ކޮންމެ އަހަރަކު ވެސް އުރީދޫން ބާއްވަމުން އަންނަ މަސް ރޭސް މިއަދު ކ. ހިންމަފުށީގައި ފަށައިފިއެވެ.
މި އަހަރުގެ މަސް ރޭސް ޖުމްލަ ތިން ރަށެއްގައި ކުރިއަށްގެންދިއުމަށް ނިންމާފައިވާއިރު، އެއްވަނަ ޓީމަކަށް 25،000 ރުފިޔާ އިނާމެއް ދިނުމަށް އުރީދޫން ވަނީ ނިންމާފައެވެ.
މި ހަރަކާތް ހިންމަފުށީގައި ފައްޓަވައިދެއްވާފައި ވަނީ އުރީދޫގެ ސީއީއޯ ޚާލިދު އަލް ޚަމާދީއެވެ.
ހިންމަފުށީގެ އިތުރުން ޅ. ނައިފަރާއި ތިނަދޫ ސިޓީގައި މަސް ރޭސް ބާއްވާނެއެވެ.

އުރީދޫ މަސް ރޭހުގެ ތެރެއިން: މިއަދު އެ ރޭސް ފަށާފައި ވަނީ ކ. ހިންމަފުށީގައި ---- ފޮޓޯ/ އުރީދޫ
މީގެކުރިން އުރީދޫއިން ބުނީ މި ރޭހަކީ އެ ކުންފުނީގެ 19 ވަނަ އަހަރީ ދުވަސް ފާހަގަކުރަން ބާއްވާ މުބާރާތެއް ކަމަށާއި އެ ރޭސް ވާނީ ރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު އަދި އެންމެ ކުލަގަދަ މަސްވެރިކަމުގެ މުބާރަތަށް ކަމަށެވެ.
ކޮންމެ ޓީމެއްގައި ކެޕްޓަނާއި އޮފިޝަލުން ހިމެނޭ ގޮތަށް މަދުވެގެން 8-12 މެމްބަރުން ތިބޭއިރު، ބައިވެރިން މިހާރު އަންނަނީ މަސް ބޭނުމުގައި ހަރަކާތްތެރިވަމުންނެވެ.
މަސްރޭހުގައި ޖުމްލަ 126،000 ރުފިޔާގެ އިނާމު ދިނުމަށް ހަމަޖެހިފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ:
- އެއްވަނަ ޓީމް: 25،000 ރުފިޔާ
- ދެވަނަ ޓީމް: 10،000 ރުފިޔާ
- ތިންވަނަ ޓީމް: 5000 ރުފިޔާ
- އެންމެ މޮޅު ފިރިހެން މަސްވެރިޔާ: 1000 ރުފިޔާ
- އެންމެ މޮޅު އަންހެން މަސްވެރިޔާ: 1000 ރުފިޔާ

އުރީދޫ މަސް ރޭހުގެ ތެރެއިން: މިއަދު އެ ރޭސް ފަށާފައި ވަނީ ކ. ހިންމަފުށީގައި ---- ފޮޓޯ/ އުރީދޫ
އުރީދޫގެ މި އަހަރުގެ މަސްރޭސް ހިންމަފުށީގައި މިއަދު ފަށާފައިވާއިރު ތިނަދޫ ސިޓީގައި މަސްރޭސް އޮންނާނީ އަންނަ ހުކުރު ދުވަހެވެ.
އަދި، ނައިފަރުގައި ފަށާނީ މި މަހުގެ 23 ވަނަ ދުވަހެވެ.