ވޮޝިންޓަން (16 އޮގަސްޓް 2024) : ފަލަސްތީނަށް ތާއީދުކޮށް އިސްރާއީލާ ދެކޮޅަށް އެމެރިކާގައި މުޒާހަރާ ކުރާ ފަރާތްތަކަކީ ހަމާސްގެ "ޓެރަރިސްޓުން' ނަށް ހަމްދަރުދީވާ އަދި ހަމާސް އިން އިސްރާއީލަށް ދޭ "ޓެރަރިސްޓް" ހަމަލާތަކަށް ތާއީދުކުރާ ފަރާތްތައް ކަމަށާއި އެފަރާތްތަކަށް އެމެރިކާގައި ޖާގަ ނުދޭނެކަމަށް އެމެރިކާގެ ރިޔާސީ ރޭހަށް ވާދަކުރައްވާ އެ ގައުމުގެ ކުރީގެ "ހަރުކަށި" ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.
ކޭމްޕޭން އެއްވުމެއްގައި ވާހަކަދައްވަމުން ޓްރަމްޕް ވިދާޅުވީ އޭނާއަށް ވެރިކަން ލިބިއްޖެނަމަ އިސްރާއީލާ ދެކޮޅަށް އަޑުއުފުލާ އަދި މުޒާހަރާކުރާ މީހުންނަކީ ޓެރަރިޒަމަށް ވާގިވެރިވާ ފަރާތްތަކެއްކަމަށް ކަނޑައަޅާނެ ކަމުގައެވެ. މިގޮތަށް ކަނޑައެޅުމަށްފަހު އެމީހުން ހައްޔަރުކޮށް ޖަލަށްލައި އަދި އެމީހުން އެމެރިކާއިން ބޭރުކޮށްލާނެ ކަމަށް ވެސް ޓްރަމްޕް ވިދާޅުވިއެވެ.
އެމެރިކާގައި އިސްރާއީލުގެ އަނިޔާވެރިކަމާ ދެކޮޅަށް މައިގަނޑު ގޮތެއްގައި މުޒާހަރާކުރަނީ އެމެރިކާގެ ރައްޔިތުންގެ ތެރޭގައި ހިމެނޭ ކިޔަވާކުދިން ކަމަށްވާތީ އެމީހުން އެހާ ފަސޭހައިން ގައުމުން ބޭރުކޮށްލާނެ ގޮތެއް ޓްރަމްޕް ވިދާޅެއް ނުވެއެވެ.
ޓްރަމްޕަކީ ގާނޫނާއި ގަވައިދަށް ބެލުމެއްނެތި އޭނާ ހިތުހުރި އެއްޗެއް، އެމެރިކާގެ ވެރިކަމުގައި ހުންނެވިއިރު ވެސް ވިދާޅުވާ ކަމަށް ނަން މަޝްހޫރު ބޭފުޅެކެވެ.
އެމެރިކާގައި ބާރުގަދަ ޔަހޫދީ ޒަޔަނިސްޓް ލޮބީ ގްރޫޕްތަކާ އަދި ޔަހޫދީންގެ ބާރާއި ނުފޫޒުގަދަ ކުންފުނިތަކާ ޔަހޫދީ މަހުޖަނުންގެ ތާއީދު ހޯދުމަށް ޓަކައި އިސްރާއީލުގެ ޖަރީމާތަކާއި އިސްރާއީލުގެ ޓެރަރިޒަމަށް ތާއީދުކޮށް ވާހަކަ ދެއްކުމަކީ އެމެރިކާގެ ސިޔާސީ ފަރާތްތަކުން އާންމުކޮށް ކުރާ ކަމެކެވެ. ޚާއްސަކޮށް ކޭންޕޭންގެ ދުވަސްވަރުގައެވެ.
ކޭންޕޭނަށް ބޭނުންވާ ފައިސާ އެފަރާތްތަކުން ހޯދުމަށް އެމެރިކާގެ އެހެން ސިޔާސީ ބޭފުޅުންނަށް ވުރެވެސް މާ ހަރުކަށި ގޮތެއްގައި ޔަހޫދީންނަށާއި އިސްރާއީލަށް ތާއީދުކޮށް ޓްރަމްޕް ވާހަކަ ދައްކަވައެވެ.
އެމެރިކާއަކީ ސުލްހަވެރި މުޒާހަރާތައް ކުރުމާއި ސުލްހަވެރި ގޮތުގައި ޝުއޫރު ފާޅުކުރުމުގެ ގާނޫނީ ބާރު އޮންނަ ގައުމަކެވެ. ނަމަވެސް އިސްރާއިލާ ޖެހުމުން ނުވަތަ އެމެރިކާގެ ގައުމީ މަސްލަހަތާ ޖެހުމުން މި ގާނޫނީ ބާރުތައް އެހާބޮޑަށް އޮންނަ ތަނެއް ނުފެނެއެވެ.
އިސްރާއީލުން ޣައްޒާގެ ރައްޔިތުންގެ ނަސްލު ނައްތާލުމަށް ހިންގާ ގަތުލުއާންމުތަކާ ދެކޮޅަށް މީގެ ދެތިން މަހެއްހާ ދުވަސްކުރިން އެމެރިކާގެ ޔުނިވާސިޓީތަކުގެ ދަރިވަރުން ސުލްހަވެރި ގޮތުގައި މުޒާހަރާކޮށް އަޑުއުފުލައި ޝުއޫރުތައް ފާޅުކުރަން ފެށުމުން އެމެރިކާގެ ފުލުހުންވަނީ އޭގެތެރެއިން ގިނަ ބަޔަކު ހައްޔަރުކޮށް ބާރުގެ ބޭނުންކޮށްގެން މުޒާހަރާތައް ރޫޅާލާފައެވެ.
އަދި އެމެރިކާގެ ފުލުހުންވަނީ މުޒާހަރާތައް ބޭއްވި ޔުނިވާސިޓީތަކުގެ ކެންޕަސްތަކަށް ގަދަބާރުން ވަދެގަނެ ތަންތަން ހަލާކުކޮށް ލެކްޗަރާއިންނާއި ޕްރޮފެސަރުންނާއި ޔުނިވާސިޓީތަކުގެ އިސްފަރާތްތައް ހައްޔަރު ވެސް ކޮށްފައެވެ.
އެމެރިކާގެ ވާތުފަޔައިގެ މުހައްލިލުން ވިދާޅުވެފައިވާ ގޮތުގައި އިސްރާއީލާ ދެކޮޅު މުޒާހަރާތައް ރޫޅާލުމުގައި އެމެރިކާގެ ފުލުހުން އަމަލުކޮށްފައިވަނީ އުތުރުކޮރެއާ އާއި މިޔަންމާ ފަދަ ގައުމުތަކުގެ ފުލުހުން އަމަލުކުރާފަދަ ހަރުކަށި ގޮތްތަކަށެވެ.
އެތައް މަހަކަށް ދިގުދެމިގެންދިޔަ އެމެރިކާގެ ކިޔަވާކުދިންގެ މުޒާހަރާތަކަށްފަހު މުޒާހަރާތަކަށް ހިއްވަރު ދިނުމުގެ ނަމުގައި އެޔުނިވާސިޓީތަކުގެ ބައެއް އިސްވެރިންނާއި ޕްރޮފެސަރުންވެސް ވަނީ މަގާމުން ދުރުކޮށްފައެވެ. އަދި ބައެއް ޔުނިވަސިޓީ ތަކުގެ އިސްވެރިންނާއި ޕްރޮފެސަރުންވެސްވަނީ އެފަރާތްތަކަށް ޕްރެޝަރުކޮށްގެން މަގާމުން އިސްތިއުފާދޭން މަޖުބޫރުކޮށްފައެވެ.
އިސްރާއީލާ ދެކޮޅަށް އެންމެ ބޮޑަށް މުޒާހަރާކުރި ކޮލަންބިއާ ޔުނިވާސިޓީގެ އެތަށް ޕްރޮފެސަރުންނަށްވަނީ މުޒާހަރާތަކަށްފަހު މަގާމު ގެއްލިފައެވެ. މަގާމު ގެއްލުނު އެއްބައި މީހުންނަކީ ސީދާގޮތެއްގައި ވަކިކުރި މީހުންނެވެ. އަނެއް ބައި ޕްރޮފެސަރުންނަކީ ފިއްތުންތަކާ ގުޅިގެން އަމިއްލައަށް އިސްތިއުފާ ދެއްވި ބޭފުޅުންނެވެ. އެމެރިކާގެ ވަރަށް ގިނަ ޔުނިވާސިޓީތަކަކީ އިސްރާއީލުގެ އަނިޔާވެރިކަމަށް ވަގިވެރިވާ ޒަޔަނިސްޓް ޔަހޫދީ މަހުޖަނުން ފަންޑްކުރާ ތަންތަނެވެ.
ކޮލަންބިއާ ޔުނިވާސިޓީއަކީ ވެސް ޔަހޫދީ ހަރުކަށި މަހުޖަނުންގެ މާލީ އެހީ ލިބޭ ޔުނިވާސިޓީއެކެވެ. މުޒާހަރާތަކަށްފަހު އެ ޔުނިވާސިޓީގެ ޗާންސެލަރު ޑރ. ނިއުމަތު ޝަފީގު ވަނީ އޭނާއަށް ކުރިމަތިވި ފިއްތުންތަކާ ގުޅިގެން މަގާމުން އިސްތިއުފާ ދެއްވާފައެވެ. ޑރ. ނިއުމަތު ޝަފީގަކީ މިސްރަށް ނިސްބަތްވާ އަރަބި ދަރިކޮޅުގެ އަންހެން ބޭފުޅެކެވެ.
ޓްރަމްޕްވަނީ ވީހާ އަވަހަކަށް ހަމާސްގެ ދުވަސް ދުއްވާލުމަށް ނަތަންޔާހޫގެ ކިބައިން އެދިވަޑައިގެންފައެވެ. ޓްރަމްޕް ވިދާޅުވިގޮތުގައި މިހާރު ވެސް ހަމާސްގެ ދުވަސް ދުއްވާލުމުގެ މަސައްކަތް މާބޮޑަށް ދިގުލައިފިއެވެ. ހަމާސްއަކީ ކުޑަ ޖަމާއަތެއްކަމަށާ އެޖަމާތް ބަލިކުރުން މިހާބޮޑަށް ލަސްވެގެން ދިޔުމަކީ ބޮޑު މައްސަލައެެއް ކަމަށް ޓްރަމްޕް ސިފަކުރެއްވިއެވެ.
ހަމާސްގެ ދުވަސް އަވަސްގޮތަކަށް ދުއްވާނުލެވި އެކަން ދިގުލައިގެން ހިނގައްޖެނަމަ އިސްރާއީލަށް ބޮޑެތި މައްސަލަތައް ދުނިޔޭގެ ފެންވަރުގައި ކުރިމަތިވެގެންދާނެކަމުގެ އިންޒާރު ޓްރަމްޕް ދެއްވިއެވެ. ޓްރަމްޕް ވިދާޅުވި ގޮތުގައި ހަމާސް ނައްތާލަން ޖެހޭނީ ދެން ދުވަހަކު ވެސް އިސްރާއީލަށް "ޓެރަރިސްޓް" ހަމަލާ ނުދެވޭ މިންވަރަށް ބަލިކޮށްލައިގެންނެވެ.
ހަތެއް އޮކްޓޯބަރުގައި ހަމާސްއިން އިސްރާއީލަށް ހަމަލާދިނީ އެއްވެސް ސަބަބެއް އޮވެގެން ނޫންކަމަށާ ހަމާސްއަކީ ޔަހޫދީންގެ ނަސްލު ނައްތާލުމަށް މަސައްކަތްކުރާ "ޓެރަރިސްޓް" ޖަމާއަތެއްކަމަށް ޓްރަމްޕް ވަނީ ސިފަކުރައްވާފައެވެ.
ޓްރަމްޕްގެ ވާހަކާގައި އިސްރާއީލުން ފަލަސްތީނުގެ ބިންތަކަށް ގަދަބަރުން ވެރިވެގަނެގެން އުޅޭކަމަށްވެސް އަދި މިނިވަންކަމަށް މަސައްކަތްކުރުމުގެ ހައްގު ފަލަސްތީނަށް އޮންނާނެކަމުގެ ވާހަކައެއްވެސް ވިދާޅެއް ނުވެއެވެ.
އަދި ޣައްޒާގެ އާންމުންނާ ދެކޮޅަށް ކޮންމެ ދުވަހަކު އިސްރާއީލު ހިންގާ ގަތުލުއާންމުތައް ވެސް ކުށްވެރިއެއް ނުކުރައްވައެވެ. ނަމަވެސް އަވަހަށް ހަމާސްގެ ދުވަސް ދުއްވާލުމަށްފަހު މީހުން މެރުން ހުއްޓާލަންޖެހޭ ކަމަށް ޓްރަމްޕް ވިދާޅުވިއެވެ.