އޮޅުވައިލައިގެން އިންޝުއަރެންސް ހޯދައިފިނަމަ ފަސް މިލިއަނުން ޖޫރިމަނާކުރާ ގާނޫނެއް

މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ތޯރިގު (ޓޮމް): މިއަދު މަޖިލީހަށް ވަނީ ތޯރިގް ހުށަހެޅުއްވި އިންޝުއަރެންސް ބިލު ތައާރަފުކޮށްފައި --- ފޮޓޯ/ މަޖިލިސް

އިންޝުއަރެންސް ހޯދުމަށްޓަކައި ގަސްތުގައި ދޮގު މައުލޫމާތު ދީގެން ހައްގުނޫން މަންފާއެއް ހޯދައިފިނަމަ، އެކަމުގެ ކުޑަ ބޮޑު މިނަށް ބަލައި، އެއްލައްކަ ރުފިޔާއާއި ފަސް މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވޭ ގޮތަށް އިންޝުއަރެންސްގެ ބިލު ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފިއެވެ.

ސަރުކާރުގެ ފަރާތުން މި ބިލު ހުށަހެޅުއްވީ މަހިބަދޫ ދާއިރާގެ ޕީއެންސީ މެންބަރު އަހުމަދު ތޯރިގުއެވެ. މި ބިލު ހުށަހެޅުމުގެ ބޭނުމެއްގެ ގޮތުގައި ތޯރިގު ފާހަގަކުރެއްވީ ރާއްޖޭގައި ހަރުދަނާ އަދި ރައްކާތެރި ގޮތެއްގައި އިންޝުއަރެންސް ވިޔަފާރި ހިންގުމަށްޓަކައި އަމަލުކުރަންޖެހޭ އުސޫލުތައް ކަނޑައެޅުން ކަމަށެވެ.

އަދި އިންޝުއަރެންސް ކުންފުނިތަކާއި އެ ކުންފުނިތަކާ ގުޅިފައިވާ ފަރާތްތަކަށް ލައިސަންސް ދިނުމާ ގުޅޭ އުސޫލުތަކާއި، އެ ފަރާތްތައް ރެގިއުލޭޓްކޮށް ސުޕަވައިޒްކުރުމާ ގުޅޭ އުސޫލުތައް ކަނޑައެޅުމަށް ބޭނުންވާ ގާނޫނީ އޮނިގަނޑު ގާއިމުކުރުމަކީ ވސް މި ބިލުގެ މަގުސަދެއްކަން ތޯރިގު ފާހަަގަކުރެއްވިއެވެ.

މި ބިލުގައި ވަނީ އިންޝުއަރެންސް ކުންފުނި ނުވަތަ ގުޅިފައިވާ ފަރާތަކުން ގާނޫނާ ޚިލާފުވެއްޖެނަމަ އަޅާނެ ފިޔަވަޅުތައް ވެސް ބަޔާންކޮށްފައެވެ. އެގޮތުން:

  • އެފަރާތުން ހިންގާ ހަރަކާތްތަކުގެ ތެރެއިން ވަކި ހަރަކާތެއް ހުއްޓާލުމަށް އެންގުން.
  • އެފަރާތުން ކޮށްފައިވާ ކަމެއް ރަނގަޅުކުރުމަށް ފިޔަވަޅު އެޅުން.
  • އިތުރަށް ވިޔަފާރި ކުރިއަށް ގެންދިޔުމަށް ވަކި ޝަރުތުތަކެއް ކަނޑައެޅުން.
  • ހިއްސާދާރުންނަށް ފައިދާ ބެހުން މަނާކުރުން ނުވަތަ ބަހާ މިންވަރު ހުދޫދުކުރުން.
  • ކަނޑައަޅާ އަދަދެއްގެ ފައިސާ ވަކި މުއްދަތަކަށް ޑިޕޮސިޓްކޮށް ބެހެއްޓުމަށް އެންގުން.
  • އެފަރާތުގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއާމަން ނުވަތަ ބޯޑުގެ އެހެން މެންބަރެއް، މަގާމުން ވަކިކުރުމަށް އެންގުން.
  • އެއް މިލިއަން ރުފިޔާއަށްވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާކުރުން.
  • ވެފައިވާ ޚިލާފު ރަނގަޅު ވަންދެން ނުވަތަ އަމަލުކުރަންޖެހޭ ކަންކަމަށް އަމަލުކުރަންދެން ހިނގާ ކޮންމެ ދުވަހެއްގެ މައްޗަށް އެއްލައްކަ ރުފިޔާއަށްވުރެ އިތުރުނުވާ އަދަދަކުން ޖޫރިމަނާކުރުން.

ހަމައެއާއެކު އިންޝުއަރެންސް ބިލުގައި ހިމެނޭ، މަނާ ކަމެއް ކުރުމުގެ ތުހުމަތުގައި އެ ފަރާތެއް ބަލާ ފާސްކުރުމަށް ހުރަސްއަޅައިފިނަމަ 75،000 ރުފިޔާއާއި 750،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވޭނެއެވެ.

އަދި މި ގާނޫނުގެ ދަށުން އަދަބު ކަނޑައަޅާފައިނުވާ ކަމަކަށް، އެކަމުގެ ކުޑަބޮޑު މިނަށް ބަލައި ފަސްހާސް ރުފިޔާއާއި އެއް މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވޭނެއެވެ.

ރާއްޖޭގައި އޮޅުވައިލައިގެން އިންޝުއަރެންސް ހޯދުމުގެ މައްސަލަތައް ދޭތެރެއަކުން ފެންމަތިވެއެވެ. އޭގެތެރޭގައި، ދޯނިފަހަރު ފަރަށް އަރުވާލައިގެންނާއި އަލިފާން ރޯކޮށްލައިގެން އާމްދަނީ ހޯދުމުގެ މައްސަލަތައް ހިމެނެއެވެ.

comment ކޮމެންޓް