ރާއްޖެ އާއި ގަތަރުގެ ޓީމުތައް ވާދަކުރާ ރޮކެޓް ލީގު މުބާރާތް, އުރީދޫ ނޭޝަން ގްލޯބަލް ފޭސްއޮފްގެ ފުރަތަމަ މުބާރާތް މާދަމާ ފެށުމަށް ހަމަޖެހިޖެއެވެ.
އުރީދޫ މޯލްޑިވްސްއިން ބުނީ އެ ކުންފުނީގެ 19ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ބާއްވާ މި މުބާރާތުގައި ޗެމްޕިއަން ޓީމަށް 1،919 ޑޮލަރުގެ އިނާމެއް ދޭނެ ކަމަށެވެ.
މި ހަރަކާތުގައި ތިން ކުޅުންތެރިންގެ ޓީމުތަކުގެ ވަރުގަދަ މެޗުތައް ހިމެނޭއިރު، ހުނަރާއި ސްޓްރެޓެޖީ އަދި ޓީމްވޯކްގެ ވަރުގަދަ ކުޅުންތައް ފެންނާނެ ކަމަށް އުރީދޫން ބުނެއެވެ.
މުބާރާތުގެ ގްރޫޕް ސްޓޭޖުގެ މެޗުތައް މާދަމާއާއި ހުކުރު ދުވަހު ފަށާއިރު ޕްލޭއޮފް މެޗުތައް ނިމޭނީ ހޮނިހިރު ދުވަހު ކަމަށް އުރީދޫން ވަނީ ބުނެފައެވެ.
އުރީދޫ ނޭޝަން ޔޫޓިއުބް ޗެނަލް މެދުވެރިކޮށް މެޗުތައް ލައިވްސްޓްރީމް ކުރަން ވަނީ ނިންމާފައެވެ. އެ ގޮތުން ގޭމަރުންނާއި ސަޕޯޓަރުންނަށް ވެސް ހުރިހާ މެޗުތަކެއް ލައިވްކޮށް ބަލާލެވޭނެއެވެ.
މި އިވެންޓަކީ އުރީދޫ ނޭޝަންގެ ފުރަތަމަ ބައިނަލްއަޤްވާމީ މުބާރާތެވެ. އުރީދޫން ބުނެފައި ވާގޮތުގައި މި މުބާރާތަކީ އީސްޕޯޓްސް ކޮމިއުނިޓީއެއް ކުރިއަރުވައި، ގޭމް ކުޅޭ ފަރާތްތަކަށް ދުނިޔޭގެ މައިދާނުގައި ވާދަކުރެވޭނެ ޕްލެޓްފޯމެއް ފަހިކޮށްދިނުމުގެ އަޒުމުގައި ބާއްވާ ހަރަކާތެކެވެ.
މި ހަކަރާތާ ގުޅިގެން އުރީދޫ މޯލްޑިވްސްގެ ސީއީއޯ ޚާލިދު އަލް ޚަމާދީ ވިދާޅުވީ، މިއީ ކުރިއަރަމުން އަންނަ އީ ސްޕޯޓްސް ކޮމިއުނިޓީއަށް އެހީތެރިކަން ފޯރުކޮށްދީ، އެ ކޮމިއުނިޓީ ކުރިއެރުވުމަށް ކުރާ މަސައްކަތުގެ ތެރެއިން ހިންގޭ ހަރަކާތެއްކަމަށެވެ. އެހެންކަމުން، ރާއްޖެއާއި ގަތަރާ ދެމެދު އޮތް ވާދަވެރިކަމުގެ ރޫހާއި، ހިތްގައިމު ގޭމްޕްލޭ މި މުބަރާތުން ފެނިގެންދާނެ ކަމަށް އުއްމީދު ކުރާ ކަމަށް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ ފުރަތަމަ ބައިނަލްއަގްވާމީ އީސްޕޯޓްސް މުބާރާތް ކަމަށްވާ އުރީދޫ ނޭޝަން ގްލޯބަލް ފޭސްއޮފް ރާއްޖެ އަދި ގަތަރުގެ ޓީމުތަކުގެ މެދުގައި ބޭއްވޭކަމީ އަޅުގަނޑުމެން ފަޚުރުވެރިވާ ކަމެއް" އޭނާ ވިދާޅުވިއެވެ.
އުރީދޫ ނޭޝަން ގްލޯބަލް ފޭސްއޮފްގައި ބައިވެރިވާ ޓީމުތަކުގެ ހުނަރުވެރިކަމާއި ޑެޑިކޭޝަން މި މުބާރާތުގެ ތެރެއިން ފެންނާނެ ކަމަށް އުރީދޫއިން ވަނީ ބުނެފައެވެ.
އެކި ސަރަޙައްދުތަކުގެ ކުޅުންތެރިންނާއި ސަޕޯޓަރުން އެއްތަނަކަށް ގެނެސް، އުރީދޫއިން އަންނަނީ އީސްޕޯޓްސްގެ ދުނިޔޭގައި މުޖުތަމައުގެ ބައިވެރިވުން އިތުރު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.