ރާއްޖެއާއި އިންޑިއާގެ ގުޅުން މިއަދު ބަދަލުވެފައިވަނީ ރާއްޖެއަށާއި މި ސަަރަހައްދަށް ވެސް ތަރައްގީ ގެނުވައިދޭ ގުޅުމަކަށް ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް އެކްސްގައި ޕޯސްޓެއް ކުރައްވައި މިފަދައިން ވިދާޅުވީ އަވަށްޓެރި އިންޑިއާގެ 76ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ދުވަހުގެ ހެޔޮ ތަހުނިޔާ އެ ގައުމުގެ ވެރިންނަށާއި ރައްޔިތުންނަށް ފޮނުއްވަމުންނެވެ.
އެގޮތުން އެ ގައުމުގެ ރައީސް ދްރުޕަތީ މުރްމުއަށާއި ބޮޑުވަޒީރު ނަރެންދުރަ މޯދީގެ އިތުރުން އިންޑިއާގެ ރައްޔިތުންނަށް ދުވަހުގެ ހެޔޮއެދުންތައް އަރިސްކުރައްވާ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
އެ މަނިކުފާނު ވިދާޅުވީ ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ އެކުވެރިކަމުގެ ގުޅުން، ދެ ގައުމަށާއި މި ސަރަހައްދަށް ތަރައްގީ ގެނުވައިދޭ ގުޅުމަކަށް ބަދަލުވެފައިވާ ކަމަށެވެ.
އަދި މުސްތަގުބަލުގައި ގުޅުން އިތުރަށް ބަދަހިވެ، ދެ ގައުމުން އެދޭ އަމާޒުތަކުގެ މައްޗަށް މަސައްކަތްކޮށް ތަރައްގީ ގެނެވޭނެކަމުގެ އުންމީދުކުރާކަމަށް ވިދާޅުވިއެވެ.
އިންޑިއާއެކު އޮތް ގުޅުން މި ސަރުކާރުން ވެރިކަމާ ހަވާލުވީއިރު ހީނަރުވެފައި އޮތްނަމަވެސް މިހާރު އެ ގުޅުން އަންނަނީ ރަނގަޅުވަމުންނެވެ.
އެ ގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު މިފަހުން ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ވެސް މި ގުޅުން އިތުރަށް ވަނީ ބަދަހިވެފައެވެ.