގައި ރާއްޖެ އައީ 95,196 ފަތުރުވެރިންނެވެ.
މި މަހުގެ މިހާތަނަށް އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖެ އައީ މިދިޔަ ބުދަ ދުވަހުގައެވެ. އެ ދުވަހު އެކަނި ވެސް 7,032 ފަތުރުވެރިން ރާއްޖެ އައެވެ.
އެވަރެޖުކޮށް ދުވާލެއްގެ މައްޗަށް 5،619 ފަތުރުވެރިން ރާއްޖެ އަންނައިރު، އެ މީހުން ހަފުތާއެއް ރާއްޖޭގައި ހޭދަކުރާ ކަމަށް އެ ހިސާބުތަކުން ދައްކައެވެ.
މިނިސްޓްރީގެ ތަފާސްހިސާބުގައިވާ ގޮތުން އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން މިހާރު ރާއްޖެ އަންނަނީ ޗައިނާއިންނެވެ. އެ ގޮތުން މި އަހަރުގެ މިހާތަނަށް ޗައިނާގެ 184,632 ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ. މި އަހަރުގެ މިހާތަނަށް ރާއްޖެ އައި ފަތުރުވެރިންގެ 14.3 އިންސައްތަ ހިއްސާ ކުރަނީ ޗައިނާގެ ފަތުރުވެރިންނެވެ. މިދިޔަ އަހަރު ނިމުނުއިރު، އެއީ ތިންވަނަށް އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖެ އައި ގައުމެވެ.
ދެވަނައަށް އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖެ އައިސްފައިވަނީ ރަޝިޔާއިންނެވެ. މި އަހަރުގެ މިހާތަނަށް 139,308 ރަޝިޔާގެ ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ. ރާއްޖެ އައި ޖުމްލަ ފަތުރުވެރިންގެ 10.8 ހިއްސާ ކުރަނީ އެ ގައުމުންނެވެ.
ތިންވަނައަށް އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖެ އައިސްފައިވަނީ އިނގިރޭސިވިލާތުންވެ. އަހަރުގެ މިހާތަނަށް 112,656 އިނގިރޭސި ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ. މި އަހަރުގެ ތެރޭގައި ރާއްޖެ އައި ޖުމްލަ ފަތުރުވެރިންގެ 8.7 އިންސައްތައަކީ އިނގިރޭސި ފަތުރުވެރިންނެވެ.
އެންމެ ގިނައިން ފަތުރުވެރިން ރާއްޖެ އަންނަ ފަސް ގައުމުގެ ތެރޭގައި، އިންޑިއާ ހިމެނިފައެއް ނެތެވެ. އެއީ މިދިޔަ އަހަރު އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖެ އައި ގައުމެވެ.
ރާއްޖޭގައި 182 ރިޒޯޓު އޮތްއިރު އޭގެ ތެރެއިން 174 ރިޒޯޓެއްގައި ފަތުރުވެރިންނަށް ޚިދުމަތްދެއެވެ. ރާއްޖޭގެ އޮޕަރޭޝަނަލް ކެޕޭސިޓީގައި ހުރި 42،955 އެނދު ހިއްސާ ކުރަނީ ރިޒޯޓުތަކުންނެވެ. އެއީ 68 އިންސައްތައެވެ.
ގެސްޓްހުސްތަކުން ފަތުރުވެރިކަމުގެ 24 އިންސައްތަ ހިއްސާކުރާއިރު، ރާއްޖޭގެ 20 އަތޮޅެއްގައި 118 ގެސްޓްހައުސް ހިންގައެވެ.
މި އަހަރުގެ މިހާތަނަށް 1.2 މިލިއަން ފަތުރުވެރިން ރާއްޖެ އައިއިރު، ސަރުކާރުގެ އަމާޒަކީ މި އަހަރުގެ ނިޔަލަށް ދެ މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުމެވެ.