މަގުމައްޗަށް ކުނި ނުނެރުމަށް އެދި ވެމްކޯގެ އިލްތިމާސްއެއް

ވެމްކޯއިންވަނީ މަގަށް ކުނި ނުނެރެން އެދިފައި --- ފޮޓޯ/ ވެމްކޯ

ހުއްޓުމެއް ނެތި މާލެއަށް ކުރަމުންދާ ވިއްސާރައާ ގުޅިގެން ފެންބޮޑުވެފައިވާތީ، މަގުމައްޗަށް ކުނި ނުނެރުމަށް ވޭސްޓް މެނޭޖްމަންޓު ކޯޕަރޭޝަން (ވެމްކޯ) އިން މިއަދު އިލްތިމާސްކޮށްފިއެވެ.

ވެމްކޯއިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، ރާއްޖެއަށް ކުރަމުން އަންނަ ވިއްސާރައާ ގުޅިގެން ދިމާވަމުންދާ ދަތިތަކާ އެކު އެ ކޯޕަރޭޝަނުން ފޯރުކޮށްދޭ ޚިދުމަތްތަކަށް ބުރޫނާރާނެހެން ޚިދުމަތް ދިނުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އެގޮތުން، މިހާލަތުގައި ގޭބީސީތަކާއި ވިޔަފާރިތަކުން ކުނި ނެރުމުގައި ޚާއްސަ ސަމާލުކަމެއް ދިނުމަށް ދެއްވުމަކީ އެ ވެމްކޯގެ އެދުމެއް ކަމަށާއި ކުނި ނެރުމަށް ކަނޑައަޅާފައިވާ ގަޑިތަކުގައި ފަސޭހައިން ނެގޭނެ ގޮތަށް ކުނިތައް ނެރުމަށް ވެމްކޯއިން ވަނީ އިލްތިމާސްކޮށްފައެވެ.

އިތުރަށް ވެމްކޯއިން ބުނީ، ކުނި ނުގެނި ހުރިނަމަ އެ ކޯޕަރޭޝަން ހޮޓްލައިން 1666އަށް ގުޅައިގެން އެކަން ރިޕޯޓްކުރުމަށާއި ޓްރާންސްފާ ސްޓޭޝަންތަކުން ޚިދުމަތް ހޯދާއިރު ހުރިހާ ފަރާތްތަކުގެ ރައްކާތެރިކަމަށްޓަކައި ކޯޕަރޭޝަންގެ މުވައްޒަފުންގެ އިރުޝާދުތަކަށް ތަބާވުމަށެވެ.

އެކަމުގެ ސަބަބުން ރައްޔިތުންނަށް ދިމާވެދާނެ ދަތިތަކަށް ވެމްކޯއިން ވަނީ މައާފަށް އެދިފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، މާލޭގެ އިތުރުން އަތޮޅުތަކަށް ކުރަމުންދާ ވިއްސާރައާ ގުޅިގެން އެކި ވަރުގެ ގެއްލުންތައް އަންނަނީ ލިބެމުންނެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ ހއ. އަތޮޅުން ފެށިގެން ލ. އަތޮޅަށް ރީނދޫ އެލާޓް ނެރެފައި ވަނީ، 17:00 އިން 21:00އާ ހަމައަށެވެ.

comment ކޮމެންޓް