އިންޑިއާއިން ވެރިކަން ކުރާ ކަޝްމީރުގައި ސެޕްޓެމްބަރު 18އިން ފެށިގެން ލޯކަލް އިންތިޚާބު ބާއްވާނެ ކަމަށް އެ ސަރަހައްދުގެ އިންތިޚާބުތަކާބެހޭ މަރުކަޒުން ބުނެފިއެވެ.
މިއީ ކަޝްމީރުގައި އަމިއްލަ ސަރުކާރެއް ހިންގުން މަނާ ކުރިތާ 10 އަހަރަށްވުރެ ގިނަ ދުވަސްފަހުން އެ ސަރަހައްދުގައި ބާއްވާ ފުރަތަމަ އިންތިޚާބެވެ.
އެ ސަރަހައްދުގެ މަޖިލީހަށް ވޯޓުލުން ސެޕްޓެމްބަރު 18އާއި އޮކްޓޯބަރު އެއްވަނަ ދުވަހާ ދެމެދު ތިން މަރުހަލާއަކަށް ބަހާލައިގެން ކުރިއަށް ގެންދާއިރު، ވޯޓު ގުނަން ހަމަޖެހިފައި ވަނީ އޮކްޓޯބަރު މަހުގެ ހަތަރު ވަނަ ދުވަހުއެވެ.
ނުވަދިހަ މެންބަރުންގެ ގާނޫނު ހަދާ މަޖިލީހަށް ވޯޓުލުމަށް ގާތްގަނޑަކަށް ނުވަ މިލިއަން މީހުން ރަޖިސްޓްރީކޮށްފައިވާ ކަމަށް އިންތިޚާބުތަކާބެހޭ މަރުކަޒުން ހާމަކުރެއެވެ.
ކަޝްމީރުގައި އިންތިޚާބު ބާއްވަން ނިންމީ ކަޝްމީރަށް މީގެކުރިން ލިބެމުންދިޔަ ޚާއްސަ އިމްތިޔާޒުތައް ހޯދުމަށް އިންޑިއާގެ ސްޕްރީމް ކޯޓަށް ހުށަހެޅި ޕެޓިޝަންތައް ބާތިލް ކުރުމަށްފަހު، ސެޕްޓެމްބަރު 30ގެ ކުރިން ޕްރޮވިންސް އިންތިޚާބު ބޭއްވުމަށް އެ ކޯޓުން ކުރި ހުކުމާ ގުޅިގެންނެވެ.
ކަޝްމީރުގައި މީގެކުރިން ބޭއްވި ގިނަ އިންތިޚާބުތަކުގައި ވޯޓުލީ މީހުންގެ އަދަދު ވަރަށް ދަށެވެ. ނަމަވެސް މިއަހަރުގެ އޭޕްރީލް އަދި މެއި މަހު ބޭއްވި މަޖިލިސް އިންތިޚާބަކީ އެ ސަރަހައްދުގައި 35 އަހަރު ތެރޭގައި އެންމެ ގިނަ މީހުން ވޯޓުލައިފައިވާ އިންތިޚާބެވެ. އެ ފަހަރު ވޯޓުލާން ނިކުތް މީހުންގެ ނިސްބަތަކީ 58.46 އިންސައްތައެވެ.
ކަޝްމީރުގެ މައްސަލައަކީ 1948ވަނަ އަހަރު އިންޑިޔާއާއި ޕާކިސްތާނު އުފެދުނީއްސުރެ ޙައްލުނުވެ އޮތް މައްސަލައެކެވެ. އިންޑިޔާއާއި ޕާކިސްތާނުން ދައުވާކުރާ ގޮތުގައި ކަޝްމީރަކީ އެ ދެ ގައުމުގެ ސަރަހައްދެކެވެ. މިހާތަނަށް އިންޑިޔާއާއި ޕާކިސްތާނުން ކުރި ތިން ހަނގުރާމައިގެ ތެރެއިން ދެ ހަނގުރާމަކޮށްފައިވަނީ ކަޝްމީރުގެ މައްސަލައިގައެވެ.
ދެހާސް ނަވާރަ ވަނަ އަހަރުގެ އޮގަސްޓު މަހުގެ ފަސްވަނަ ދުވަހު އިންޑިޔާއިންވަނީ އެ ގައުމުގެ ގާނޫނުއަސާސީއަށް ބަދަލު ގެނެސް ކަޝްމީރަކީ އިންޑިޔާގެ ބައެއްގެ ގޮތުގައި ކަނޑައަޅައިފައެވެ. އަދި އެ ސްޓޭޓަށް ލިބެމުންދިޔަ ޚާއްސާ އިމްތިޔާޒުތައް އެ ގައުމުންވަނީ ކަނޑާލައިފައެވެ. އިންޑިޔާއިންވަނީ ކަޝްމީރު ސަރަހައްދު އެއްކޮށް ބަންދުކޮށް އެތައް ހާސް ބަޔަކު ހައްޔަރުކޮށްފައެވެ. އަދި ބޭރުގައި އުޅުން މަނާކޮށް މުވާސަލާތީ ގުޅުންތަކަށް ވެސް ވަނީ ހުރަސްއަޅައިފައެވެ. އެކަމާ ގުޅިގެން ޕާކިސްތާނުންވަނީ އިންޑިޔާއާއެކު އޮންނަ ވިޔަފާރީގެ ގުޅުންތައް ކަނޑާލައި އެ ގައުމާއެކު އޮންނަ ޚާރިޖީ ގުޅުންތައް ވެސް ހަނިކޮށްފައެވެ.