މާލެއާއި ހުޅުމާލޭގައި ޓެކްސީތަކަށް ޚާއްސަކޮށް ޕާކިން ޒޯނެއް ކަނޑައަޅަނީ

ޓެކްސީއެއް: މާލެއާއި ހުޅުމާލޭގައި ޓެކްސީތަކަށް ޚާއްސަކޮށް ޕާކިން ޒޯނެއް ކަނޑައަޅަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މާލެއާއި ހުޅުމާލޭގައި ހަމައެކަނި ޓެކްސީތަކަށް ޚާއްސަކޮށް ޕާކިން ޒޯނެއް ކަނޑައެޅުމަށް ނިންމާފައި ވާކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުޙައްމަދު އަމީން މިއަދު ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިކަމާ ގުޅޭ އިތުރު މައުލޫމާތު ހިއްސާކުރައްވަމުން މިނިސްޓަރު އަމީން ވިދާޅުވީ، ކުރިއަށްއޮތް ދެ ހަފުތާ ތެރޭ މަލެއާއި ހުޅުމާލޭގައި ތަރައްގީކުރާ ޕާކިންޒޯންތައް ކަނޑައަޅަން ފަށާނެ ކަމަށެވެ. އަދި މީގެ ތެރޭގައި ޓެކްސީތަކަށް ހާއްސަ ޒޯންތައް ހިމެނޭނެކަމަށް އޭނަ ވިދާޅުވިއެވެ.

އެގޮތުން، މާލޭގައި ޓެކްސީތަކަށް ޚާއްސަ ޒޯން ކަނޑައެޅުމަށް ބިމެއް ބަލަމުން އަންނަ ކަމަށާއި ހުޅުމާލޭގައި އެކަމަށް ޚާއްސަ ޒޯނަށް ބިމެއް ބަލާފައި ވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ވަޒީރު މުޙައްމަދު އަމީން: މާލެއާއި ހުޅުމާލޭގައި ޓެކްސީތަކަށް ޚާއްސަކޮށް ޕާކިން ޒޯނެއް ކަނޑައަޅަނީ -- ސަން ފޮޓޯ/ މޫސާ ނަދީމް

އިތުރަށް މިނިސްޓަރު ވިދާޅުވީ، ޓެކްސީތަކަށް ޚާއްސަކުރާ ޒޯނުގައި ޕާކު ކުރެވޭނީ ހަމައެކަނި ޓެކްސީ ބޯޑު އޮންނަ ފަރާތްތަކަށް ކަމަށާއި އެތަނަށް ވެސް ގަވާއިދެއް ހަދައި އިއުލާނު ކުރައްވާނެ ކަމަށެވެ.

އެއީ ދާއިމީކޮށް ޓެކްސީ ކުރާ ބޭފުޅުންނަކަށް ވެސް އޮންނަން ޖެހޭ ތަނެއްނޫން. އެކަމަކު މި މަސައްކަތުގައި އުޅުއްވާފައި ޓެކްސީ ޑްރައިވަރުން ބްރޭކެއް ނަގާ ގަޑީގައި އެކަހަލަ ތަންކޮޅެއް ކުޑަ ވަގުތެއްގައި ޕާކު ކުރުމަށްޓަކައި، ހުރިހާ ޓެކްސީ ޑްރައިވަރުންނަށް ބޭނުން ކުރެވޭ ގޮތަށް އެތަން ކަނޑައެޅިގެން ދާނީ

ފާހަގަކޮށްލެވޭ ގޮތުގައި، މާލޭގައި ގިނަ އަދަދަކަށް ޓެކްސީތައް ގެންގުޅޭއިރު، އެ ޓެކްސީތައް ޕާކު ކުރާނެ ޖާގައެއް ނުލިބޭ މައްސަލައަށް އޮތީ ހައްލެއް ނުލިބިއެވެ.

މާލެއާއި ހުޅުމާލޭގައި ޕާކިން މައްސަލައަށް ހައްލެއް ހޯދައިދިނުމަށް ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަނާއި، މާލެ ސިޓީ ކައުންސިލާއި، ޓްރާންސްޕޯޓް މިނިސްޓްރީއާއި ޕޮލިހުން އަދި ހޯމް މިނިސްޓްރީ ގުޅިގެން އަންނަނީ މަސައްކަތް ތަކެއް ކުރަމުންނެވެ.

އެގޮތުން، ޓްރާންސްޕޯޓް މިނިސްޓްރީއާއި ޕޮލިހުން އަންނަނީ ގަވާއިދާ ޚިލާފަށް ހުންނަ މަގުތައް މަތީގައި ޕާކުކޮށްފައި ހުރި އުޅަނދުތައް ނެގުމުގެ މަސައްކަތް ކުރަމުންނެވެ.

comment ކޮމެންޓް