ކެނދިކުޅުދޫގައި 50 އެނދުގެ އީކޯ ލަގްޒަރީ ހޮޓަލެއް އަޅަނީ

ކެނދިކުޅުދޫގައި ޓޫރިސްޓް ފެސިލިޓީއެއް ގާއިމުކުރުމަށް ސްޓާކެން ކޮންސަލްޓިން ޕްރައިވެޑް ލިމިޓެޑާ ހަވާލުކުރުން---- ފޮޓޯ/ ކެނދިކުޅުދޫ ކައުންސިލް

ނ. ކެނދިކުޅުދޫގައި ޓޫރިސްޓް ފެސިލިޓީއެއް ގާއިމުކުރަން ސްޓާކެން ކޮންސަލްޓިން ޕްރައިވެޓް ލިމިޓެޑާ މިއަދު ހަވާލުކޮށްފިއެވެ.

މި ކަމަށް ޚާއްސަކޮށް ކެނދިކުޅުދޫ ކުޅި ސަރަހައްދުގައި ބޭއްވި ރަސްމިއްޔާތުގައި ސްޓާންގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރީ އެ ކުންފުނީގެ ޑިރެކްޓަރު ސާމިޙް މުޙައްމަދެވެ. ކެނދިކުޅުދޫ ކައުންސިލްގެ ފަރާތުން ސޮއިކުރީ ކައުންސިލްގެ ރައީސް މުޙައްމަދު ރަޢޫފެވެ.

މި އެއްބަސްވުމުގެ ދަށުން ކެނދިކުޅުދޫއިން 50 އަހަރަށް ކުއްޔަށް ދޫކުރާ އެއް ހެކްޓަރުގެ ބިމުގައި 50 އެނދުގެ ލަގްޒަރީ ހޮޓަލެއް އެޅުމަށާއި ފަތުރުވެރިންނަށް ބޭނުންވާނެ ޚިދުމަތްތައް ގާއިމުކުރުމަށް ހަމަޖެހިފައިވާ ކަމަށް އެ ރަށު ކައުންސިލުން ބުންޏެވެ.

މި މަޝްރޫޢަށް ސްޓާކެންގެ ފަރާތުން 80 މިލިއަން ރުފިޔާ އިންވެސްޓްކުރަން ވަނީ ނިންމައިފައެވެ.

ކެނދިކުޅުދޫގައި ޓޫރިސްޓް ފެސިލިޓީއެއް ގާއިމުކުރުމަށް ސްޓާކެން ކޮންސަލްޓިން ޕްރައިވެޑް ލިމިޓެޑާ ހަވާލުކުރުން --- ފޮޓޯ/ ކެނދިކުޅުދޫ ކައުންސިލް

އެ ރަށު ކައުންސިލުން ބުނީ، ކޮންސެޕްޓާއި ކުރެހުމާ އެކު މިހާރު އަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާ މި ހޮޓަލުގެ މަސައްކަތް އަންނަ އަހަރުގެ ސެޕްޓެމްބަރަށް ނިންމާލެވޭނެ ކަމަށް ސްޓާކެންއިން ލަފާކުރާ ކަމަށެވެ.

ހޮޓަލުގައި 100 އަށްވުރެ ގިނަ މުވައްޒަފުން މަސައްކަތް ކުރާނެ ކަމަށާއި މުވައްޒަފުން ނެގުމުގައި ޚާއްސަ ގޮތެއްގައި އިސްކަންދޭނީ ކެނދިކުޅުދޫއާއި ނ. އަތޮޅަށް ނިސްބަތްވާ މީހުންނަށް ކަމަށް ކައުންސިލުން ވަނީ ބުނެފައެވެ.

މާފަރު އިންޓަނޭޝަނަލް އެއާޕޯޓުން ލޯންޗުގައި 10 ވަރަކަށް މިނެޓުން ދެވޭ ހިސާބުގައި އޮތް ކެނދިކުޅުދޫއަކީ، ގުދުރަތީ ގޮތުން ރީތި ކަނޑޫފަލަކާއި ކުޅިއެއް އޮންނަ ރަށެކެވެ.

އެ ކުޅިއާއި ކަނޑޫފަލަކީ ރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުމާބެހޭ ގާނޫނުގެ ދަށުން ހިމާޔަތްކޮށްފައިވާ ތަނެކެވެ. އެހެންވުމުން ސްޓާކެންގެ ފަރާތުން މި ހޮޓާ ވެސް އަޅާނީ ތިމާވެއްޓަށް ޚާއްސަ ސަމާލުކަމެއް ދީގެން، އީކޯ ލަގްޒަރީ ހޮޓަލެއްގެ ގޮތުގައި ކަމަށް ކައުންސިލުން ވަނީ ބުނެފައެވެ.

comment ކޮމެންޓް