ރާއްޖޭގެ އާބާދީ ކުޑަ ރަށްތަކުގައި ކިޔަވައިދިނުމަށް ބޭނުންކުރާ ސެޓެލައިޓު ސްކޫލުން މިއަހަރު އޯލެވެލް ހެދި ހަތް ދަރިވަރުންގެ ތެރެއިން ތިން ދަރިވަރަކު ފަސް މާއްދާއިން ފާސްވެއްޖެއެވެ.
ސެޓެލައިޓް ސްކޫލަކީ ސްކޫލް ނެތް ރަށްރަށާއި ކުދިން ހަމަނުވުމުގެ ސަބަބުން ސްކޫލު ނުހިންގޭ ރަށްރަށުގައި ކުރިއަށް ގެންދާ އޮންލައިން ސްކޫލިން ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގެ ތެރެއިން ކިޔަވައިދޭ މައި މަރުކަޒަކީ ހުޅުމާލޭ ހުރަވީ ސުކޫލެވެ.
މި ސްކޫލުން ކިޔެވި ދަރިވަރުންގެ ތެރެއިން ފަސް މާއްދާއިން ފާސްވެފައި ވަނީ، ބ. ފެހެންދޫ އަދި އެ އަތޮޅު ފުޅަދޫން އޯލެވެލް ހެދި ދަރިވަރުންނެވެ. ފެހެންދޫން އެއް ދަރިވަރަކު މިއަހަރު އޯލެވެލް ހެދި އިރު، އެ ދަރިވަރު ވަނީ އަށް މާއްދާއިން ފާސްވެފައެވެ. އަދި ފުޅަދޫން އޯލެވެލް ހެދި ދެ ދަރިވަރުން ވަނީ ފަސް މާއްދާއިން ފާސްވެފައެވެ.
މިކަމާ ގުޅިގެން "ސަން"އާ ވާހަކަ ދައްކަވަމުން ފުޅަދޫ ސްކޫލުގެ ޕްރިންސިޕަލް އަހުމަދު އަޝްރަފް ވިދާޅުވީ، އެރަށު ސްކޫލުން އޯލެވެލް ހެދި ދެ ދަރިވަރުން ފަސް މާއްދާއިން ފާސްވުމަކީ ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށެވެ.
އޭނާ ވިދާޅުވީ، ސްކޫލުގައި ގޮންޖެހުންތައް ހުރި ނަމަވެސް، ދަރިވަރުންގެ ނަތީޖާ ރަނގަޅުވުމުން އުފާކުރާ ކަމަށެވެ.
"މިވަގުތު އަޅުގަނޑުމެންނަށް ކުލާސްރޫމުގެ ދަތިކަން ވަނީ ކުރިމަތި ވެފައި. އިތުރު ކުލާސްރޫމަކަށް ޕާޓިޝަންއެއް ޖަހައިގެން މި ބޭނުން ކުރަނީ،" އޭނަ ވިދާޅުވިއެވެ.
ރާއްޖޭގެ ހަ ރަށެއް ވަނީ ސެޓެލައިޓު ސްކޫލު ގާއިމްކޮށްފައެވެ. އެއީ ވ. ރަކީދޫގެ އިތުރުން ބ. ފެހެންދޫ، ބ. ފުޅަދޫ، ގއ. ކޮނޑޭ، އދ. ދިއްދޫ އަދި ވ. ތިނަދޫއެވެ.
ސެޓެލައިޓް ސްކޫލު ރަސްމީކޮށް އިފްތިތާހު ކޮށްފައިވަނީ 2022 ވަނަ އަހަރުގެ ޖެނުއަރީ 17ވަނަ ދުވަހުއެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނެފައިވާ ގޮތުގައި، މި އަހަރުގެ އޯލެވެލް އިމްތިހާނުގައި 7،501 ދަރިވަރުން ބައިވެރިވެރިވިއެވެ. އަދި އިސްލާމާއި ދިވެހި މާއްދާ ހިމެނޭ އެސްއެސްސީ އިމްތިހާނުގައި 7،133 ދަރިވަރުން ބައިވެރިވެފައިވެއެވެ.