ރައްޔިތުން އަދާކުރަންޖެހޭ އެއްވެސް ޓެކުހެއް ބޮޑު ނުކުރާނެ ކަމަށާއި، ވިސްނުމަކީ ދައުލަތުން ދައްކަން ޖެހޭ ދަރަނިތައް އަދާކުރުމަށްޓަކައި ބޭރު ފައިސާއިން އާމްދަނީ އިތުރު ކުރަން ޑޮލަރު ޓެކްސް ބޮޑުކުރުން ކަމަށް މާލީ ވަޒީރު ޑރ. މުހައްމަދު ޝަފީގު މިއަދު ވިދާޅުވެއްޖެއެވެ.
ދައުލަތުން 2026 ވަނަ އަހަރު އެއް ބިލިއަން ޑޮލަރުގެ ދައްކަން ޖެހޭއިރު އެއީ އެއްފަހަރާ މިހާބޮޑު އަދަދެއް ދަރަނީގެ ގޮތުގައި ދިވެހި ދައުލަތުން ދައްކަންޖެހޭ ފުރަތަމަ ފަހަރެވެ.
ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ޝަފީގު ވިދާޅުވީ، ބޭރުގެ "ބޮޑު ދަރަނިތައް" ދައްކަންޖެހޭތީ، އެއާޕޯޓް ޑިވެލޮޕްމަންޓް ޓެކްސްއާއި ގްރީން ޓެކްސް ބޮޑު ކުރަން ނިންމާފައިވާ ކަމަށެވެ. އޭގެ ސަބަބުން ބޭރު ފައިސާއިން ވަންނަ އާމްދަނީ އިތުރުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އެހެންނަމަވެސް އާއްމު ރައްޔިތުންނާ ގުޅުން ހުރި އެއްވެސް ޓެކުހެއް ބޮޑުކުރުމުގެ ވިސްނުމެއް ނެތް ކަމަށް ޝަފީގު ވިދާޅުވިއެވެ.
ހަގީގަތުގައި ސަރުކާރުގެ ވިސްނުމަކީ އެނގިވަޑައިގަންނަވާނެ ފަދައިން ޓެކްސްތަކާއި ފީތަކުން ރައްޔިތުންނަށް އޭގެ ބުރައެއް ނުވާ ގޮތަށް ގެންދިޔުން. އެގޮތުން ބަލާއިރު ޖީއެސްޓީ، ޓީޖީއެސްޓީ، ބީޕީޓީ، ވިތުހޯލްޑިން ޓެކްސް، މިފަދަ ޓެކްސްތައް ބޮޑުކުރުމުގެ ވިސްނުމެއް ސަރުކާރުން ނުގެންގުޅޭ، މާލީ ވަޒީރު ޑރ. މުހައްމަދު ޝަފީގު
ޝަފީގް ވިދާޅުވީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެެން ޓެކްސް ރޭޓްތައް ބޮޑުކޮށްފައިވާކަމަށެވެ. އެހެންނަމަވެސް މި ސަރުކާރުގެ ވިސްނުމަކީ، ޓެކްސް ބޭސް ފުޅާކޮށް ދައުލަތަށް ލިބެންޖެހޭ އާމްދަނީ އިތުރު ކުރުން ކަމަށް އޭނާ ވިދާޅުވިއެވެ.
ޝަފީގު ވިދާޅުވި ގޮތުގައި ސިއްހަތަށް ގެއްލުންވާ ތަކެތިން ނަގާ ޑިއުޓީ ބޮޑު ކުރަން ބޭނުންވެއެވެ. އަދި އޭގެ އެންމެ ބޮޑު މަގްސަދަކީ އެ ތަކެތި ބޭނުން ކުރުން މަދު ކުރުން ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން ދުންފަތާ ގުޅިފައިވާ ތަކެއްޗާއި ވޭޕް ފަދަ ތަކެތި އިމްޕޯޓު ކުރުން މަނާކުރުމުގެ ބަދަލުގައި ޑިއުޓީ ބޮޑު ކުރުމުގެ ވިސްނުން ހުރި ކަމަށް އޭނާ ވިދާޅުވިއެވެ.
މާލީ ވަޒީރު މިފަދައިން ވިދާޅުވިއިރު އަންނަ އަހަރު ކުރަން ކަނޑައަޅާފައިވާ ކަންތައްތަކުގެ ތެރޭގައި ޖީއެސްޓީ ނެގުން ފުޅާކޮށް އިމްޕޯޓް ޑިއުޓީ ރޭޓާއި ޓެލެކޮމް އޮޕަރޭޓަރުން ދައްކަން ޖެހޭ ކޯޕަރޭޓް އިންކަމް ޓެކުހާއި ޓުއަރިޒަމަށް ދޫކުރާ ބިމަށް ނަގާ ކުއްޔަށް ބަދަލު ގެނައުން ހިމެނެއެވެ. ހަމައެއާއެކު ބަނގުރާ ފަދަ ތަކެތިން ނަގާ ޓެކުހުށް ބަދަލު ގެނައުން އެ ސްޓްރެޓެޖީގައިވެއެވެ.
އެ ސްޓްރެޓެޖީގެ މައުލޫމާތު އާންމު ކުރުމުން ގިނަ އަދަދެއްގެ މީހުން ވަނީ ޖީއެސްޓީ ރޭޓު ބޮޑުކޮށްފާނެ ކަމުގެ ކަންބޮޑުވުން ފާޅުކޮށް، އެއާއެކު ތަކެތީގެ އަގު ބޮޑުވާނެތީ ވެސް ކަންބޮޑުވުން ފާޅުކޮށްފައެވެ.