އޮލިމްޕިކް ދުވަހުގެ ހަރަކާތްތައް ފަށައިފި

އޮލިމްޕިކް ދުވަސް ފާހަގަކުރުމުގެ ގޮތުން މިއަދު ގައުމީ ދަނޑުގައި ބޭއްވި ހަރަކާތްތަކުގެ ތެރެއިން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ބައިނަލް އަގުވާމީ އޮލިމްޕިކް ދުވަސް ފާހަގަކުރުމުގެ ގޮތުން ރާއްޖޭގައި ކުރިއަށް ގެންދާ ހަރަކާތްތައް މިއަދު ފަށައިފި އެވެ.

އޮލިމްޕިކް ދުވަހަކީ މި މަހުގެ 20 ވަނަ ދުވަހެވެ. ރާއްޖޭގައި އެ ދުވަސް ފާހަގަކުރުމުގެ ހަރަކާތްތައް ފެށުމުގެ ގޮތުން މިއަދު ގައުމީ ފުޓުބޯޅަ ދަނޑުގައި ބޭއްވި ހަރަކާތްތަކުގައި ރާއްޖޭގެ އޮލިމްޕިކް ކޮމިޓީގެ އިސް ބޭފުޅުންގެ އިތުރުން އޭޝިއަން އޮލިމްޕިކްސް ކައުސިލްގެ ބޭފުޅުން ވެސް ވަނީ ބައިވެރިވެފަ އެވެ.

މިއަދު ގައުމީ ދަނޑުގައި ބޭއްވި ހަރަކާތްތަކުގައި ގިނަ އަދަދެއްގެ ކުޑަކުދިން ބައިވެރިވެފައިވާ އިރު، އޮލިމްޕިކް ކޮމިޓީގެ ނައިބު ރައީސް އަހްމަދު ލަތީފު ވަނީ އޮލިމްޕިކް ދުވަހުގެ ވެލިއުސްތައް ވެސް ކުދިންނަށް ކިޔައިދީފަ އެވެ. މިއަހަރު އޮލިމްޕިކްސް ދުވަހުގެ ވެލިއުސްތަކަކީ "މޫވް"، "ލާން" އެންޑް "ޑިސްކަވާ"އެވެ.

އޮލިމްޕިކް ދުވަސް ފާހަގަކުރުމުގެ ގޮތުން މިއަދު ގައުމީ ދަނޑުގައި ބޭއްވި ހަރަކާތްތަކުގެ ތެރެއިން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

މިއަދުގެ ހަރަކާތްތައް ފެށުމުގެ ކުރިން ވާހަކަފުޅު ދައްކަވަމުން ކުރީގެ އޮލިމްޕިކް ކޮމިޓީގެ ރައީސް އަދި މިހާރުގެ ސްޕޯޓްސް ކައުންސިލްގެ ރައީސް އިބްރާހީމް އިސްމާއީލް ވިދާޅުވީ އޮލިމްޕިކް ދުވަހަކީ ދުނިޔޭގެ އެކި ކަންކޮޅުތަކެއްގައި ފާހަގަކުރާ ހަރަކާތެއްކަމަށާއި އެ ހަރަކާތުގައި ރާއްޖެ ބައިވެރިވުމަކީ ލިބޭ އުފަލެއް ކަމަށެވެ.

އޮލިމްޕިކް ދުވަހުގެ ހަރަކާތައް 202 ގައުމެއްގައި ފާހަގަކުރުމަށް ހަމެޖެހިފައިވާ އިރު، އިބްރާހީމް އިސްމާއީލް ވިދާޅުވީ ހަރަކާތުގެ މަގުސަދަކީ ކުޅިވަރަށް އޮންނަ ލޯބި ކުދިންގެ ހިތްތަކުގައި އިތުރު ކުރުން ކަމަށާއި ހުރިހާ ކުދިން ވެސް އެ ހަރަކާތްތަކުގައި ބައިވެރިވުމަކީ މުހިއްމު ކަމެއް ކަމަށެވެ.

އޮލިމްޕިކް ދުވަސް ފާހަގަކުރުމުގެ ގޮތުން މިއަދު ގައުމީ ދަނޑުގައި ބޭއްވި ހަރަކާތްތަކުގެ ތެރެއިން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

މިއަދުގެ ހަރަކާތްތަކުގެ ތެރޭގައި އޮލިމްޕިކްސް ދަންމަރާ އެކު ހާއްސަ ދުވުމެއް ބެއްވި އިރު، ކުޅިވަރުގެ ގިނަ ހަރަކާތްތަކެއް ވެސް ވަނީ ކުރިއަށް ގެންގޮސްފަ އެވެ. އޮލިމްޕިކް ދުވަހުގެ ހަރަކާތްތައް މިއަދު ފަށާފައިވާ އިރު، ކުރިއަށް އޮތް ހަފްތާ ބަންދު ދުވަސްތަކުގައި މާލޭގެ އެކިއެކި ސްކޫލްތަކުގައި ހާއްސަ ހަރަކާތްތަކެއް ކުރިއަށްގެންދާނެ ކަމަށް އޮލިމްޕިކް ކޮމިޓީން ވަނީ ބުނެފަ އެވެ.

އޮލިމްޕިކް ދުވަސް ދުނިޔޭގެ އެކި ހިސާބުތަކުގައި ފާހަގަކުރަމުންދާ އިރު، ސްކޫލްތަކާއި ކުޅިވަރު ޖަމިއްޔާތައް އެ ހަރަކާތްތަކުގައި ބައިވެރިވާކަން ފާހަގަކޮށްލެވެ އެވެ. އޮލިމްޕިކް ދުވަސް ފާހަގަކުރުމުގެ އެންމެ މުހިއްމު މަގުސަދަކީ އޮލިމްޕިކް ވެލިއުސްތަކަށް ދުނިޔޭގެ ގިނަ ބަޔަކު އަހުލުވެރި ކުރުވުމެވެ.

އޮލިމްޕިކް ދުވަސް ފާހަގަކުރުމުގެ ގޮތުން މިއަދު ގައުމީ ދަނޑުގައި ބޭއްވި ހަރަކާތްތަކުގެ ތެރެއިން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

އޮލިމްޕިކް ދުވަހާއި އޭޝިއަން ގޭމްސް ޕްރޮމޯޓް ކުރުމުގެ ގޮތުން އިއްޔެ ރަސްފަންނުގައި ވަނީ ހާއްސަ ދުވުމެއް ވެސް ކުރިއަށް ގެންގޮސްފަ އެވެ. އެ ދުވުމުގައި ގާތް ގަނަޑަކަށް 500 އަށް ވުރެ ގިނަ ކުދިން ވަނީ ބައިވެރިވެފަ އެވެ.

comment ކޮމެންޓް