ޓޯކިން އިކޮނޮމީ: އިގުތިސާދު ހިންގުމަށްޓަކައި، ޕްރައިވެޓް ސެކްޓާއަށް އަވަހަށް ފައިސާ ދޫކުރަން ޖެހޭ

ސިނަމާލެ ބުރިޖު: އިގުތިސާދު ހިންގުމަށްޓަކައި، ޕްރައިވެޓް ސެކްޓާއަށް ދޭންހުރި ފައިސާ ދޭންޖެހޭ ކަމަށް އިކޮނޮމިސްޓުން ވިދާޅުވި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖޭގެ އިގުތިސާދު ހިނގަނީ ޕްރައިވެޓް ސެކްޓާއާއެކު ކަމަށާއި، ގައުމުގެ ހިންގުމަށް ޓަކައި ސަރުކާރުން ޕްރައިވެޓް ސެކްޓާއަށް ދޭންހުރި ފައިސާ އަވަހަށް ދޭން ޖެހޭ ކަމަށް އިކޮނޮމިސްޓުން ވިދާޅުވެއްޖެއެވެ.

އެސްއެސްޓީވީގެ 'ޓޯކިން އިކޮނޮމީ' ޕްރޮގްރާމްގައި، އިގުތިސާދު ދިރާސާކުރައްވާ އާތިފް ޝަކޫރު ވިދާޅުވީ ދައުލަތުން ހިންގައިފައި ހުރި މަޝްރޫއުތަކުގެ ތެރެއިން ކޮންޓްރެކްޓަރުންނަށް ލިބެން ޖެހޭ ދެ ބިލިއަން ރުފިޔާ ހޯދަން ނެޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަަން އިންޑަސްޓްރީ (މަސީ)ން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި ފައިސާ ނުލިބުމުން ދަތިވުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ވެސް ހުށަހަޅާފައިވާއިރު، ޕްރައިވެޓް ސެކްޓާއަށް ފައިސާ ލަސްވުމަކީ އިގުތިސާދީ ކުރިއެރުން ހުއްޓޭ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

"ގައުމީ އިގުތިސާދު ހިންގާނީ ޕްރައިވެޓް ސެކްޓާއިން، ސަރުކާރަކީ ރެގިއުލޭޓާ. ދެން އަޅުގަނޑުމެންގެ އެސްއޯއީސްތައް ހުރި ހާލު އަޅުގަނޑުމެން އެންމެންނަށް ވެސް އެނގޭ. އެހެންވީމަ ސަރުކާރަށް ލިބެން ހުރި އާމްދަނީ ހޯއްދެވުމުގެ މަސައްކަތް ފައްޓަވައިފައިވާއިރު ޕްރައިވެޓް ސެކްޓާއަށް ލިބިދޭން ޖެހޭ ފައިސާ ދެއްވުމަށް ވެސް މުހިންމުކަން ދެއްވާނެ ކަމުގައި އަޅުގަނޑުމެން އުއްމީދު ކުރަން،" އާތިފް ވިދާޅުވިއެވެ.

އެ ވާހަކައާ ގުޅުވައި، ކުރީގެ އިކޮނޮމިކް މިނިސްޓަރު އަހުމަދު މުހައްމަދު ވިދާޅުވީ ސަރުކާރުން އެންމެ ފަހުން އާންމުކުރި މައުލޫމާތުން ދިވެހި ކުންފުނިތަކަށް ދައްކަން ޖެހޭ ނުވަ ބިލިއަން ރުފިޔާގެ ތެރެއިން ހަތަރު ބިލިއަން ރުފިޔާ މި ސަރުކާރުން ހަމަޖައްސައިދީފައިވާކަން ފާހަގަކޮށްފައިވާ ކަމަށެވެ. ނަމަވެސް ބާކީ ފަސް ބިލިއަން ރުފިޔާ ނުދައްކައި އޮތްއިރު، އެ ފައިސާ ދައްކަމުން ދިޔުން މުހިންމު ކަމަށް އޭނާ ވިދާޅުވިއެވެ.

އަމިއްލަ ކުންފުނިތަކަށް ލިބެން ޖެހޭ ފައިސާ ނުލިބުމުން، އެ ކުންފުނިތަކުގެ ޚަރަދަށް ވެސް ބުރޫ އަރާކަން އަހުމަދު ފާހަގަކުރެއްވިއެވެ.

"އެހެންވީމަ އެކަން ހަމަޖެއްސުމަށް ޓަކައި އެމީހުން ބޭންކުތަކުން އޯވާޑްރާފްޓް ނަގައިގެން، ލޯނު ނަގައިގެން، އެކަން ކުރާއިރުގައި އަނެއްކާ ފައިސާ ލިބުމުގެ ދަތިތައް އިންތިހާ ދަރަޖައަށް ތިން ހަތަރު މަހަށް ދެމިގެން ދިޔައިމަ މިވާގޮތަކީ ކުންފުނީގެ އޮޕަރޭޝަން ޚަރަދުތަކަށް ވެސް ފައިސާއެއް ނުހުރޭ، މުވައްޒަފުންނަށް މުސާރަ ދޭކަށް ވެސް ފައިސާއެއް ނުހުރޭ، އިތުރަށް ވިޔަފާރި ކުރިއަށްގެންދާކަށް ފައިސާއެއް ނުހުރޭ. އެހެންވީމަ ޕްރައިވެޓް ސެކްޓާ ހަލާކުވަމުން ދަނީ،" އޭނާ ވިދާޅުވިއެވެ.

ސަރުކާރުން އެ ފައިސާ ދެއްކުމަށް ޓަކައި ފަރުވާތެރިވެ، ޚަރަދު ހަމަޖެއްސުން މިހާރަށް ވުރެ ރަނގަޅު ކުރަން ޖެހޭ ކަމަށް އަހުމަދު ވިދާޅުވިއެވެ. އަދި ރިޒޯޓު ހަދަން ދޫކޮށްފައި ހުރި 80 ވަރަކަށް ރަށް ނުހެދި އޮތްއިރު، އެ ރަށްތައް ތަރައްގީ ކުރަން މަގުފަހިކޮށްދެވިއްޖެ ނަމަ އެއީ ސަރުކާރަށާއި ޕްރައިވެޓް ސެކްޓާއަށް ވެސް އާމްދަނީ ލިބޭނެ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

"މި ރަށްރަށުގައި ރިޒޯޓު ހިންގަން ފެށިއްޖެ ނަމަ، ސަރުކާރުން އާންމުކޮށްފައި ހުރި ރިޕޯޓުތަކުގެ ހިސާބުތަކަށް ބަލާއިރުގައި ރާއްޖޭގެ އިގުތިސާދަށް އަހަރަކު 1.7 ބިލިއަން ޑޮލަރު ހިއްސާކުރާނެ ކަމަށް ފާހަގަކޮށްފައި އެބަހުރި. އަދި ގާތްގަނޑަކަށް 16،000 ވަޒީފާ ވެސް މިކަމުގެ ސަބަބުން އުފެދިގެން ދާނެ ކަމަށް ފާހަގަކޮށްފައި އެބަހުރި،" އަހުމަދު ވިދާޅުވިއެވެ.

ދައުލަތުގެ އާމްދަނީ އިތުރުކޮށް، ކޮންޓްރެކްޓަރުންނަށް ފައިސާ އަނބުރާ ދެއްކުމުގެ އިތުރުން، ފައިސާ ލަސްވުމުގެ މައްސަލަ ތަކުރާރު ނުވާހެން ފިޔަވަޅުތަކަށް އެޅުމުގެ މުހިންމުކަން، ދައުލަތުގެ ކުރީގެ ފައިނޭންޝަލް ކޮންޓްރޯލާ އަދި ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު އަސްއަދު އެ ޕްރޮގްރާމުގައި ފާހަގަކުރެއްވިއެވެ.

"ވަރަށް ބޮޑަށް ފޯކަސް ކުރަން ބޭނުންވޭ އޮނިގަނޑުގައި ހުރި މައްސަލަތައް ނުވަ ބިލިއަން ނުދެއްކުމަކީ ވަރަށް ބޮޑު މައްސަލައެއް، އެކަން ތަކުރާރުވެ ދީގެން ނުވާނެ،" އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން، ދައުލަތުން ރާއްޖޭގެ މާލީ އިދާރާތަކުން ފައިސާ ނަގާނަމަ، ޕްރައިވެޓް ކުންފުނިތަކުން ފައިސާ ނަގަންވާއިރު އިންޓްރެސްޓު ބޮޑުވެ، އެ ވިޔަފާރީތަކަށް ޚަރަދު ބޮޑުވާނެ ކަމަށް އަސްއަދު ވިދާޅުވިއެވެ.

"އިންޓްރެސްޓު ރޭޓު ދަށްނުކުރެވޭ ކަމުގައި ވަންޏާ ހަމަ ބޮޑު އަގުގައި ފައިސާ ހޯދައިގެން ވިޔަފާރިވެރިން ވިޔަފާރި ކުރަން ޖެހޭނީ. ގެދޮރު ގަންނަ މީހާ ގެދޮރު ގަންނަން ވެސް ޖެހޭނީ ބޮޑު އިންޓްރެސްޓެއްގައި. ލޯނު ނަގައިގެން އެހެންވީމަ މި ހުރިހާ ކަމެއް ފެށިގެން މި އަންނަނީ،" އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް