ޕްރޮޑިއުސަރު ކަރަން ޖޯހަރުގެ ދަރުމާ ކުންފުނީގެ ވެބް ސީރީޒްއަކަށް މިހާރު ވެސް ސޮއިކޮށްފައިވާ ބަތަލާ ތަމަންނާ ބާޓިއާ އެ ކުންފުނީގެ އިތުރު ވެބް ސީރީޒްއަކަށް ސޮއިކޮށްފިއެވެ.
ސައުތު ސިނަމާގެ އެންމެ މަގުބޫލު ފިލްމީ ތަރިންގެ ތެރޭ ހިމެނޭ ތަމަންނާ ސޮއިކޮށްފައިވަނީ ޓެލެވިޒަން ޕްރޮޑިއުސަރު ޕްރީތީ ސިމޯސްއާއި ދަރުމާ ޕްރޮޑަކްޝަން ގުޅިގެން އުފައްދާ ވެބް ސީރީޒްއަކަށެވެ. މި ވެބް ސީރީޒް އުފައްދަން ނިންމާފައިވަނީ ހަގީގީ ހާދިސާތަކެއްގެ ތަހުގީގީ ކަންކަން ހިނގާފައިވާ ގޮތުގެ މައްޗަށެވެ.
ނަމަވެސް، އެއީ އިންޑިއާގެ ތާރީޚުގެ ކިހާ ހިސާބެއްގައި ހިނގާފައިވާ ކޮން ހާދިސާއެއް ކަމެއް އަދި ކަށަވަރެއް ނުވެއެވެ. ދަރުމާ ކުންފުނި ފަދަ ތަޖުރިބާހުރި ޕްރޮޑަކްޝަން ޓީމަކާ އެކު މަސައްކަތްކުރުމުގެ ފުރުސަތާ އެކު އެފަދަ އިތުރު ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމަށް އުއްމީދު ކުރާ ކަމަށް ޕްރޮޑިއުސަރު ޕްރިތީ ސިމޯސް ވަނީ ބުނެފައެވެ.
ބޮލީވުޑްގެ ބައެއް ފިލްމުތަކުން ފެނިފައިވާ ތަމަންނާ ސޮއިކޮށްފައިވާ ދެވަނަ ވެބް ސީރީޒްއަކީ ދަރުމާއިން "ޑެއަރިންގް ޕާޓްނަސް"ގެ ނަމުގައި ގެނެސްދޭ ވެބް ސީރީޒްއެކެވެ. ތަމަންނާއާ އެކު މި ސީރީޒްގެ ދެވަނަ ލީޑް ބަތަލާގެ ރޯލް ކުޅޭނީ ޑަޔާނާ ޕެންޓީއެވެ.
މީގެ ދެތިން މަސް ދުވަސް ކުރިން އިއުލާނުކުރެވުނު މި ވެބް ސީރީޒްއަކީ ކަރަން ޖޯހަރު އެމޭޒަން ޕްރައިމްއަށް އުފައްދައިދޭ ސީރީޒްއެކެވެ. މި ދެ ތަރިންގެ އިތުރުން ޖާވިދު ޖެފްރީ އަދި ނަކުލް މެހެތާ މި ސީރީޒްގެ މުހިއްމު ރޯލަކުން ފެންނާނެއެވެ.