ތިމާވެއްޓަށް ގެއްލުން ދިނުމުގެ އެކި މައްސަލަތަކުގައި ކޮށްފައިވާ ޖޫރިމަނާގެ ފައިސާ ދައުލަތަށް ނުލިބި ދިގުލައިގެން ދަނީ އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)ގެ ފަރުވާ ކުޑަކަމުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ އެންވަޔަރަމަންޓް ކޮމިޓީގެ މެމްބަރުން މިއަދު ވިދާޅުވެއްޖެއެވެ.
އެ ކޮމިޓީގައި ވާހަކަދައްކަވަމުން ގެމަނަފުށީ ދާއިރާގެ މެންބަރު އަސަދުﷲ ޝިހާބު ވިދާޅުވީ، އެ ޖޫރިމަނާތަކުގެ ފައިސާ މިހާ ގިނަ ދުވަހު ދައުލަތަށް ނުލިބި އޮތީ އީޕީއޭއިން ރަނގަޅަށް ނުބެލުމުގެ ސަބަބުން ކަމަށެވެ. އެހެންކަމުން އެ ފައިސާ ލިބުމުގައި ހުރި ދަތިތައް ބަލަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.
މި ފައިސާ ލިބުމުގައި ދަތިވެފައި ހުރި ކަންކަން ބަލަންޖެހޭ. ކީއްވެގެންތޯ މި ފައިސާ ނުލިބި ހުރީ. އަޅުގަނޑަށް ހީވަނީ އެންމެ ފުރަތަމަ އީޕީއޭއާ ކަންނޭނގޭ މަޝްވަރާ ކުރަންވީ. އަޅުގަނޑު އަމިއްލައަށް ގަބޫލުކުރަނީ އީޕީއޭގެ ބެލުން މީގަ ކުޑަ ކަމަށް، ގެމަނަފުށީ ދާއިރާގެ މެންބަރު އަސަދުﷲ ޝިހާބު
އީޕީއޭ ފަރުވާކުޑަކަމަށް އޭނާ ވިދާޅުވީ ވަރަށް ގިނަ ދުވަސްވީ އިރުވެސް ބައެއް މައްސަލަތަކުގެ ތަހުގީގު ނުނިންމާ އޮތް ކަމަށް ފާހަގަކުރައްވައެވެ. އަދި ތަހުގީގު ފުރިހަމަ ކުރުމެއްނެތި އީޕީއޭއިން ބައެއް މައްސަލަތައް ނިންމާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ކޮމިޓީގައި އެ މައުޟޫއަށް ވާހަކަދައްކަވަމުން މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރު ވިދާޅުވީ، އެޓާނީ ޖެނަރަލް (އޭޖީ) އޮފީހުން އެކަމާ ގުޅިގެން ފޮނުވި ސިޓީގައި ވެސް ޖޫރިމަނާތައް ދެއްކުން ލަސްވެފައިވާ ސަބަބުތައް ބަޔާންކޮށްފައެއް ނެތް ކަމަށެވެ.
ޒަރީރު ވިދާޅުވި ގޮތުގައި ތިމާވެއްޓަށް ލިބޭ ގެއްލުންތަކުގައި ވަރަށް ފަސޭހައިން ޖޫރިމަނާތައް ކުރެއެވެ. އެހެންނަމަވެސް އޭޖީ އޮފީހުގެ ލިޔުންތަކަށް ބެލުމުން އެނގެނީ އެގޮތަށް ޖޫރިމަނާކުރި އެއްވެސް މައްސަލައެއް ނުނިމޭކަން ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެފަދަ އެއްވެސް މައްސަލައެއް ކޯޓު މަރުހަލާގައި ވެސް ނުނިމި އޮތުމަކީ "ތަންފުކެއް ބޮޑުވަރު" ކަމަށް ޒަރީރު ވިދާޅުވިއެވެ.
މައްސަލަތައް ދިގުލައިގެން ގޮސް އޭޖީގައި އެބަހުރި. ކޮބާތޯ ކޮންކަމެއްގެ ސަބަބުންތޯ ލަސްވަނީ އެ މައުލޫމާތެއް ނެތް. ހަމައެއާއެކު ބައެއް މައްސަލަތައް 2016 ގައި ހިނގި ކަންކަން އެބަހުރި އޭޖީގައި ތާށިވެފައި، ވަރަށް ދެރަ މައްސަލައެއް، މާބޮޑު މައްސަލަތަކެއް ވެސް ނޫން އެކަމަކު މައްސަލަތައް ހުރިއްޔާ ދައުލަތުގެ ޒިންމާއެއް ދެއްތޯ ދައުވާކުރުން، މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރު
އެ ވާހަކަތަކަށް ފަހު އަސަދުﷲ ވަނީ އީޕީއޭގެ އިސްވެރިން ކޮމިޓީއަށް ހާޒިރުކުރަން ހުށަހަޅުއްވާފައެވެ. އެއާއެކު މެންބަރު ޒަރީރު ވަނީ އެ ހުށަހެޅުމަށް ތާއީދުކުރައްވާފައެވެ.
ތިމާވެއްޓަށް ގެއްލުމެއް ވެގެން މީގެ ކުރިން ވެސް ބޮޑެތި އަދަދުތަކުން އެތައް ޖޫރިމަނާތަކެއް ކޮށްފައި އެބަހުއްޓެވެ. އެހެންނަމަވެސް ގިނަ ފަހަރަށް އެ ފައިސާ ދައުލަތަށް ލިބިފައެއް ނެތެވެ.