ރަސްމީ ދަތުރުފުޅެއްގައި މިނިސްޓަރު ޒަމީރު ބަޙްރައިނަށް ފުރާވަޑައިގެންފި

ރަސްމީ ދަތުރުފުޅެއްގައި މިނިސްޓަރު ޒަމީރު ބަޙްރައިންއަށް ފުރާވަޑައިގެންފި -- ފޮޓޯ/ ރައީސް އޮފީސް

ރަސްމީ ދަތުރުފުޅެއްގައި ފޮރިން މިނިސްޓަރު މޫސާ ޒަމީރު ބަޙްރައިނަށް ފުރާވަޑައިގެންފިއެވެ.

ފޮރިން މިނިސްޓްރީއިން ބުނީ މި ދަތުރުފުޅަކީ ބަހްރެއިންގެ ފޮރިން މިނިސްޓަރުގެ ޑރ. އަބްދުއްލަތީފް ބިން ރާޝިދު އަލް ޒަޔާނީގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ.

އެ މިނިސްޓްރީއިން ބުނީ މިނިސްޓަރުގެ މި ދަތުރުފުޅުގެ ބޭނުމަކީ ދެ ޤައުމުގެ މެދުގައި އޮންނަ ގުޅުން ބަދަހިކުރުން ކަމުގައެވެ.

މީގެއިތުރުން، މި ދަތުރުފުޅުގައި މިނިސްޓަރު ޒަމީރު އެގައުމުގެ ފިނޭންސް އެންޑް ނޭޝަނަލް އިކޮނޮމީ މިނިސްޓަރާއި އޮއިލް އެންޑް އެންވަޔަރަމަންޓް މިނިސްޓަރާއި ޓޫރިޒަމް މިނިސްޓަރާ ވެސް ބައްދަލުކުރައްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

އެގޮތުން އެދާއިރާތަކުން ރާއްޖެއާ އޮންނަ ގުޅުން ބަދަހިކޮށް، މުހިއްމު މަޝްވަރާތައް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި މަހުގެ 15 ވަނަ ދުވަހާ ހަމައަށް މިނިސްޓަރު ބަޙްރައިނަށް ކުރައްވާ ދަތުރުފުޅުގައި، މިނިސްޓަރާއެކު އެމްބެސެޑާ އެޓް ލާޖް އަހުމަދު ނަސީރާއި ބައިލެޓަރަލް ސެކްރެޓަރީ ޑރ. ހާލާ ހަމީދުގެ އިތުރުން އެ މިނިސްޓްރީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވާނެއެެވެ.

މިއަހަރަށް ރާއްޖެއާއި ބަޙްރައިނާއި ދެމެދު އޮންނަ ގުޅުމަށް 44 އަހަރު ފުރޭނެއެވެ.

comment ކޮމެންޓް