މާލެ ތެރޭގެ ބަސްތަކެއް ހުއްޓާލައި، ބަރު އުޅަނދު ނުދުއްވަން އަންގައިފި

މާލޭގެ މަގެއް މަތީގައި ފެންބޮޑުވެފައި: މާލޭ ސަރަހައްދަށް ވަނީ އޮރެންޖު އެލާޓް ނެރެފައި -- ސަން ފޮޓޯ/ ނާއިޝް ނާހިދު

މާލެއަށް ކުރަމުންދާ ވިއްސާރައިގައި ބޯކޮށް ވާރޭވެހި، ފެންބޮޑުވުމާ ގުޅިގެން ބައެއް ބަސްތައް ދުއްވުން ހުއްޓާލައި ބަރު އުޅަނދު ދުއްވުން ހުއްޓާލަން މިއަދު އިލްތިމާސްކޮށްފިއެވެ.

ފުލުހުން ނެރުނު ބަޔާނެއްގައި ވަނީ ފެންބޮޑުވުމުން ބައެއް ގޭގެއަށް ފެން ވަނުމުގެ ހާދިސާތައް ހިނގަމުން ދާތީ، މަގުތަކުން ފެން ހިނދި އާންމު ހާލަތަށް މަގުތައް އަންނަންދެން ބަރު އުޅަނދު މާލޭގެ މަގުތަކުގައި ނުދުއްވުމަށާއި ހަތަރު ފުރޮޅުލީ އުޅަނދު ޒަރޫރީ ބޭނުންތަކުގައި ނޫނީ ނުދުއްވުމަށް އެދޭ ކަމަށެވެ.

ފެންބޮޑުވެފައިވާތީ ފުލުހުން އަންނަނީ މަގުތަކުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް މާލޭގެ އެކި ސަރަހައްދުތަކުގައި ހަރަކާތްތެރިވެ، ގޭގެޔަށް ފެން ނުވަންނަ ގޮތަށް ވެލިބަސްތާ ޖެހުމުގައި އެހީތެރިވަމުންނެވެ.

ވިއްސާރައާ ގުޅިގެން އެމްޓީސީސީން ނެރުނު ބަޔާނެއްގައި ވަނީ ފެންބޮޑުވުމާ ގުޅިގެން ރަސްފަންނު ސަރަހައްދު ބަންދުކޮށްފައިވާ ކަމަށެވެ. އެހެންވެ، އާރްޓީއެލް އޯކިޑް ރޫޓް (އާރު10) ބަހާއި އަމީނީ ރޫޓް (އާރު11)ގެ ދަތުރުތައް ވަގުތީ ގޮތުން ހުއްޓާލާފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ. އަދި ވެސްޓް ޕާކް އާއި ހުޅުމާލެ (އާރު1) ބަހާއި، ވެސްޓް ޕާކާއި ވީއައި ރޫޓް (އާރު3) އަދި ހުޅުމާލެ ފޭސް 2 އާއި ވެސްޓް ޕާކް (އާރު7) ރޫޓްގައި ބަސް ހުއްޓާ އެންމެ ފަހު ސްޓޮޕްއެއްގެ ގޮތުގައި މާފަންނު ބަސް ޓާމިނަލް ހަމަޖައްސައިފައިވާ ކަމަށް ވެސް އެމްޓީސީސީން ބުންޏެވެ.

މި ވިއްސާރައިގައި ސިނަމާލެ ބްރިޖާއި ހައިވޭގައި ސައިކަލު ދުއްވާއިރު ކުޑަނަގައިގެން ނުދުއްވުމަށާއި ފަސޭހައިން ހަލާކުވެ، ވަޔާދާ ފަދަ ކޯޓު ބޭނުންނުކުރުމަށާއި ހެލްމެޓު ވެސް ވަޔާ ނުދާނޭހެން ރަނގަޅަށް އެޅުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

މީގެ އިތުރުން، ބޯކޮށް ވާރޭ ވެހޭއިރު އުޅަނދު ދުއްވާނަމަ ހެޑް ލައިޓް ދިއްލައިގެން ދުއްވުމަކީ ރައްކާތެރި ވުމަށް އެޅިދާނެ ފިޔަވަޅެއް ކަމަށް ފުލުހުން ފާހަގަކޮށްފައިވެއެވެ.

ހަމައެއާއެކު ބޯކޮށް ވާރޭވެހި ކަނޑުތައް ވެސް ގަދަވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފައިވާތީ، ކޮންމެހެން ކުރަން ޖެހިއްޖެ ހާލަތުގައި ނޫނީ ކަނޑުދަތުރު ނުކުރުމަށް ފުލުހުން އިލްތިމާސްކޮށްފައިވެއެވެ.

މޫސުން ގޯސްވެ، ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރަމުންދާއިރު، މިއަދު ކ. އަތޮޅުން ފެށިގެން އދ. އަތޮޅަށް 14:15އިން 18:15އަށެވެ. އެ ވަގުތުތަކުގައި ގުގުރުމާއެކު ބޯކޮށް ވާރޭވެހި، ފެންބޮޑުވާނެ ކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ.

comment ކޮމެންޓް