އެމްއެމްއޭއަށް ފަސް އެމްޑީން ހޯދަނީ، މުސާރައަކީ ބައި ލައްކަ

މަރުކަޒީ ބެންކް، އެމްއެމްއޭ-- ފޮޓޯ: އެމްއެމްއޭ

މަރުކަޒީ ބޭންކު އެމްއެމްއޭގެ އޮނިގަނޑަށް ބަދަލުގެނެސް، ފަސް މެނޭޖިން ޑިރެކްޓަރުން ހޯދުމަށް އެ އޮތޯރެޓީން އިއުލާން ކޮށްފިއެވެ.

މިކަމާ ގުޅިގެން މިއަދު އެމްއެމްއޭއިން ގެޒެޓުގައި ކޮށްފައިވާ އިއުލާނެއްގައި ވަނީ އެ އޮތޯރެޓީގެ ފަސް މެނޭޖިން ޑިރެކްޓަރުންގެ މަގާމަށް، ހުނަރުވެރި ގާބިލް އަދި އިޚްލާސްތެރި ތެދުވެރިކަމާ އެކު މަސައްކަތް ކުރުމަށް ޝައުގުވެރިވާ މީހުން ބޭނުންވާ ކަމަށެވެ.

އަދި މި ވަޒީފާތަކަކީ ދެ ޖިންސުގެ މީހުންނަށް ވެސް ހަމަހަމަ ފުރުސަތު އޮތް ވަޒީފާތަކެއް ކަމަށް ވެސް ގެޒެޓްކުރި އިއުލާނުގައިވެ އެވެ.

އެމްއެމްއޭއިން މެނޭޖިން ޑިރެކްޓަރުން އައްޔަންކުރުމަށް އިއުލާނުކޮށްފައިވާ ފަސް ދާއިރާ އަކީ:
* މަނިޓަރީ ޕޮލިސީ، ރިސާޗް އެންޑް ސްޓެޓިސްޓިކްސް
* ފައިނޭންޝަލް ސްޓެބިލިޓީ
* ބޭންކިން އޮޕަރޭޝަންސް
* ކޯޕޮރޭޓް ސާވިސަސް
* ފައިނޭންޝަލް ސެކްޓާ ޑިވަލަޕްމަންޓް

އެ އޮތޯރެޓީން އިއުލާނު ކޮށްފައިވާ މި މަގާމުގެ މުއްދަތަކީ ފަސް އަހަރުގެ ދެ ދައުރެކެވެ. އަދި އިއުލާން ކޮށްފައިވާ ފަސް މަގާމުގެ މުސާރައާ އިނާޔަތްތަކަކީ 50،000 ރުފިޔާއާ 55،000 ރުފިޔާއާ ދެމެދުގެ އަދަދެއް ކަމަށް އެމްއެމްއޭއިން ވަނީ ބުނެފައެވެ.

ޒަމާނީ ސެންޓްރަލް ބޭންކަކަށް އެމްއެމްއޭ ހެދުމަށް އެ އޮތޯރެޓީގެ އޮނިގަނޑަށް ބަދަލް ގެނައުމަށް ނިންމެވީ އެ އޮތޯރެޓީއަށް ރައީސުލް ޖުމްހޫރިއްޔާ އައްޔަންކުރެއްވި އައު ގަވަރުނަރު އަހުމަދު މުނައްވަރެވެ.

comment ކޮމެންޓް