2026ގެ ބޮޑު ދަރަނިން 500 މިލިއަން ޑޮލަރު ރިފައިނޭންސް ކުރަނީ

މާލީ ވަޒިރު ޑރ. މުހައްމަދު ޝަފީގު މާލިއްޔަތު ކޮމިޓީގައި ވާހަަކދައްކަވަނީ: އޭނާ ވިދާޅުވީ ދަރަނީގެ ގޮތުގައި 2026ގައި އެއްފަހަރާ ދައްކަންޖެހޭ 500 މިލިއަން ރިފައިނޭންސް ކުރަން ނިންމާފައިވާ ކަމަށް -- ސަން ފޮޓޯ/ މޫސާ ނަދީމް

ބޭރުގެ ދަރަނީގެ ގޮތުގައި 2026 ވަނަ އަހަރު ރާއްޖެއިން އެއްފަހަރާ ދައްކަންޖެހޭ 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ) ރިފައިނޭންސް ކުރަން ނިންމާފައިވާ ކަމަށް މާލީ ވަޒީރު ޑރ. މުހައްމަދު ޝަފީގު މިއަދު ވިދާޅުވެއްޖެއެވެ.

ކުރިއަށް އޮތް 2026 ވަނަ އަހަރު ބޭރު ދަރަންޏަށް އެއް ބިލިއަން ޑޮލަރު އެއް ފަހަރާ ދައްކަންޖެހެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ވާހަކަދައްކަވަމުން މާލީ ވަޒީރު ޝަފީގު ވިދާޅުވީ، 2026 ވަނަ އަހަރު 500 މިލިއަން ޑޮލަރުގެ ދަރަންޏެއް އެއްފަހަރާ ދައްކަންޖެހޭއިރު، މި ސަރުކާރުން ދުރާލާ އެކަމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ.

ވަޒީރު ވިދާޅުވީ، 500 މިލިއަން ޑޮލަރުގެ ދަރަނި ރިފައިނޭންސް ކުރުމަށްޓަކާ މަސައްކަތްކުރަމުންދާ ކަމަށެވެ.

އެ އެއްފަހަރާ ދެއްކުމަށްޓަކާ އަޅުގަނޑުމެން މި ތައްޔާރުވަނީ ސޮވްރިން ޑެވަލޮޕްމަންޓް ފަންޑަށް އަޅުގަނޑުމެން ޖަމާކޮށް ބިލްޑުކުރުމަށް ފަހު އޭގެން އެއްބައި ސެޓްލްކުރުމާ އެއްކޮށް ރިފައިނޭންސް ކުރުމަށް، މާލީ ވަޒީރު ޑރ. މުހައްމަދު ޝަފީގު

ޝަފީގު ވިދާޅުވީ، އެ ދަރަނި ރިފައިނޭންސް ކުރާނީ ދަރަނި އެއްކޮށް ދެއްކޭ ވަރަށް ކަމަށެވެ.

މާލީ ވަޒިރު ޑރ. މުހައްމަދު ޝަފީގު މާލިއްޔަތު ކޮމިޓީގައި ވާހަަކދައްކަވަނީ: އޭނާ ވިދާޅުވީ ދަރަނީގެ ގޮތުގައި 2026ގައި އެއްފަހަރާ ދައްކަންޖެހޭ 500 މިލިއަން ރިފައިނޭންސް ކުރަން ނިންމާފައިވާ ކަމަށް -- ސަން ފޮޓޯ/ މޫސާ ނަދީމް

އޭގެ މިސާލެއްގެ ގޮތުގައި ޝަފީގު ވިދާޅުވީ، ރިފައިނޭންސްކުރާއިރު، އެކަމަށްޓަކައި ނަގާ އަދަދު އެއީ 300 މިލިއަން ޑޮލަރު ކަމަށް ވީނަމަވެސް އެ އަދަދު ސްޓްރަކްޗާ ކުރާނީ ކުރިއަށް ހުރި އަހަރުތަކަށް ބަހާލައިގެން ކަމަށެވެ. އަދި، އެއް ފަހަރާ 300 މިލިއަން ޑޮލަރު ދައްކަން ޖެހުން އެއީ މި ސަރުކާރުން ވިސްނާފައި އޮތް ގޮތެއް ނޫން ކަމަށް ވިދާޅުވިއެވެ.

މި ސަރުކާރުގެ އަމާޒަކީ ދަރަނި ވީހާ ވެސް ލުއިގޮތަކަށް އަދާކޮށް ނިންމޭ ގޮތަކަށް ސްޓްރަކްޗާކުރަން ކަމަށް ޝަފީގު ވިދާޅުވިއެވެ.

ޝަފީގް ވިދާޅުވީ، އިގުތިސާދީ ހާލަތު ދަށްވެފައިވާ މައިގަނޑު ސަބަބަކީ އާމްދަނީއާ ނުބައްދަލު މިންވަރަކަށް ހަރަދުކުރަން ނިންމާ ކުރީ ސަރުކާރުތަކުން ނިންމާފައިވާ ސިޔާސަތުތަކުގެ ސަބަބުން ކަމަށެވެ. އަދި ލޯނު ނަގައިގެން ވެސް ރާއްޖޭގެ އިގުތިސާދަށް އޭގެ އެންމެ އެކަށޭނެ ފައިސާ ލިބޭ ފަދަ މަސައްކަތެއް މިދިޔަ ސަރުކާރުން ވެސް ކޮށްފައިނުވާކަން ޝަފީގު ފާހަގަކުރެއްވިއެވެ.

އެ ކަންކަމުގެ ނަތީޖާއެއްގެ ގޮތުން، މިހާރު ދަރަނި އަދާ ކުރުމުގައި ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ދެހާސް ސައްބީސްވަނަ އަހަރު ދައްކަން ޖެހޭ 500 މިލިއަން ޑޮލަރުގެ ދަރަނީގެ 50 އިންސައްތައަކީ ނިމިދިޔަ ސަރުކާރުން 2021 ވަނަ އަހަރު ހޭދަކުރި ވަރެވެ. މިދިޔަ ސަރުކާރުން 2021 ވަނަ އަހަރު ސުކޫކުގެ ބާކީ ފައިސާ ހޭދަކޮށްފައި ވަނީ ކޮވިޑާ ގުޅިގެން އާމްދަނީ ދަށްވެ، ޚަރަދުތައް ހަމަޖެއްސުމަށެވެ.

އެ ސުކޫކުގެ އެއްބައި ހޭދަކޮށްފައި ވަނީ ކުރީގެ ޕީޕީއެމްގެ ސަރުކާރުން 2017 ވަނަ އަހަރު ނެގި "ސަނީ ސައިޑު" ބޮންޑަށް ދެއްކުމަށެވެ. އެ ބޮންޑަށް 200 މިލިއަން ޑޮލަރު ދައްކާފައިވެއެވެ.

އެހެންވެ، ސަރުކާރުން ވަނީ ޑޮލަރުން ލިބޭ އާމްދަނީ އިތުރުކުރަން ވެސް ކަންތައްތަކެއް ހިމަނައިފައެވެ. އެއީ، އެއާޕޯޓު ޑިވެލޮޕްމަންޓް ޓެކްސްގެ ރޭޓް މުރާޖާކުރުމާއި ޓެކްސް ބޭސް ބޮޑުކުރުމާއި ސިއްހަތަށް ގެއްލުންވާ ބާވަތްތަކުން ނަގާ ޑިއުޓީ އިތުރުކުރުމާއި ގްރީން ޓެކްސްގެ ރޭޓްތައް މުރާޖާކުރުން އަދި އިގުތިސާދު ސިންދަފާތު ކުރުމެވެ.

ދައުލަތުގެ ދަރަނި މިހާ ބޮޑުވެފައިވާއިރު ދައުލަތަށް ލިބެން ޖެހި، ނުލިބި ވެސް ބޮޑު އަދަދެއް އެބައޮތެވެ. އެގޮތުން ދައުލަތަށް ލިބެންޖެހޭ 13 ބިލިއަން ރުފިޔާ އެބަހުރި ކަމަށާއި އެ ފައިސާ ހޯއްދަވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މީގެ ކުރިން ވިދާޅުވެފަވެސްވެއެވެ.

comment ކޮމެންޓް