ލޯބީގެ ރީތި ފިލްމުތައް ސިނަމާއަށް ގެނެސްދީފައިވާ ދަރުމާ ޕްރޮޑަކްޝަން އަކީ އިންޑިއާގެ އެންމެ ވަރުގަދަ ފިލްމު ކުންފުނިތަކުގެ ތެރޭ ހިމެނޭ ކުންފުންޏެކެވެ.
ކާމިޔާބު ޑައިރެކްޓަރު/ޕްރޮޑުއިސަރު ކަރަން ޖޯހަރުގެ އާއިލީ ކުންފުނި ދަރުމާއިން އަންނަނީ އެ ކުންފުނީގެ ސްޓްރެޓެޖީއަށް ބޮޑެތި ބަދަލުތަކެއް ގެންނަން ނިންމާފައެވެ. އެގޮތުން، ކުންފުނީގެ މެޖޯރިޓީ ހިއްސާ ވިއްކާލުމަށް ކަރަން ނިންމާފައިވާ ކަމަށާއި ކުންފުންޏަށް އިންވެސްޓަރުން ހޯދުމުގެ މަސައްކަތް ކަރަން ފަށާފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
މި މަސައްކަތް ފެށުމުގެގޮތުން ކަރަން އަންނަނީ އިންޑިއާގެ ބޮޑެތި ކޯޕަރޭޝަންތަކާ ވިޔަފާރިތައް ހިންގާ ކުންފުނިތަކާ އެކު މަޝްވަރާ ބައްދަލުވުންތައް ބާއްވަން ތައްޔާރުވަމުން ކަމަށް ވެސް މީޑިއާ ރިޕޯޓުތައް ބުނެއެވެ.
ކަރަން ނިންމާފައިވަނީ ވިޔަފާރީގެ މި މުއާމަލާތުތައް އިންޑިއާގެ މުމްބާއީ، ކަލްކަތާ އަދި އަހްމަދުއަބާދުއިން ބޭރުގެ ކުންފުނިތަކާ އެކު ކުރުމަށް ކަމަށް އެކްސްޗޭންޖްފޯމީޑިއާއާ ހަވާލާދީ ރިޕޯޓުތައް ބުނެއެވެ. މި ކުންފުނިތަކުގެ ނަން ހާމަކޮށްފައިނުވާއިރު ބެލެވޭ ގޮތުގައި އޭގެ ތެރެއިން އެއް ކުންފުންޏަކީ މިއުޒިކު ކުންފުންޏެކެވެ.
ދަރުމާއިން މެޖޯރިޓީ ހިއްސާ ވިއްކާލަން ނިންމާފައިވަނީ ކޮން ސަބަބަކާ ހުރެ ކަމެއް އެ ކުންފުނިން އަދި ހާމަކޮށްފައެއް ނުވެއެވެ. ކަރަން ޖޯހަރުގެ ބެލުމުގެ ދަށުން ހިންގާ މި ޕްރޮޑަކްޝަން ހައުސްއިން މި އަހަރު މިހާތަނަށް ހަތަރު ފިލްމެއް ވަނީ ރިލީޒްކޮށްފައެވެ.
އެއީ ސިދާތު މަލްހޯތްރާ ލީޑް ރޯލް ކުޅުނު ފިލްމު "ޔޮދާ"، ދާދިފަހުން ނެޓްފްލިކްސްގައި ޕްރިމިއަ ކުރަން ފެށި ފިލްމު "މިސްޓަ އެންޑް މިސިޒް މާހީ"، ބޮޑު ކާމިޔާބީއެއް ހޯދަމުން އަންނަ ފިލްމު "ކިލް" އަދި "ބޭޑް ނިއުސް"އެވެ. ދަރުމާއިން މި އަހަރުގެ ފަހުކޮޅު ރިލީޒްކުރަން ތައްޔާރުވަމުން އަންނަ ފިލްމުތަކުގެތެރޭ އާލިއާ ބަޓްގެ ފިލްމު ކުންފުންޏާއެކު އުފައްދާ "ޖިގްރާ"، "ދަޅަކް2" އަދި ޖަންވީ ކަޕޫރުގެ ތެލުގޫ ފިލްމު "ދެވަރާ" ހިމެނެއެވެ.