ދައުލަތަށް 100،000 ރުފިޔާ ލިބެންޖެހޭ މައްސަލައެއް އޭޖީގެ އިހުމާލުން ބޭރުކޮށްލައިފި

ސިވިލް ކޯޓު -- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ދައުލަތަށް ލިބެންޖެހޭ 100،000 ރުފިޔާ ހޯދުމަށް ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގައި އެޓާނީ ޖެނެރަލް (އޭޖީ) އޮފީހުން ހާޒިރުނުވުމުން، ސިވިލް ކޯޓުން މިއަދު އެ މައްސަލަ ބޭރުކޮށްލައިފިއެވެ.

މި މައްސަލައަކީ ޅ. ނައިފަރު، ހިރުދުގަސްދޮށުގޭ މަހުމޫދު އަބްދުﷲގެ މައްޗަށް ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާއެއް ސާބިތުވެ، 2019ވަނަ އަހަރު އޭނާ އުމުރަށް ޖަލަށްލުމާ އެކު 100،000 ރުފިޔާއިން ޖޫރިމަނާ ކުރުމުން، އެ ފައިސާ ދައްކާފައިނުވާތީ، އޭޖީގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައެކެވެ.

މަހުމޫދު އުމުރަށް ޖަލަށްލުމާއެކު 100،000 ރުފިޔާއިން ޖޫރިމަނާކޮށް، އެ ފައިސާ ދައްކަން ހުކުމްކޮށްފައި އޮތީ ހުކުމްކުރާ ދުވަހުން ފެށިގެން މަސްދުވަސް ތެރޭގައެވެ.

އެހެން ނަމަވެސް އޭނާގެ ފަރާތުން ޖޫރިމަނާ ފައިސާ ދައްކާފައިނުވާތީ، އޭޖީން ސިވިލް ކޯޓަށް އެ މައްސަލަ ހުށަހެޅީ މިދިޔަ 2022ވަނަ އަހަރުގެ 17 އޮގަސްޓުގައެވެ.

މި މައްސަލައިގެ ހުކުމްގައި ސިވިލް ކޯޓުން ބުނެފައިވަނީ ޝަރީއަތުގެ މަޖިލީހަށް ހާޒިރުވުމަށް މިދިޔަ ބުރާސްފަތި ދުވަހު އޭޖީ އޮފީހަށް އަމުރު ފޮނުވާފާއިވާނެ ކަމަށެވެ. އެހެން ނަމަވެސް މިއަދުގެ އަޑުއެހުމަށް އޭޖީ އޮފީހުގެ ފަރާތުން ހާޒިރެއް ނުވިއެވެ.

ސިވިލް ކޯޓުން ބުނީ އޭޖީ އޮފީހުން އަޑުއެހުމަށް ހާޒިރުނުވީ މަގުބޫލް ސަބަބެއް ބަޔާން ނުކޮށް ކަމަށެވެ.

އެހެން ކަމުން މި މައްސަލަ އެ ކޯޓުންވަނީ ބޭރުކޮށްލައިފައެވެ.

comment ކޮމެންޓް