ކޮރަޕްޝަންގެ ތުހުމަތުވާ މުވައްޒަފުން ވަކިކުރަން ލަފާދޭން ފާސްކޮށްފި

މާލިއްޔަތު ކޮމިޓީ: ސަރުކާރު ކުންފުނިތަކުގައި ކޮރަޕްޝަންގެ ތުހުމަތުވާ މުވައްޒަފުން ވަގުތުން މަގާމުން ވަކިކުރެވޭ ގޮތަށް ހިއުމަން ރިސޯސަސް އޮނިގަނޑަށް ބަދަލު ގެންނަން ސަރުކާރަށް ލަފާދޭން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ވަނީ ފާސްކޮށްފައި -- ފޮޓޯ/ މަޖިލިސް

ސަރުކާރު ކުންފުނިތަކުގައި ކޮރަޕްޝަންގެ ތުހުމަތުވާ މުވައްޒަފުން ވަގުތުން މަގާމުން ވަކިކުރެވޭ ގޮތަށް ހިއުމަން ރިސޯސަސް އޮނިގަނޑަށް ބަދަލު ގެންނަން ސަރުކާރަށް ލަފާދޭން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.

މާލިއްޔަތު ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ކުންފުނިތަކުގައި ކޮރަޕްޝަންގެ މައްސަލަތައް ހުއްޓުވުމަށް ޓަކައި، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ސަރުކާރަށް ހުށަހަޅާފައިވާ ކަންތައްތައް އަމަލީ ގޮތުން ތަންފީޒު ކުރުމުގެ ގޮތުން، ހިއުމަން ރިސޯސަސް އޮނިގަނޑަށް ބަދަލު ގެންނަން ސަރުކާރަށް ލަފާ ދިނުމަށް ހުށަހެޅުއްވީ މަޖިލީހުގެ ނައިބު ރައީސް އަޙުމަދު ނާޒިމެވެ.

ނާޒިމް ވިދާޅުވީ ކުންފުންޏެއްގެ ކޮރަޕްޝަންގެ މައްސަލައެއް ފެންމަތިވާއިރު، އެ ކަމަށް ވާގިވެރިވި، އެހެން މުވައްޒަފުން އެ ކުންފުނީގެ މަގާމުތަކުގައި ތިބުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށެވެ.

ސަރުކާރު ބަދަލުވާއިރު، ކުރިން ކޮރަޕްޝަންގެ އަމަލުތައް ހިންގި ކުންފުނިތަކުގެ އިސްވެރީން މަގާމުތަކުގައި ނެތަސް، އެ ކަމުގައި ބައިވެރިވި އެހެން މުވައްޒަފުންނާ މެދު ފިޔަވަޅު އެޅުމަށް ސަރުކާރަށް ލަފާދޭން އޭނާ ހުށަހެޅުއްވިއެވެ.

ނާޒިމް ވިދާޅުވި ގޮތުގައި ކޮރަޕްޝަން ހުއްޓުވޭނެ ހަމަ އެކަނި ގޮތަކީ ކުންފުނިތަކުގެ ހިއުމަން ރިސޯސަސް އޮނިގަނޑު ބަދަލުކޮށް، ކޮރަޕްޝަންގައި ޝާމިލުވާ އެންމެނަށް ފިޔަވަޅު އެޅޭނެ ގޮތް ހަމަޖެހިގެން ދިއުމެވެ.

މި ހުށަހެޅުމަށް ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއުވަނީ ތާއީދު ކުރައްވައިފައެވެ.

ނާޒިމްގެ ހުށަހެޅުން ކޮމިޓީން ފާސްކުރީ ހުރިހާ މެންބަރުންގެ އިއްތިފާގުންނެވެ.

ސަރުކާރުން ރައްޔިތުންނަށް އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމާއި، އެހެނިހެން ޚިދުމަތްތައް ދިނުމަށް އުފައްދާފައިވާ ކުންފުނިތައް މެދުވެރިކޮށް، ނުހައްގުން ސިޔާސީ މަންފާ ހޯދުމުގެ ބޭނުމުގައި ކޮރަޕްޝަންތައް ހިންގާ ކަމުގެ ކަންބޮޑުވުން ވަނީ ވަރަށް ބޮޑުވެފައެވެ.

އެ މައްސަލަތައް ފެންމަތިވެގެން އައި ނަމަވެސް، އެކަށީގެންވާ ގޮތެއްގައި މައްސަލަތައް ނުބެލި، ސަރުކާރާއި ރައްޔިތުންނަށް ލިބޭ ގެއްލުން ފޫނުބެއްދުމަކީ އޮތް ވަރަށް ބޮޑު ކަންބޮޑުވެމެކެވެ.

comment ކޮމެންޓް