ރާއްޖޭގައި މަކުނު ވިދުރި ފެތުރިދާނެތޯ ބަލަން އެސެސްމަންޓެއް ހަދަނީ

މަކުނު ވިދުރި ޖެހިފައިވާ މީހެއް: ރާއްޖޭގައި މަކުނު ވިދުރި ފެތުރިދާނެތޯ ބަލަން އެސެސްމަންޓެއް ހަދަނީ ------

ރާއްޖޭގައި މަކުނު ވިދުރި ފެތުރިދާނެތޯ ބަލަން އެސެސްމަންޓެއް ހަދަން ފަށާފައި ވާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން މިއަދު ބުނެފިއެވެ.

އެޗްޕީއޭއިން މިފަދައިން ބުނެފައި ވަނީ މަކުނުވިދުރިއަކީ މިހާރު މުޅި ދުނިޔަށް ނުރައްކާވެދާނެ ހާލަތެއްގައި އޮތް ބައްޔެއްކަމަށް ޑަބްލިއުއެޗްއޯ އިން އިއުލާނު ކުރުމާއެކުގައެވެ.

އެޗްޕީއޭއިން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، އެސެސްމަންޓު ހަދާ ނިމުމުން ރާއްޖޭގައި އެ ބައްޔަށް ރައްކާތެރިވުމަށް ފިޔަވަޅުތައް އަޅާނެ ކަމަށެވެ.

މިކަމާ ގުޅުވައި އެޗްޕީއޭގެ އޮފިޝަލަކު މިއަދު 'ސަން'އަށް ވިދާޅުވީ، މަކުނުވިދުރިން ސަލާމަތް ވުމަށް ރާއްޖޭގައި އަޅާނެ ފިޔަވަޅުތަކުގެ ތަފްސީލު މިއަދު ހާމަކުރާނެ ކަމަށެވެ.

އެމްޕޮކްސް ނުވަތަ މަންކީ ޕޮކްސްގެ ވައިރަސް އިންސާނުންނަށް ވާސިލުވަނީ ބަލި ޖެހިފައިވާ ޖަނަވާރެއްގެ ފަރާތުންނެވެ. އިންސާނެއްގެ ހަށިގަނޑަށް މި ވައިރަސް ވަދެއްޖެނަމަ އެ ވައިރަސް ހުންނަ މީހެއްގެ ފަރާތުން އެހެން މީހުންނަށް ވެސް މި ވައިރަސް އަރައެވެ.

https://sun.mv/195519

ޑަބްލިއުއެޗްއޯއިން ބުދަ ދުވަހު ބުނީ އެފްރިކާގެ 13 ގައުމަކުން އެމްޕޮކްސް ކޭސް ފެނިފައިވާ ކަމަށާއި އޭގެ އާ ވޭރިއަންޓު ފެތުރެމުންދާ ކަމަށެވެ. މިއީ އެ ބަލީގެ ނުރައްކާއޮތް ކަމަށް ޑަބްލިޔުއެޗްއޯއިން ދެ އަހަރު ދުވަހުގެ ތެރޭގައި ކަނޑައެޅި ދެވަނަ ފަހަރެވެ.

comment ކޮމެންޓް