މާނަ ފުން ބައެއް ހިންދީ ޅެންތަކާއި ލަވަތައް ދިވެހިބަހަށް ތަރުޖަމާކޮށް ތިލަކޮށް ގެނެސްދީ, ދިވެހި ބަހުގެ އެކެޑަމީގެ ރައީސް ޑރ. އަޝްރަފް އަބްދުއްރަޙީމް ލިޔުއްވައިފައިވާ "ފުރެއްދެ ޅެންވެރިންގެ މުތީތައް" ފޮތް ޕްރީއޯޑަރު ކުރަން ހުޅުވައިލައިފިއެވެ.
ގާތްގަނޑަކަށް 100 ވަރަކަށް ހިންދީ ޅެމުގެ ދިވެހި ތަރުޖަމާ ހިމެނޭ މި ފޮތުގައިވަނީ ބައްރެޞަޣީރުގެ ޅެންވެރިޔާ ނުވަތަ ޝާއިރެމަޝްރިޤް ޑރ. ޢައްލާމް މުޙައްމަދު އިޤްބާލުގެ ބައެއް ޅެންތަކާއި ހިންދުސްތާނުގެ މަޝްހޫރު ޅެންވެރިޔާ ޖާވީދު އަޚްތަރުގެ ދެތިން ޅެމެއްގެ އިތުރުން ގުލްޒާރުގެ ދެތިން ޅެމެކެވެ. އަދި ދިވެހި ޅެންވެރިކަމުގެ ފަންނުގައި ވަރަށް ފުންނާބު އުސް ދެތިން ޅެންވެރިއަކު ހައްދަވާފައިވާ ދެތިން ޅެމެއް ވެސް މި ފޮތުގައި ވަނީ ހިމަނައިފައެވެ.
މި ފޮތާ ގުޅޭ ގޮތުން އަޝްރަފް ވިދާޅުވެފައިވަނީ އޭނާ މަސައްކަތް ކުރައްވާފައިވާނީ، ކުރިމަތިވާ އުފަލާއި، ހިތާމައާއި، ގައުމުގެ އަދި ވެށީގެ ހާލަތާއި، ގުދުރަތީ ނިޒާމާއި، ތިމާ ލޮލަށް ސިފަވާ ގުދުރަތުގެ ކުޅަދުންވަންތަކަން ބޭރުގެ ޅެންވެރިންނަށް ސިފަވާ މިންވަރު ދެނެގަނެވޭތޯ ބަލައި ހޯދުމަށް ކަމަށެވެ.
އަދި އެ ވެރިންގެ ޅެންތަކުގައި އެ ކަންކަން ހުށަހަޅުއްވާފައިވާ ގޮތް ދިވެހި ސިކުނޑިތަކަށް ވިސްނޭ މިންވަރަށް ދިވެހި ބަހަށް ފުރޮޅާލުމަށް ކަމަށެވެ.
"މި ޅެންތައް ދިވެހި ބަހަށް ތަރުޖަމާ ކޮށްފައި އެވަނީ މިނިވަން ދިވެހި ތަރުޖަމާއެއް ކަމުގައި ބަލައިގެންނެވެ. އަކުރުން އަކުރަށް ތަރުޖަމާ ކުރުމަށްވުރެ ބޮޑަށް ވިސްނައިފައި ހުންނާނީ، ދިވެހި ވިސްނުމަށް އިހްސާސްތައް ކުރެވޭނެ ގޮތަކީ ކޮބައިތޯ ބެލުމަށްފަހު އެ ގޮތަށެވެ." މި ފޮތާ ގުޅޭ ގޮތުން އަޝްރަފް ލިޔުއްވާފައިވެއެވެ.
މި ފޮތާއި ގުޅޭ އިތުރު މައުލޫމާތު "ސަން"އަށް ދެއްވަމުން އަޝްރަފު ވިދާޅުވީ 100އެއްހައި ޅެމުގެ ތަރުޖަމާ ހިމެނޭ މި ފޮތް އެކުލަވާލައްވައިފައިވާނީ އެކި ދުވަސް މަތީން ކަމަށެވެ. މިއީ 2017ވަނަ އަހަރުގެ އޮކްޓޫބަރުގައި އިންޑިއާގެ ޖައިޕޫރުގައި އޮތް ސައުތު އޭޝިއަން ސޫފީ ފެސްޓިވަލުގައި ނެރެފައިވާ ފޮތެކެވެ.
އެހެން ނަމަވެސް އެ ތަނުގައި މި ފޮތް ނެރެފައިވަނީ ރަމްޒީ ސިފައެއްގައި ކަމަށްވާއިރު، ފޮތުގެ ވިއްސަކަށް ކޮޕީ ހެދުމަށް ފަހު އެ ތަނުގެ ބައެއް ވެރީންނަށް އަޝްރަފްވަނީ މި ފޮތް އޭރު ހަދިޔާ ކުރައްވައިފައެވެ. މީގެ ހަތް އަހަރު ކުރިން ނެރުނު އެ ފޮތުގެ ބޭރުގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައިވާއިރު، މިހާރު ނެރެފައިވާ ފޮތަށް އިތުރު އެތައް ޅެމެއްގެ ތަރުޖަމާ ވެސް އިތުރުކޮށްފައިވެއެވެ.
މި ފޮތުގެ މަގުސަދެއްގެ ގޮތުގައި އަޝްރަފު ފާހަގަކުރައްވާފައިވަނީ ދިވެހި އަދަބިއްޔާތަށާއި ދިވެހި ޅެންވެރީންގެ އިލްމަށް ކުރިއެރުން ގެނެސްދީ، ކޮންމެ ވެސް ވަރެއްގެ ޣިޒާއެއް ދިވެހި ޅެންވެރިންނަށް ލިބިދިނުމެވެ.