ވޯޓުލާ މީހުންގެ ދުވަސް ފާހަގަކުރުމަށް އީސީން ކުއިޒެއް؛ އެއްވަނައަށް 3،000 ރުފިޔާ

މަޖިލިސް އިންތިޚާބުގެ ވޯޓުލުމުގެ ތެރެއިން: ވޯޓުލާ މީހުންގެ ދުވަސް ފާހަގަކުރުމަށް އީސީއިން ކުއިޒެއް ބާއްވަން ވަނީ ނިންމާފައި -- ސަން ފޮޓޯ/ މޫސާ ނަދީމް

މިއަހަރުގެ ވޯޓުލާ މީހުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އިލެކްޝަންސް ކޮމިޝަން (އީސީ)އިން "ބާރަކީ ފާހަގަ ކުއިޒު"ގެ ނަމުގައި ކުއިޒް މުބާރާތެއް ބާއްވަން ނިންމައިފިއެވެ.

މި ކުއިޒް ޕްރޮގްރާމް ކުރިއަށް ގެންދާނީ މާދަމާއިން ފެށިގެން މި މަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށެވެ.

މި މުބާރާތުގެ މައިގަނޑު މަގްސަދަކީ އީސީން ކުރަމުންދާ މަސައްކަތްތަކާ ގުޅޭ ގޮތުން އާންމުން ހޭލުންތެރިކުރުން ކަމަށް އެ ކޮމިޝަނުން ބުންޏެވެ. އެގޮތުން އިންތިޚާބުތަކާއި އިންތިޚާބީ ނިޒާމާ ގުޅޭ މުހިންމު މައުލޫމާތާއި، ސިޔާސީ ޕާޓީތަކާ ގުޅޭ މައުލޫމާތުތައް ރައްޔިތުންނާ ހަމައަށް ފޯރުކޮށްދިނުމާއި، އެ މައުލޫމާތުތައް ރައްޔިތުންނަށް އެނގިފައިވާ މިންވަރު ވަޒަންކުރުމަކީ ވެސް މި ކުއިޒުގެ މަގްސަދެއް ކަމަށް އީސީން ބުންޏެވެ.

މި ކުއިޒް މުބާރާތް ކުރިއަށްދާނީ އިލެކްޝަންސް ކޮމިޝަނުގެ ރަސްމީ ފޭސްބުކް ޕޭޖް މެދުވެރިކޮށެވެ.

މި މުބާރާތުގެ އެއްވަނަ، ދެވަނަ އަދި ތިންވަނަ ހޮވާނެއެވެ. ވަނަ ހޮވުމުގައި ބަލާނީ މުޅި ކުއިޒުގެ ޖުމްލަ ސުވާލުތަކުގެ ތެރެއިން އެންމެ ގިނައިން ރަނގަޅު ޖަވާބުދޭ ތިން ބައިވެރިންނަށް ކަމަށް އީސީން ބުންޏެވެ. އަދި ބައިވެރިންގެ މެދުގައި މާކްސް އެއްވަރުވެއްޖެ ހާލަތެއްގައި، ވަނަ ކަނޑައަޅާނީ ގުރުއަތުލައިގެންނެވެ. އެގޮތުން:

  • އެއްވަނައަށް ހޮވޭ ފަރާތަކަށް 3،000 ރުފިޔާ
  • ދެވަނައަށް ހޮވޭ ފަރާތަކަށް 2،000 ރުފިޔާ
  • ތިންވަނައަށް ހޮވޭ ފަރާތަކަށް 1،000 ރުފިޔާ

އީސީން ވަނީ ކުއިޒް ކުރިއަށް ގެންދިޔުމަށް ރޭވިފައިވާ ގޮތް ވެސް ހިއްސާކޮށްފައެވެ.

އެގޮތުން ކޮންމެ ދުވަހަކު، ތިން އިޚްތިޔާރީ ޖަވާބު ހިމެނޭ ފަސް ސުވާލު ވަކި ލިންކެއް މެދުވެރިކޮށް ފޭސްބުކް ޕޭޖުގައި އާންމު ކުރާނެއެވެ. އެ ސުވާލުތަކަށް ޖަވާބު ދިނުމުގައި ދީފައިވާ އިޚްތިޔާރީ ތިން ޖަވާބުގެ ތެރެއިން ފެންނަ ރަނގަޅު ޖަވާބު އިޚްތިޔާރު ކުރުމަށްފަހު، ސަބްމިޓު ކުރުމުން އެދުވަހެއްގެ ޖަވާބު ފޮނުވޭނެއެވެ.

އީސީން ބުނީ ކޮންމެ ދުވަހެއްގެ ސުވާލު ފޭސްބުކްގައި އާންމު ކުރުމަށް ހަމަޖެހިފައިވަނީ ހެނދުނު 10:00އިން ފެށިގެން 12:00 އާ ދެމެދުގެ ވަގުތެއްގައި ކަމަށެވެ. އަދި އެ ސުވާލުގެ ލިންކަށް ޖަވާބު ދިނުމަށް ލިބޭނީ ޖެހިގެން އަންނަ ދުވަހުގެ މެންދުރު 12:00 އާ ހަމައަށް ކަމަށާއި އެ ވަގުތަށްފަހު ލިންކު ބަންދުވާނެ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.

ޖަވާބު ސަބްމިޓު ކުރެވޭނީ ޖަވާބު ފޮނުވާފަރާތުގެ ފުރިހަމަ ނަމާއި، މޮބައިލް ނަންބަރު އަދި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު ޖެހުމަށް ކަނޑައަޅާފައިވާ ބައި ފުރިހަމަ ކުރުމުންނެވެ. އެހެންނަމަވެސް އެއް ނަންބަރަކުން ތަކުރާރުކޮށް އެއްފަރާތަކުން ފޮނުވާނަމަ ޖަވާބުގެ ތެރެއިން ބަލައި ގަންނާނީ އެންމެ ފަހުން ފޮނުވާފައިވާ ޖަވާބު ކަމަށް އީސީން ބުންޏެވެ.

މި ކުއިޒްގައި އިލެކްޝަންސް ކޮމިޝަނުގެ މެންބަރުންނާއި، މުވައްޒަފުންނާއި، އެ ފަރާތްތަކުގެ އަނބިންނާއި ފިރިންގެ އިތުރުން ދަރިންނަށް ބައިވެރި ނުވެވޭނެ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.

ކުއިޒާ ގުޅޭ މައުލޫމާތު އިލެކްޝަންސް ކޮމިޝަނުގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ. އަދި މި ގަވާއިދުގައި ނުހިމެނޭ ކަމެއް ދިމާވެއްޖެނަމަ އެކަމެއް ހައްލުކުރާނީ އެ ކޮމިޝަނުން ކަމަށް ބުނެފައިވެއެވެ.

comment ކޮމެންޓް