ޕެރަލިމްފިކް ގޭމްސްގައި ވާދަކުރާ ޓީމާ ވަޒީރު ބައްދަލުކުރައްވާ ހިތްވަރު ދެއްވައިފި

ޕެރަލިމްފިކް ގޭމްސްގައި ވާދަކުރާ ޓީމާ ވަޒީރު ބައްދަލުކުރައްވާ ހިތްވަރު ދެއްވުން -- ފޮޓޯ/ މިނިސްޓްރީ

ފްރާންސްގައި ބާއްވާ ޕެރަލިމްފިކް ގޭމްސްގައި ރާއްޖެއިން ބައިވެރިވާ ޓީމާ، ކުޅިވަރާއި ހަށިހެޔޮކަމާބެހޭ ވަޒީރު، އަބްދުﷲ ރާފިއު ބައްދަލުކުރައްވާ ހިތްވަރުދެއްވައިފިއެވެ.

މި ބައްދަލުވުން އޮތީ މިއަދު ހެނދުނު ކުޅިވަރާ ހަށިހެޔޮ ކަމާބެހޭ ވުޒާރާގައެވެ. މި ބައްދަލުވުމުގައި އެމިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ރިޔާޒާއި، މޯލްޑިވްސް ޕެރަލިމްޕިކް ކޮމިޓީގެ ރައީސް އައިޝަތު ނަޒްހަތު ބައިވެރިވެ ވަޑައިގަތެވެ.
މި ރަސްމިއްޔާތުގައި ވަޒީރު ވަނީ ޓީމާ ޖާޒީ ހަވާލު ކޮށްދެއްވާފައެވެ. ޓީމަށް ހިތްވަރުދެއްވަމުން ވަޒީރު އެދިވަޑައިގެންނެވީ ރަނގަޅު ނަތީޖާތަކެއް ލިބޭނެކަމަށް އުއްމީދު ކުރައްވާ ނަތީޖާ ހޯދުމަށް ގަދައަޅާ މަސައްކަތްކުރުމަށެވެ.

މި ޓީމުގައި ހިމެނޭ ޕެރަ އެތުލީޓުންނަކީ، ފާތިމަތު އިބްރާހީމް، އޭނާގެ ގައިޑް ރަނާ ފާތިމަތު ޝަމްހާ އާއި އަބްދުލް ރައްޒާގު އަދި އޭނާގެ ގައިޑް ރަނާ ހުސެއިން ޝިފާޒެވެ.

މިޓީމު ބައިވެރިވުމަށް ހަމަޖެހިފައިވަނީ 100 މީޓަރާއި 200 މީޓަރު ދުވުމުގައެވެ. ރާއްޖެއިން ޕެރަލިމްޕިކްގައި ބައިވެރިވުމަށް މިފަހަރު ފުރުސަތު ލިބިފައިވަނީ ހަމައެކަނި އެތުލެޓިކްސް އިވެންޓުގައެވެ.

މިޓީމުގެ ކޯޗެއްގެ ގޮތުގައި ވަޑައިގަންނަވާނީ އަބްދުﷲ މަސްއޫދުއެވެ. އަދި ކޮންޓިންޖެންޓުގެ ޗެފް ޑެ މިޝަންގެ ގޮތުގައި ވަޑައިގަންނަވާނީ މޯލްޑިވްސް ޕެރެލިމްޕިކް ކޮމިޓީގެ ސެކެރެޓަރީ ޖެނެރަލް، އަހްމަދު މުހައްމަދެވެ.

މިއީ ޕެރެ އެތުލީޓު ފާތިމަތު އިބްރާހިމް ވާދަކުރާ ދެވަނަ ޕެރަލިމްޕިކް ގޭމްސްއެވެ. މީގެކުރިން 2021ވަނަ އަހަރު ޖަޕާނުގައި ބޭއްވުނު ޓޯކިއޯ 2020 ޕެރަލިމްޕިކް ގޭމްސްގައި ފާތިމަތު އިބްރާހީމާއި، މުހައްމަދު މާޒިން ބައިވެރިވެ ދިވެހި ގައުމު ތަމްސީލް ކޮށްދީފައިވެއެވެ.

މިފަހަރުގެ ޕެރެ ޓީގައި ހިމެނޭ ދެ އެތުލީޓުން ވަނީ އެންމެ ފަހުން މަޑަގަސްކަރައިގައި ބޭއްވުން އިންޑިއަން އޯޝަން އައިލޭންޑް ގޭމްސްއިން ރާއްޖެއަށް ލޯ މެޑަލް ހޯދައި ދީފައެވެ. އެހެންކަމުން މިފަހަރުގެ ޕެރަލިމްޕިކް މުބާރާތުގައި ވެސް އެދެވޭ ނަތީޖާއެއް ހޯދާނެކަމަށް އުއްމީދު ކުރެވެއެވެ.

comment ކޮމެންޓް