ދަތް ހަމައެކަނި އުނގުޅައިގެން ވާކަށް ނެތް، ފްލޮސްކުރަންތަ؟

ފްލޮސްކުރުން: އާދައަކަށް ނަހަދައިފިނަމަ ދަތަށް ގެއްލުން ލިބުމުގެ ފުރުސަތު ފަހިކޮށްދޭ--ފޮޓޯ/ޕިންޓްރެސްޓް

ދަތުގެ ފަރުވާއަށް ދަތުގެ ޑޮކްޓަރަށް ޒިޔާރަތްކުރާ ކޮންމެ ފަހަރަކު ވެސް އާއްމުކޮށް ކުރާ އެއް ސުވާލަކީ އާދަވެގެން ދަތްތައް ފްލޮސްކުރޭތޯއެވެ؟

އާއްމުދިރިއުޅުމުގައި ދެ އިރު ރީތިކޮށް ދަތް އުނގުޅުމަށް ފަހު ގިނަ ބަޔަކު އާއްމުގޮތެއްގައި ސަމާލުކަމެއް ދީގެން ކުރާ ކަމަކީ މައުތުވޮޝްއަކުން އަނގަ ދޮވެލުމަށް ފަހު ސާފުކޮށްލުމެވެ. މި މަރުހަލާއަށް ފަހު ފްލޮސް ކުރުމަށް ގިނަ ބަޔަކަށް މާ ބޮޑު ސަމާލުކަމެއް ނުދެވެއެވެ. އެކަމުގެ ފައިދާތަކުގެ މަތިން ވެސް ހަނދާނެއް ނުހުރެއެވެ.

ދަތްތައް ސާފުތާހިރުކޮށް ބެހެއްޓުމަށް ދުވަހުގެ ތާވަލުގައި ފްލޮސްކުރުން ކޮންމެހެންވެސް ހިމަނަންޖެހޭ--ފޮޓޯ/ޕިންޓްރެސްޓް

ދަތް އުނގުޅާ ބުރުހުން ދަތްދޮޅީގެ މަތީބަޔާއި ބޭރު ފަށަލަތައް ސާފުކޮށްދޭއިރު ދެ ދަތް ދޭތެރޭގައި ހުންނަ ބެކްޓީރިއާ ތަކާ ހަމައަށް ދަތް އުނގުޅާ ބުރުހަށް ވާސިލެއް ނުވެވެއެވެ.

މިކަމުން ސަލާމަތްކަން ހޯދަން ބޭނުންނަމަ ޑެންޓަލް ފްލޯސް ގަވާއިދުން ބޭނުންކުރާށެވެ. މައުތުވޮޝް އާއި ދަތް އުނގުޅާ ބުރުސްތަކާއި ޚިލާފަށް ޑެންޓަލް ފްލޯސްއަކީ އިންޓަޑެންޓަލް ކްލީނަރެއްގެ ގޮތުގައި މަސައްކަތްކުރާ އެއްޗެކެވެ.

ސާފުތާހިރު ރީތި ދަތްޕިލައަކީ ތިމާގެ ސާފުތާހިރުކަން ދައްކުވައިދޭ އެންމެ މުހިންމު އެއް ސިފައެވެ. ހަށިގަނޑުގެ އެހެން ގުނަވަންތަކަށް ދިމާވާ ތަފާތު އެކި އެކި ސިއްހީ މައްސަލަތަކުން ހިމާޔަތް ހޯދައިދިނުމުގައި ވެސް ދުޅަހެޔޮ ދަތްޕިލައެއް މުހިއްމު ރޯލެއް ކުޅެއެވެ. ގިނަ ކްލިނިކަލް ދިރާސާތަކުން ދައްކާގޮތުގައި، އަނގައިގެ ފަރުވާތަކަށް ފަރުވާ ކުޑަކުރެވިއްޖެނަމަ ދަތްތައް ހަލާކުވުމާއި، ގޮހޮރުގެ ބަލިތަކުގެ ސަބަބުން އުފެދޭ އިންފްލެމޭޝަންގެ ޒަރީއާއިން ހަށިގަނޑަށް ބެކްޓީރިއާ ދައުރުވުމަށް މަގުފަހިކުރުވައެވެ.

ދަތްތައް ފްލޮސް ކުރުމަކީ ވަކި އުމުރަކަށް އޮތް ކަމެއް ނޫން--ފޮޓޯ/ޕިންޓްރެސްޓް
ފްލޮސްކުރުމަކީ ދަތް އުނގުޅުމާ އެއްވަރަށް މުހިއްމު ކަމަކަށްވާއިރު ގަންނަ ފްލޮސްއަކީ ރަނގަޅު ވައްތަރެއްތޯ ވެސް ބެލުން މުހިއްމެވެ. ފްލޮސްކުރާނެ ގޮތްތަކަށް ހާއްސަ ވީޑިއޯތައް ވެސް އިންޓަނެޓު މެދުވެރިކޮށް ބަލާލެވެން ހުރި ޒަމާނެއްގައި މިއީ ދަސްކުރަން އުނދަގޫ ކަމެއް ނޫނެވެ.

ނަމަވެސް، ދަތްޕިލައަށް އެންމެ ރަނގަޅު ވައްތަރެއްގެ ފްލޮސްއެއް ހޯދުމަށް ދަތުގެ ޚާއްސަ ޑޮކްޓަރަކާ މަޝްވަރާ ވެސް ކުރެވިދާނެއެވެ. ސިއްހީ މާހިރުން ލަފާދޭ ގޮތުގައި ފްލޮސްކުރުން އާދައަކަށް ހެދުމަށް ފަހު ކޮންމެ ދުވަހެއްގެ ތާވަލުގައި ވެސް އެކަން ހިމަނަން ޚާއްސަ ސަމާލުކަމެއް ދިނުން މުހިއްމެވެ.

comment ކޮމެންޓް