އުއްމީދަކީ، ފެންބޮޑުވެގެން ގެއްލުން ނުވާނެ ގޮތެއް މި ދައުރުގައި ހޯދުން: އާޒިމް

ރައީސް ޑރ. މުޙައްމަދު މުއިއްޒާއި މާލޭ ސިޓީ މޭޔަރު އާދަމް އާޒިމް: އާޒިމް ވިދާޅުވީ ފެންބޮޑުވެގެން ގެއްލުން ނުވާނެ ގޮތެއް މި ދައުރުގައި ހޯދޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް -- ފޮޓޯ/ މާލޭ ސިޓީ ކައުންސިލް

ފެން ބޮޑުވެގެން ގޭގެޔަށް ގެއްލުން ނުވާނެ ދުވަހެއް، މާލޭ ސިޓީ ކައުންސިލްގެ މި ދައުރުގައި ހޯދޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް މާލޭ މޭޔަރު އާދަމް އާޒިމް މިއަދު ވިދާޅުވެއްޖެއެވެ.

އެސްއެސްޓީވީއަށް ދެއްވި އިންޓަވިއުއެއްގައި އާޒިމް ވިދާޅުވީ މާލެއަށް ބޯކޮށް ވާރޭވެހޭ ކޮންމެ ފަހަރަކު 500 އާއި 700އާ ދެމެދުގެ އަދަދެއްގެ ގެތަކަށް ގެއްލުންވާ ކަމަށެވެ. އެ މައްސަލަ ހައްލުކުރުމަށް، އޭނާ މަގާމާ ހަވާލުވި ދުވަހުން ފެށިގެން މަސައްކަތްތައް ކުރައްވަމުން އަންނަ ކަމަށް އާޒިމް ވިދާޅުވިއެވެ.

"މިއަދުވެސް ވަރަށް ގިނަ ގެތަކަށް ގެއްލުން ވާނެ. މީގެ ސަބަބުން ހަމައެކަނި ގެދޮރަކަށް ނޫން ގެއްލުން ވަނީ. މީގެ ސަބަބުން ވަރަށް އާންމު ބަލިތަކަށް ވެސް ހުށަހެޅިގެންދޭ،" އޭނާ ވިދާޅުވިއެވެ.

މިއަދު ހެނދުނުން ފެށިގެން މާލެއަށް ވެހެމުންދާ ބޯވާރެއާ ގުޅިގެން އެންމެ ބޮޑަށް ފެންބޮޑުވެފައިވާ ސަރަހައްދުތަކުގެ ތެރޭގައި ވެސްޓްޕާކް ސަރަހައްދާއި އައިޖީއެމްއެޗް ސަރަހައްދު ހިމެނޭކަން ފާހަގަކުރައްވައި އާޒިމް ވިދާޅުވީ މިހާތަނަށް 140 ގެއަކަށް ފެން ނުވަންނާނެހެން ވެލިބަސްތާ ޖަހައިފައިވާ ކަަމަށެވެ. އަދި އިތުރު ވެލިބަސްތާ ޖެހުމުގެ މަސައްކަތް މިހާރު ވެސް ކުރަމުން އަންނަކަން އޭނާ ފާހަގަކުރެއްވިއެވެ.

"ކޮންމެ ފަހަރަކު ވެސް މި މައްސަލަ ދިމާވީމަ އެހީތެރިވުމެއް ނޫން ގޭގޭ މީހުން ބޭނުންވަނީކީ. ރައްޔިތުން ބޭނުންވަނީ އެމީހުންނަށް ގެއްލުމެއް ނުވާނެ ގޮތް ހޯދައިދޭން،" އާޒިމް ވިދާޅުވިއެވެ.

މާލޭގައި ފެންބޮޑުވުމުގެ މައްސަލަ ހައްލުކުރެވޭ ގޮތަށް މަގުހެދުމުގެ މަޝްރޫއެއް މި ސަރުކާރުން ރާވާފައިވާކަން ފާހަގަކުރައްވައި އާޒިމް ވިދާޅުވީ، މި ސިޓީގެ ވާރޭފެން ހިންދާ ނިޒާމު ރަނގަޅުކުރަން އެ މަޝްރޫއުގައި އިސްކަންދީފައިވާ ކަމަށެވެ. އަދި ސަރުކާރުން ކުރާ މަސައްކަތްތަކަށް ސިޓީ ކައުންސިލުން އެއްބާރުލުންދޭނެ ކަމަށް، އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ އާޒިމް ވިދާޅުވިއެވެ.

އެ ވާހަކައާ ގުޅުވައި، އެސްއެސްޓީވީއަށް ދެއްވި އިންޓަވިއުގައި ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ވިދާޅުވީ މާލެއާއި ވިލިމާލޭގެ މަގު ހެދުމުގެ މަޝްރޫއު ފަށަން ތައްޔާރުވެފައިވާ ކަމަށާއި އެކަމާ ގުޅޭ ސާވޭގެ މަސައްކަތް އަންނަ ހަފުތާގައި ފަށާނެ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.

"އަޅުގަނޑުމެން ގަބޫލު މިކުރަނީ އެ މަސައްކަތް ފެށިގެން ދާއިރު ދާއިމީ ހައްލެއް އަންނާނެ ކަމަށް. ވަގުތީ ހައްލުތަކަށް ވުރެ ދާއިމީ ހައްލެއް އަންނަން އެބަޖެހޭ. ވަރަށް ބޮޑަށް ފާހަގަކުރެވިފައި އޮތީ ވަރަށް ޒަމާންވީ ސިސްޓަމެއް މިތާ [މާލޭގައި] އޮތީ،" އޭނާ ވިދާޅުވިއެވެ.

ނަރީޝް ވިދާޅުވީ ފެންހިންދުމުގެ މައްސަލަ ހައްލުކުރަން ސްޓޯމްވޯޓާ ނިޒާމު އެއްކޮށް ބަދަލުކުރަން ޖެހޭނެ ކަމަށެވެ.

މީގެ ކުރިން ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަނީ، ފެންބޮޑުވުމުގެ މައްސަލަ ހައްލުކުރުމަށް މި ސަރުކާރުން ނިންމާފައި އޮތީ، މާލޭގެ ހުރިހާ މަގެއް ރަނގަޅު ފެންވަރުގައި ހަދައި، އާ ސްޓޯމްވޯޓާ ނިޒާމުގައި ވަރަށް ފަލަ ހޮޅިތަކާއި ވަރުގަދަ ޕަމްޕިން ނިޒާމެއް ހިމެނުމަށް ކަމަށް ވިދާޅުވެފަައެވެ.

އެ މަސައްކަތްތައް ކުރުމަށް ޓަކައި، މިދިޔަ މެއި މަހު ސަރުކާރުން ވަނީ މަޝްރޫއެއް ފަށައިފައެވެ. ޗައިނާ ސަރުކާރާ ގުޅިގެން ކުރިއަށްގެންދާ އެ މަޝްރޫއަށް 100 މިލިއަން ޑޮލަރަށްވުރެ ބޮޑު ހޭދައެއް ކުރަން ޖެހޭނެ ކަމަށް މީގެ ކުރިން ސަރުކާރުން ވަނީ ބުނެފައެވެ.

comment ކޮމެންޓް