ކޮންމެއަހަރަކުވެސް ނެރޭ އެޕަލްގެ އާ އައިފޯން ވެފައި އޮންނަނީ ގިނަބައެއްގެ ދިގުއިންތިޒާރެއްގެ ނިމުމަކަށެވެ.
އެގޮތުން މިއަހަރުވެސް އަދި ކުރިއަށް އައިފޯން 16 އޮތުމާއެކު އައިފޯނު 17 ގެ ވާހަކަވެސް މިހާރު މީޑިއާއަށް މިވަނީ ތިލަވެފައެވެ.
މީޑިއާ ރިޕޯޓްތައް ބުނާގޮތުން 2025 ވަނަ އަހަރު އެޕަލްއިން ނެރޭ އައު އައިފޯނު 17 ވެގެންދާނީ މުޅިން އާ މޮޑެލެއްގެ ފޯނަކަށެވެ. މި އައު މޮޑެލްގެ ނަމަކަށް ވާނީ "އައިފޯން 17 އެއާ" ކަމަށް ބެލެވެއެވެ. މިއީ މިހާރު ވިއްކަމުންދާ ސްޓޭންޑަޑް، ޕްރޯ އަދި ޕްރޯ މެކްސް މޮޑެލްތަކާއެކު ހަތަރުވަނަ މޮޑެލް ކަމަށްވާނެއެވެ.
މި އައު ސްމާޓްފޯނާ ބެހޭ ގޮތުން މާ ގިނަ މަޢުލޫމާތެއް އަދި ލިބިފައެއް ނުވެއެވެ. ނަމަވެސް މި ފޯނަކީ ޚާއްޞަ ޑިޒައިނަކާއި ތުނި ބޮޑީއަކާއެކު ތައްޔާރުކުރެވޭ ފޯނެއް ކަމަށް ބެލެވެއެވެ. އަދި މި ފޯނު ތަޢާރަފުކުރުމާއެކު މިހާރު ވިއްކަމުންދާ ޕްލަސް މޮޑެލް ނިމުމަކަށް އަތުވެދާނެ ކަމަށްވެސް ބައެއް ރިޕޯޓުތަކުން ދައްކައެވެ.
ބްލޫމްބާގްގެ މާކް ގުރްމަން ވަނީ އެޕަލްއިން އަންނަ އަހަރު ތަޢާރަފުކުރާނެ އައިފޯނު ސީރީޒްއަށް އައު ފޯމް ފެކްޓަރެއް ތަޢާރަފުކުރުމަށް މަސައްކަތްކުރަމުންދާ ކަމަށް ބުނެފައެވެ. މިގޮތުން އައިފޯން 17 އާއި އައިފޯން 17 ޕްރޯގެ ދެމެދުގައި ހުންނަ "އެއާ" ވާޝަނެއް ތަޢާރަފުކުރުމަށް ވިސްނަމުންދާ ކަމަށް އޭނާ ބުނެފައިވެއެވެ.
މި އައު ފޯނަކީ ކުރިން "އައިފޯން 17 ސްލިމް" ގެ ނަމުގައި ތަޢާރަފުކުރެވޭނެ ކަމަށް އަޑުއިވެމުން ދިޔަ ފޯނެވެ. ނަމަވެސް ގުރްމަން ބުނާ ގޮތުގައި މި ފޯނުގެ ނަމަކަށް ވާނީ "އައިފޯން 17 އެއާ" އެވެ.
ބްލޫމްބާގް ރިޕޯޓުގައި އިތުރަށް ބުނެފައިވާ ގޮތުގައި މި އައު ސްމާޓްފޯނުގައި ޕްރޯ މޮޑެލްތަކުގެ ޕާފޯމަންސް، ސްކްރީން ސައިޒް ނުވަތަ ކެމެރާތައް ނުހުންނާނެއެވެ. އޭގެ ބަދަލުގައި މި ފޯނުގެ ޚާއްޞަ ޑިޒައިނާއި ފޯމް ފެކްޓާއަށް އިސްކަން ދޭނެއެވެ.
އެޕަލް އެނަލިސްޓް މިންގް-ޗި ކޫ ކުރިން ބުނެފައިވާ ގޮތުގައި މި ފޯނުގައި ޓައިޓޭނިއަމް މިޑްލް ފްރޭމަކާއި 48 މެގަޕިކްސެލްގެ އެންމެ ކެމެރާއެއް ހުންނާނެއެވެ.
މި ފޯނުގައި 6.6 އިންޗީގެ 1,260x2,740 ޕިކްސެލް ރެޒޮލިއުޝަންގެ ޑިސްޕްލޭއަކާއި ޑައިނަމިކް އައިލެންޑް ހުންނާނެ ކަމަށް ބެލެވެއެވެ. އަދި މި ފޯނު ހިންގުމަށް އެޕަލް A19 ޗިޕްސެޓް ބޭނުންކުރާނެ ކަމަށް ލަފާކުރެވެއެވެ. މިއީ އެ އަހަރު އައިފޯނުތަކުގައި ބޭނުންކުރާނެ ދަށް ފެންވަރުގެ ޕްރޮސެސަރ ކަމަށް ބެލެވެއެވެ. އެހެންނަމަވެސް އައިފޯން 17 ޕްރޯ އަދި އައިފޯން 17 ޕްރޯ މެކްސްގައި A19 ޕްރޯ ޗިޕްސެޓް ހުންނާނެ ކަމަށް ލަފާކުރެވެއެވެ.
މިހާރު އަދި އޮތީ މި ފޯނު އުފެއްދުމުގެ މަރުޙަލާގެ ވަރަށް ކުރީކޮޅުގައި ވުމާއެކު، އަދި އެޕަލްއިން މި މަޢުލޫމާތުތައް ކަށަވަރުކޮށްފައި ނުވާތީ، މި މަޢުލޫމާތުތައް އެހާ ސީދާ ނުވެދާނެއެވެ.
އައިފޯން 17 އެއާ މޮޑެލްގެ ނަމާއި އެހެނިހެން ތަފްޞީލުތައް ހާމަވާނީ 2025 ގައި އެޕަލްއިން މި ފޯނު ރަސްމީކޮށް ތަޢާރަފުކުރުމުންނެވެ.