އއ. ތޮއްޑޫގައި ގާއިމުކުރާ ދަނޑުވެރިންގެ މާރުކޭޓުން ދޫކުރާ ކިއޮސްކުތައް ކުއްޔަށް ހިފުމަށް ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީސީސީ)އިން ހުޅުވާލި މުއްދަތު އިތުރުކޮށްފިއެވެ.
ބީސީސީން ކުރި އިއުލާނުގައި ބުނީ، މި ކިއޮސްކުތައް ކުއްޔަށް ހިފުމަށް އެދި ފޯމު ހުށަހަޅުމުގެ ފުރުސަތު މިމަހުގެ 22 ވާ ބުރާސްފަތި ދުވަހުގެ 16:00 އަށް މިހާރު އިތުރުކޮށްފައިވާ ކަމަށެވެ.
ބީސީސީއިން ބުނީ، މި ކިއޮސްކްތައް ކުއްޔަށް ދޫކުރާނީ ދެ އަހަރުގެ މުއްދަތަކަށް ކަމަށެވެ. އެގޮތުން ކިއޮސްކެއްގެ އަގަކީ 3،500 ރުފިޔާއަށް ކަމަށް އެ ކޯޕަރޭޝަނުން ބުންޏެވެ.
ކުއްޔަށް ހިފުމަށްޓަކައި އެކަމަށް ޚާއްސަކޮށްފައިވާ ފޯމު، ލިންކު މެދުވެރިކޮށް ހުށަހަޅައިގެން އެޕްލައިކުރެވޭނެއެވެ. އަދި ކިއޮސްކު ކުއްޔަށް ދޫކުރުމާ ގުޅޭގޮތުން އިތުުރު މައުލޫމާތު ހޯދުމަށް 3305555 އަދި 7556561 ކަށް ގުޅައިގެން، ނުވަތަ [email protected] އަށް އީމެއިލް ކޮށްގެން ލިބޭނެއެވެ.
ބީސީސީން ވަނީ، ކިއޮސްކުތައް ދޫކުރާނީ ވަކި މިންވަރަކަށް ކަމުން ވީހާވެސް އަވަހަށް އެޕްލިކޭޝަން ހުށަހެޅުމަށް އެދިފައެވެ.
ބީސީސީން ބުނީ ތޮއްޑޫގައި އާ ދަނޑުވެރިންގެ މާރުކޭޓެއް ގާއިމުކުރުމުގެ މައިގަނޑު މަގުސަދަކީ ދަނޑުވެރިކަމުގެ ދާއިރާއިން ވިޔަފާރި ކުރާ ފަރާތްތަކަށް ވިޔަފާރީގެ ފުރުސަތުތައް ހޯދައިދިނުން ކަމަށެވެ. އަދި އެފަދަ ވިޔަފާރިތައް އިތުރު ހަރުފަތަކަށް ގެންދިއުމަށް އެހީތެރިވެދިނުން ކަމަށް ވެސް އެ ކޯޕަރޭޝަނުން ބުންޏެވެ.
ތޮއްޑޫގެ އާ ދަނޑުވެރިންގެ މާރުކޭޓުން ދިވެހި ދަނޑުވެރިންނަށާއި ދަނޑުވެރިކަމުގެ ވިޔަފާރިކުރާ ފަރާތްތަކަށް އެމީހުންގެ އުފެއްދުންތައް އާންމުންނަށް ފޯރުކޮށްދިނުމުގެ ފުރުސަތު ލިބޭނެ ކަމަށް ބީސީސީން ފާހަގަކޮށްފައިވެއެވެ. އަދި އެއީ ދަނޑުވެރިން އުފައްދާ އުފެއްދުންތައް އިޝްތިހާރު ކުރުމަށް ލިބޭނެ ފުރުސަތެއް ކަމަށް ވެސް އެ ކޯޕަރޭޝަނުން ބުންޏެވެ.
ތޮއްޑޫއަކީ މުޅި ރާއްޖޭގައި ވެސް ދަނޑުވެރިކަމަށް މަޝްހޫރު ރަށެކެވެ. ޚާއްސަކޮށް ކަރާގެ ދަނޑުވެރިކަމަށް ތޮއްޑޫއަކީ ޚާއްސަ ރަށެކެވެ.