މަކުނު ވިދުރީގެ އާ ވޭރިއެންޓްގެ ކޭސްއެއް އެފްރިކާއިން ބޭރުން ފުރަތަމަ ފަހަރަށް ފެނިއްޖެ

ކޮންގޯގައި މަކުނު ވިދުރި ޖެހިފައިވާ ކުއްޖެއް: މަކުނު ވިދުރީގެ އާ ވޭރިއެންޓްގެ ކޭސްއެއް އެފްރިކާއިން ބޭރުން ފުރަތަމަ ފަހަރަށް ވަނީ ފެނިފައި -- ފޮޓޯ/ ރޮއިޓާސް

އެފްރިކާގައި މިހާރު ފެތުރެމުން އަންނަ މަކުނު ވިދުރީގެ އާ ވޭރިއެންޓް، އެ ބައްރުން ބޭރުގެ ގައުމަކުން ފުރަތަމަ ފަހަރަށް ފެނިއްޖެއެވެ.

އެފްރިކާއިން ބޭރުން އެމްޕޮކްސް ކްލޭޑް 1 ވޭރިއެންޓް ފެނިފައި ވަނީ ސްވީޑެންއިންނެވެ.

ސްވީޑެންގެ ޕަބްލިކް ހެލްތު އޭޖެންސީން ބުނީ އެގައުމުން މީހަކަށް އާ ވޭރިއެންޓު ޖެހިފައިވާކަން ކަށަވަރުވެފައިވާ ކަމަށާއި އޭނާއަށް ބަލި ޖެހުނީ، އެފްރިކާގައި މިހާރު އެ ބަލި ފެތުރެމުން އަންނަ ގައުމަކަށް ޒިޔާރަތް ކުރި ފަހުން ކަމަށެވެ.

އެ އޭޖެންސީން ބުނީ ބަލި ޖެހިފައިވާ މީހާ އެގައުމުގެ ވެރިރަށް ސްޓޮކްހޯމް ސަރަހައްދުން ފަރުވާ ހޯދަމުން އަންނަ ކަމަށާއި އޭނާގެ ފަރާތުން އާންމު މުޖުތަމައަށް ނުރައްކަލެއް ނެތް ކަމަށެވެ.

މަކުނު ވިދުރި ފެތުރެނީ ބަލި ޖެހިފައިވާ މީހަކާ ގައިގޯޅިވެ އުޅުމުންނެވެ. އެގޮތުން ބަލި ޖެހިފައިވާ މީހަކާ ގާތްކޮށް ހުރެ ވާހަކަދައްކައި ހެދުމުން ވެސް ބަލި ފެތުރުމުގެ ނުރައްކާ އޮވެއެވެ.

މަކުނު ވިދުރިއަކީ ކޮބާ؟

ޑރ. އަބްދުލްއަޒީޒު ޙަމީދުގެ ސިއްހަތު ބްލޮގްގައިވާ ގޮތުން، މަކުނު ވިދުރި އިންސާނުންގެ މެދުގައި އާންމުކޮށް ފެތުރެނީ ބަލިޖެހިފައިވާ މީހާގެ ކުޅުގައި ހުންނަ ޖަރާސީމު ނޭވާލާ ނިޒާމަށް ގޮސްގެންނާއި ބަލިމީހާގެ ހަމުގައި ނަގާ ބިހިތަކުގައި ނުވަތަ އެއިން ނިކުންނަ ދިޔައިގައި ހޭކި، ކޭއްތި ނޫނީ ޖެހުމުންނާއި ބަލިމީހާ ބޭނުންކުރާ އަންނައުނާއި، ބެޑްޝީޓާއި ތުވާލި ފަދަ ތަކެތީގައި ޖެހުމުންނެވެ.

އެ ބަލީގެ އަލާމާތްތައް އާންމު ގޮތެއްގައި ދެމަރުހަލާއަކަށް ބެހިފައިވެއެވެ. އެއީ ބިހިތައް ނެގުމުގެ ކުރިން އަންނަ މަރުހަލާ އާއި ބިހި ނަގާ މަރުހަލާއެވެ.

ފުރަތަމަ މަރުހަލާ ގާތްގަނޑަކަށް ހަތަރު ދުވަހަށް ދެމިގެންދާއިރު ފެންނާނެ އަލާމާތްތަކުގެ ތެރޭގައި ހުންއައުން، ގައިގައި ރިއްސުން، ވަރަށް ބޮޑަށް ވަރުބަލިވުން، ބޮލުގައި ރިހުން، ކަރު، ދަތްދޮޅި ދަށް، ކިހިލިފަތްދޮށް އަދި އުކުޅުވަޅުގައި ގޮށްލުން ހިމެނެއެވެ.

ޑރ. އަބްދުލްއަޒީޒްގެ ބްލޮގްގައިވާ ގޮތުން ބިހި ނަގާ މަރުހަލާ އާންމު ގޮތެއްގައި ދެމިގެންދާނީ 28-14 ދުވަހުގެ މުއްދަތަކަށެވެ. އެ ބިހިތައް ފުރަތަމަ ފަތިކޮށް ހުރުމަށް ފަހު، ފެންފޮޅަށް ބަދަލުވެ، އޭގެ ފަހުގައި ދޮސްލައެވެ. އޭގެ ފަހުން ފޮޅުތައް ފަޅައިގެން ގޮސް ކުރަ (ކުރަމަގާލި) ލައެވެ.

އެ ބަލިން ރައްކާތެރިވުމަށް:

  • ގިނަގިނައިން އަތްދޮވެ ސާފުކުރުން
  • މާސްކު އެޅުން
  • ބަލީގެ އަލާމާތެއް ހުރިނަމަ އެހެން މީހުންނާއި ބައްދަލުކޮށް ގައިގޯޅިނުވުން
  • ބަލީގެ އަލާމާތެއް (ހުންއައުން، ގައިގައިރިހުން ފަދަ އަލާމާތްތަކާއެކު، ބިހިނެގުން، ގޮށްލުން ފަދަ އަލާމާތެއް) ފެނިއްޖެނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުން
  • ބަލީގެ އަލާމާތްތައް ހުރި ޖަނަވާރު އުފުލައި ގެންގުޅެ ހެދުމުގައި ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުން
  • އެއްގަމު މަސް ރަނގަޅަށް ރޯފިލަންދެން ކައްކައިގެން ކެއުން

ރާއްޖޭގެ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ވަނީ ރާއްޖޭގައި މަކުނު ވިދުރި ފެތުރިދާނެތޯ ބަލަން އެސެސްމަންޓެއް ހަދަން ފަށައިފައެވެ.

https://sun.mv/195531

އެޗްޕީއޭއިން އެކަން އިއުލާންކުރީ، މަކުނުވިދުރިއަކީ މިހާރު މުޅި ދުނިޔަށް ނުރައްކާވެދާނެ ހާލަތެއްގައި އޮތް ބައްޔެއްކަމަށް ޑަބްލިއުއެޗްއޯ އިން އިއުލާނު ކުރުމާއެކުގައެވެ.

comment ކޮމެންޓް