ނާޒިމް ސުޕްރީމް ކޯޓަށް: ސިޔާސީ ހުކުމްތައް ކުރާ ހިސާބަށް ދިޔައީމާ މަޖިލީހުން ވެސް ކުރަން ޖެހުނު ކަމެއް ކުރާނަން

މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް: އޭނާ ވިދާޅުވީ، ޖިނާއީ އިޖުރާއަތުގެ ގާނޫނު އިސްލާހުކުރުމުގެ މަސައްކަތް ކުރާ ކަމަށް -- ފޮޓޯ/ މަޖިލީސް

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަކީ ސިޔާސީ ކަންތައްތަކުން ބަރީއަވެގެން ތިބެންޖެހޭނެ ބައެއް ކަމަށާއި، އެހެންނަމަވެސް ސިޔާސީ ހުކުމްތައް ކުރާ ހިސާބަށް ދިޔުމުން ރައްޔިތުންގެ މަޖިލީހުން ވެސް ކުރަން ޖެހުނު ކަމެއް އެކަން ހުއްޓުވުމަށް ކުރައްވާނެ ކަމަށް މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އޮތީ ސުޕްރީމް ކޯޓު ބެންޗުގައި ތިއްބަވާ ހަތް ފަނޑިޔާރުންގެ ތެރެއިން ދެ ފަނޑިޔާރުން ވަކިކޮށް، ބެންޗު ފަސް ފަނޑިޔާރުންނަށް މަދުކުރަން ހުށަހެޅި ބިލުގެ އިބްތިދާއީ ބަހުސެވެ.

ބަހުސްގައި ވާހަކަދައްކަވަމުން ނާޒިމް ވިދާޅުވީ މިއަދު އެ ބިލަށް ބަހުސްކުރާއިރު އެ މައުޟޫއުގައި އެއްޗެއް ބުނުން އެންމެ އައުލާކަން ބޮޑީ އޭނާ ކަމުގައެވެ.

"މި ފިޔަވަޅު މަތީ ހުއްޓި ހުރެ ސުޕްރިމް ކޯޓުގެ ފަނޑިޔާރުންގެ އަދަދަށް ބަދަލު ގެނައުމާ ބެހޭ ބިލަށް ބަހުސްކުރުމުގެ ނިއުމަތް ދެއްވިކަމަށްޓަކައި މާތްﷲއަށް ހަމްދުކުރަން. އެހެން އަޅުގަނޑު މި ދަންނަވާލީ އަޅުގަނޑަކީ ސުޕްރިމް ކޯޓުން 25 އަހަރު ދުވަހުގެ ހުކުމެއް ކުރި މީހަކަށްވާތީ، މި ފިޔަވަޅު މަތީ ހުއްޓި ހުންނަން މި ދިމާވި ދިމާވުމަކީ އިއްތިފާގެއް ކަމަށް އަޅުގަނޑަށް ގަބޫލުނުކުރެވޭތީ، އަދި މި މައުޟޫއުގަ އެއްޗެއް ބުނުން އެންމެ އައުލާކަން ބޮޑީ އަޅުގަނޑު ކަމަށްވާތީ،" ނާޒިމް ވިދާޅުވިއެވެ.

މީގެ ކުރިން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި 2015 ވަނަ އަހަރު އޭރުވެސް މަޖިލީހުގެ ނައިބު ރައީސްކަމުގައި ހުންނެވި ނާޒިމްގެ މައްޗަށް ވަނީ އުމުރު ދުވަހުގެ ޖަލު ހުކުމެއް އައިސްފައެވެ. ނާޒިމްގެ މައްޗަށް އެ ހުކުމް އިއްވާފައި ވަނީ ކުރީގެ އެޓޯލްސް މިނިސްޓްރީއަށް 15،000 ގައުމީ ދިދަ ގަތުމަށް އެ މިނިސްޓްރީން 31 ޑިސެމްބަރު 2003 ވަނަ ދުވަހު ކުރި އިއުލާނާ ގުޅިގެން ނާޒިމްގެ ހިއްސާ އޮންނަ ނަމީރާ އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑުގެ މުވައްޒަފުން ބޭނުންކޮށްގެން ވުޖޫދުގައި ނެތް ހަތަރު ކުންފުންޏެއްގެ ނަމުގައި އެސްޓިމޭޓު ހުށަހަޅައި، މަކަރާއި ހީލަތުން އެ ބިޑު ކާމިޔާބު ކުރި މައްސަލައާ ގުޅިގެންނެވެ.

އެ ހުކުމް ކުރީ ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރުންގެ ބެންޗަކުންނެވެ. ނަމަވެސް ފަހުން ވަނީ އެ ހުކުމް ބާތިލް ކޮށްފައެވެ.

ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމް ސުޕްރީމް ކޯޓަށް އޭރު ވަދެވަޑައިގަންނަވަނީ ---- ސަން ފައިލް ފޮޓޯ

"އަޅުގަނޑު މި ދެންނެވި ހުކުމް އަޅުގަނޑަށް ކުރީ ސުޕްރީމް ކޯޓުގެ ފުލް ބެންޗަކުން. ދަށު ކޯޓަކުން އަދި ހައިކޯޓަކުން ވެސް ފައިސަލާ ކުރެވިފައި ނެތް މައްސަލައެއްގައި ސުޕްރީމް ކޯޓުން އަޅުގަނޑުގެ މައްޗަށް ހުކުމް ކުރީ މަގުމަތިން ދަނިކޮށް ގޮވާފަ ވައްދާފައޭ ބުންޏަސް ރަނގަޅުވާނެ،" ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ އެ ދުވަހު އޭނާގެ ވަކީލެއްގެ ގޮތުގައި ހުންނެވީ މިއަދު ސުޕްރިމް ކޯޓުގެ ބެންޗުގައި އިންނަވާ ފަނޑިޔާރު ހުސްނުއްސުއޫދު ކަމަށެވެ. އެހެންކަމުން އެ ބޭފުޅާއަށް ސުޕްރިމް ކޯޓަކުން ކަންކޮށްގެން ނުވާނެ ގޮތަކަށް ކަންކުރެއްވި މަންޒަރު ވެސް ވަރަށް ރަނގަޅަށް އެ ދުވަހު ފެނިވަޑައިގަންނަވާނެ ކަމަށް ނާޒިމް ވިދާޅުވިއެވެ.

އެހެންނަމަވެސް މަޖިލީހުގެ އިމްތިޔާޒުތަކާދޭތެރޭ ވެސް މިހާރު މިއޮތް ސުޕްރީމް ކޯޓުގެ ބެންޗުން ސުވާލު އުފެއްދިތަން ދާދި ފަހުން ފެނިގެން ހިނގައްޖެ ކަމަށް ނާޒިމް ވިދާޅުވިއެވެ.

ގޮނޑީގެ މައްސަލައިގައި އޮތް އަޑުއެހުމުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު ވަނީ އެ މައްސަލަ އެ ކޯޓަށް ނުބެލޭނެ ކަމަށް ދައުލަތުގެ ވަކީލުން ފާހަގަ ކުރެއްވުމުން ސުވާލުތަކެއް ކުރިމަތި ކުރުވާފައެވެ. އެގޮތުން ސުއޫދު އެއްސެވީ ގާނޫނުއަސާސީގައި ދިވެހިރާއްޖޭގެ ދީނަކީ އިސްލާމްދީންކަން ބަޔާންކޮށްފައިވަނިކޮށް ރާއްޖޭގެ ދީނަކީ އިސްލާމްދީނެއް ނޫނޭ މަޖިލީހުން ނިންމައިފިއްޔާ ދެންވެސް އެ މައްސަލަ ސުޕްރީމް ކޯޓަށް ނުބެލޭތޯއެވެ.

ގާނޫނުއަސާސީގެ ތިންވަނަ ބާބުގައި އިސްލާމްދީނުގެ އަސްލަކާ ޚިލާފުނުވާ ގޮތެއްގެ މަތިން ގާނޫނު ހެދުމާއި ގާނޫނަށް ބަދަލު ގެނައުން އެބައޮތްކަން ފާހަގަކުރައްވައި ނާޒިމް ވިދާޅުވީ އިސްލާމްދީނާ ޚިލާފު އެއްވެސް ގާނޫނެއް މަޖިލީހަށް ބަލައިގަތުމަކީ ވެސް އަދި ބަހުސްކުރުމަކީ ވެސް މުސްތަހީލުކަމެއް ކަމަށެވެ. އެހެންކަމުން އެ ސުވާލު އުފެއްދުމުން ސުޕްރިމް ކޯޓުގެ ބެންޗާ ދޭތެރޭ ވިސްނާލަން އެބަޖެހޭ ކަމަށް ނާޒިމް ވިދާޅުވިއެވެ.

ސުޕްރީމް ކޯޓުން މަޖިލީހާ ގުޅޭ މައްސަލައެއް ބަލަމުން ދަނިކޮށް, އެ ކޯޓުގެ ބެންޗު ބަދަލު ކުރުމަކީ މި ވަގުތު ކުރަން އެންމެ ރަނގަޅު ކަމެއްތޯ އުފައްދާ ސުވާލަށް ވެސް ނާޒިމް ވަނީ ޖަވާބު ދެއްވައިފައެވެ.

"އާދެ ކޮންމެ ކަމަކަށް ވެސް މުނާސަބު ވަގުތެއްވޭ. މިކަން ކުރަން މި ބިލު ހުށަހަޅަން މިއީ އެންމެ މުނާސަބު ދަނޑިވަޅެއް ނޫނޭ ވެސް ބައެއް މެންބަރުން ވިދާޅުވޭ. އެހެންނަމަވެސް އެ ބުނާ މުނާސަބު ދަނޑިވަޅަކީ ވެސް އެހެން އެގޮތަށް ފަހިވެފަ އޮންނަ ދަނޑިވަޅެއް ނޫން،" ނާޒިމް ވިދާޅުވިއެވެ.

މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް: އޭނާ ވިދާޅުވީ އިގުތިސާދު ރަނގަޅުވާތަން ނުފެންނަ ކަމަށް -- ފޮޓޯ/ ރައީސް އޮފީސް

ރައްޔިތުން މަޖިލީހަށް މެންބަރުން އިންތިޚާބުކުރުމަށްފަހު ސުޕަމެޖޯރިޓީ ދީފައި އޮތީ ގައުމުގައި އެގޮތަށް ހުރި ކަންކަން، ވަކިން ޚާއްސަކޮށް ރައްޔިތުން ނުރައްކަލަށް ހުށަހެޅޭ ކަންތައްތަކުގެ ރަނގަބީލު ޖަހަން ފެށުމުން އެކަންތައްތައް އިސްލާހުކުރުމަށް ކަމަށް ނާޒިމް ވިދާޅުވިއެވެ.

އަދި މިއަދު ފެނިގެން މިދަނީ ސިޔާސީ އޮއެވަރުގައި ނުޖެހެންޖެހޭ ބަޔަކު ސިޔާސީ އޮއެވަރުގައި ޖެހެމުންދާ މަންޒަރުކަން ކަމަށާއި ވަކިން ޚާއްސަކޮށް ސިޔާސީ ވެރިން ޖަހަމުންދާ ބެރަށް ތައްޔާރުވެގެންތިބި މަންޒަރު ކަމަށް ނާޒިމް ވިދާޅުވިއެވެ.

ނާޒިމް އެފަދައިން އެ ވިދާޅުވީ ޕާޓީއަކުން ވަކިކުރާ މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ޕީއެންސީން ގާނޫނުއަސާސީއަށް ގެނައި އިސްލާހުގެ މައްސަލަ ސުޕްރީމް ކޯޓުގައި ހިނގަނިކޮށް، އެ މައްސަލަ ސުޕްރީމް ކޯޓުގައި ކުރިއަށް ގެންދަން އެ ކޯޓުން ނިންމާފައިވަނިކޮށެވެ. ދައުލަތުން ވަނީ އެ މައްސަލައަކީ ސުޕްރީމް ކޯޓަށް ބެލޭނެ މައްސަލައެއް ނޫން ކަމަށް ބުނެފައެވެ. އެ މައްސަލަ ސުޕްރިމް ކޯޓަށް ހުށަހެޅުއްވީ ކުރީގެ ކެންދޫ ދާއިރާގެ މެންބަރު އަދި ގާނޫނީ ވަކީލު އަލީ ހުސައިނެވެ.

"އަޅުގަނޑުމެންނަކީ ސިޔާސީ މީހުން. އަޅުގަނޑުމެން ސިޔާސީ ކަންތައްތައް ނިންމާނީ މި ތަޅުމުން. ސިޔާސީ ކަންތައްތަކާމެދު ބަހުސްކޮށް ކަންކަން ނިންމާނީ މިތަނުން. އެހެންކަމުން އެކަންކަމުން ބަރީއަވެގެންވާ ބަޔަކަށް ފަނޑިޔާރުން ވާން އެބަޖެހޭ. އަޅުގަނޑުމެންނަށް ފެނިފައި ވަނީ އެކަން އެގޮތަށް ނުވާތަން،" ސުޕްރީމް ކޯޓުގެ ނިންމުމާ ނުރުހުންވެ ނާޒިމް ވިދާޅުވިއެވެ.

ސުޕްރީމް ކޯޓަކީ ވަރަށް މަތިވެރި މަސްއޫލިއްޔަތެއް އަދާކުރަންޖެހޭ ވަކިން ޚާއްސަކޮށް ދައުލަތުގެ ތިން ބާރުގެ ތެރެއިން އެއް ބާރު ކަމަށް ނާޒިމް ވިދާޅުވިއެވެ.

"މުޖުރިމުން މިނިވަންވެގެން ގޮސް ގޭގެ ސިޓިންރޫމްތަކުގައި ސިޔާސީ ޖަލްސާތައް ބާއްވަމުންދާތަން ވެސް އަޅުގަނޑުމެންނަށް އެބަފެނޭ މިހާރުވެސް. އެހެންވީމާ ކުށްވެރިން ދޫވެ، ނުކުރާ މީހުން ޖަލަށްލެވި، އަދި ސިޔާސީ ކަންކަމުގެ ތެރެއަށް ވަދެ، ސިޔާސީ ހުކުމްތައް ކުރާ ހިސާބަށް ދިޔާމާ އަޅުގަނޑުމެން ވެސް މަޖިލީހުގެ އިމްތިޔާޒާ، މެންބަރުންގެ ހައްގުތަކާ، ރައްޔިތުންގެ ހައްގުތައް ހިމާޔަތްކުރެވޭ ބައެއްގެ ހައިސިއްޔަތުން އަޅުގަނޑުމެން އަޅަންވާ ފިޔަވަޅުތައް އެޅުމުގައި ފަސްޖެހިގެން ނުވާނެ،" ނާޒިމް ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް ކެރޭނެ. ކުރަންވެސް ކުރާނަން ކުރަންޖެހުނީމަ،" ވާހަކަ ނިންމަވާލައްވައި ނާޒިމް ވިދާޅުވިއެވެ.

އެކި ސަރުކާރުތަކުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދުތަކަށް ވެސް ވަނީ ބަދަލު ގެނެސްފައެވެ. އެގޮތުން 2014 ވަނަ އަހަރު ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި އެ ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކުން ފަހަކަށް މަދުކުރިއެވެ.

އެއަށްފަހު، 2019ގައި އެއިރުގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވެރިކަމުގައި އެ އަދަދު ފަހަކުން ހަތެކަށް އިތުރުކުރީއެވެ.

comment ކޮމެންޓް