އެހެން މަޝްރޫއުތަކަށް ލިބިފައި ހުރި 300 މިލިއަން ޑޮލަރު ބޯހިޔާވަހިކަމަށް ބޭނުންކުރަނީ

މާލީ ވަޒިރު ޑރ. މުހައްމަދު ޝަފީގު: އޭނާ ވިދާޅުވީ ލިބިފައި ހުރި ފައިސާގެ ތެރެއިން 300 މިލިއަން ޑޮލަރު ބޯހިޔާވަހިކަމަށް ޚާއްސަކުރަނީ ކަމަށް -- ސަން ފޮޓޯ/ މޫސާ ނަދީމް

އެހެން މަޝްރޫއުތަކަށް ލިބިފައި ހުރި ފައިސާގެ ތެރެއިން 300 މިލިއަން ޑޮލަރު ބޯހިޔާވަހިކަމަށް ބޭނުންކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައިވާ ކަމަށް މާލީ ވަޒީރު ޑރ. މުހައްމަދު ޝަފީގު މިއަދު ވިދާޅުވެއްޖެއެވެ.

ބޯހިޔާވަހިކަމަށް ޖުމުލަ ހައްލެއް ހޯދައިދެއްވުމަކީ ރައީސްގެ އެންމެ ބޮޑު އެއް ރިޔާސީ ވައުދުފުޅެވެ.

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ވާހަކަދައްކަވަމުން މާލީ ވަޒީރު ޝަފީގު މިއަދު ވިދާޅުވީ، ރާއްޖޭގައި މިހާރު ދިމާވާ ހުރިހާ އިޖުތިމާއީ މައްސަލައެއްގެ އަސްލަކީ ގެދޮރުގެ ދަތިކަން ކަމަށެވެ. އެހެންވެ، ސަރުކާރުގެ ސިޔާސަތުތައް ބައްޓަންކުރަނީ އެ މައްސަލައަށް ހައްލެއް ހޯދުމަށް ވަރަށް ބޮޑު އިސްކަމެއް ދީގެން ކަމަށް އޭނާ ވިދާޅުވިއެވެ.

"ރައީސުލްޖުމްހޫރިއްޔާ އިރުޝާދުދެއްވާފައިވަނީ މި އަހަރުގެ ބަޖެޓު ހެދޭއިރުގައި ވެސް ޕީއެސްއައިޕީ ޕްރޮޖެކްޓުތަކުގެ ވެސް 50 އިންސައްތަ ޚާއްސަ ކުރުމަށް ގެދޮރަށް،" ޝަފީގު ކޮމިޓީގައި ވިދާޅުވިއެވެ.

މާލީ ވަޒީރު (މ) މިއަދު މާލިއްޔަތު ކޮމިޓީގައި: އޭނާ ވިދާޅުވީ ލިބިފައި ހުރި ފައިސާ ބޯހިޔާވަހިކަމަށް ޚާއްސަކުރަނީ ކަމަށް -- ފޮޓޯ/ މަޖިލީސް

ވަޒީރު ވިދާޅުވީ، އިންޑިއާ ސަރުކާރުން ދޫކޮށްފައިވާ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުން ވެސް ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ފެއްޓޭތޯ މަސައްކަތްކުރަމުން އަންނަ ކަމަށެވެ. އެ ފެސިލިޓީން ބޯހިޔާވަހިކަމަށް ޚަރަދުކުރަން ނިންމި މައިގަނޑު އެއް ސަބަބަކީ އެއީ ވަރަށް ރަނގަޅު ޝަރުތުތަކެއްގައި ލިބިފައި އޮތް ފެސިލިޓީއަކަށްވުމުންކަން އޭނާ ފާހަގަކުރެއްވިއެވެ.

އެހެންވެ، ސަރުކާރުގެ އަމާޒަކީ އެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުން މި އަހަރު 4،000 ހައުސިން ޔުނިޓުގެ މަސައްކަތް ފެށުމެވެ.

ވަޒީރު އެ ފަދައިން ވިދާޅުވުމުން މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވަނީ އެހެން މަޝްރޫއުތަކަށް ލިބިފައި ހުރި ފައިސާ ބޯހިޔާވަހިކަމަށް ބޭނުންކުރަނީތޯ އައްސަވައިފައެވެ. ޚާއްސަކޮށް ގުޅީފަޅުގައި ޕޯޓު އަޅަން ބޭނުންކުރަން ނިންމި ފައިސާ، ބޯހިޔާވަހިކަމަށް ބޭނުންކުރަން ނިންމީތޯ އޭނާ ސުވާލުކުރެއްވިއެވެ.

"ރައީސުލްޖުމްހޫރިއްޔާ ހައުސިންއަށް ޚާއްސަ އިސްކަމެއް ދެއްވާތީ ބޭނުންވަނީ ވީހާ ވެސް އަވަހަކަށް ހައުސިން މަޝްރޫއުތައް ފަށައި ހައުސިންއަށް ސޮލިއުޝަންއެއް ހޯދައިދެއްވުމަށް. އެ އަމާޒުގައި ތި ވިދާޅުވީ ރަނގަޅަށް،" އެ ސުވާލަށް ޖަވާބުދެއްވަމުން ވަޒީރު ވިދާޅުވިއެވެ.

މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގެ ތެރެއިން: އެ ކޮމިޓީއަށް ވަނީ މާލީ ވަޒީރު ހާޒިރުކޮށްފައި -- ފޮޓޯ/ މަޖިލީސް

އޭނާ ވިދާޅުވީ، ސަރުކާރުން މަސައްކަތްކުރަމުން އަންނަނީ ލިބިފައި ހުރި މާލީ ފެސިލިޓީތައް ބޯހިޔާވަހިކަމަށް ޚާއްސަ ކުރެވޭތޯ ކަމަށެވެ. އެ ގޮތުން، މިހާރު ލިބިފައި ހުރި ފައިނޭންސްގެ ތެރެއިން 300 މިލިއަން ޑޮލަރާ ގާތްކުރާ އަދަދެއް ބޯހިޔާވަހިކަމަށް ބޭނުންކުރެވޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށާއި މަސައްކަތް ކުރަނީ އެ އަމާޒަށް ކަމަށް ވަޒީރު ވިދާޅުވިއެވެ.

ސަރުކާރުން ބޭނުންވަނީ ވީހާ ވެސް ރަނގަޅު ޝަރުތުތަކެއްގައި ފައިސާ ހޯދަންކަން ފާހަގަކުރައްވައި ވަޒީރު ވަނީ ފަތުރުވެރިކަން ނޫން އެހެން ސިނާއަތްތައް ކުރިއެރުވުމުގެ މުހިންމުކަން ފާހަގަކުރައްވައިފައެވެ. އޭނާ ވިދާޅުވީ، ފެށިފައި ހުރި އެހެން ސިނާއަތްތައް އިތުރަށް ފުޅާކުރުމަށާއި އާ ސިނާއަތްތައް ގެނައުމަށް ވަރަށް ބޮޑު އިސްކަމެއް ދެއްވާނެ ކަމަށެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މި ސަރުކާރަށް އަދި ބޯހިޔާވަހިކަމުގެ އެއްވެސް މަޝްރޫއެއް ފެއްޓިފައިނުވަނީ ކުރީ ސަރުކާރުގައި ފަށާފައި ހުރި މަޝްރޫއުތައް ނިންމަން އިސްކަން ދޭތީ ކަމަށް ބޯހިޔާވަހިކަމާއި ގެދޮރުވެރިކަމާ ބެހޭ ވަޒީރު ޑރ. އަލީ ހައިދަރު މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.

މިދިޔަ ސަރުކާރުގައި ފަށާފައި ހުރި މަޝްރޫއުތައް ނިންމަން ބޭނުންވާ ވަރަށް ފައިސާ ބަޖެޓުގައި ނުހިމަނާ ކަމަށް ބުނެ ސަރުކާރުން އަންނަނީ އަބަދު ވެސް ނުރުހުން ފާޅުކުރަމުންނެވެ.

comment ކޮމެންޓް