ކިތަންމެ ވަރަކަށް ފައިސާ ލިބުނު ނަމަވެސް އެ ލިބޭ ވަރަށް ވުރެން ހަރަދު އިތުރުވާނަމަ ހަމަ ދެކޮޅު ޖެހޭނެ އެއްގޮތެއް ވެސް ނޯންނާނެއެވެ. އޭގެ އެންމެ ރަނގަޅު އެއް މިސާލަކީ މި ކުޑަކުޑަ ދިވެހި ރާއްޖެއެވެ. އެކިއެކި އިގްތިސާދީ ހަރަކާތާއި ޓެކްސްއަށް ގެންނަ ބަދަލުތަކާ ގުޅިގެން މި ގައުމަށް ލިބޭ އާމްދަނީ އަހަރަކަށް ވުރެން އަހަރެއް ދަނީ އިތުރުވަމުންނެވެ. އެކަމަކު އެއަށް ވުރެން މާ ބާރަށް އިތުރު ވަމުން އަންނަނީ ހަރަދެވެ. މި ގައުމު ދެކޮޅު ނުޖެހިގެން މިއުޅޭ ސަބަބަކީ މިއީއެވެ.
އިގްތިސާދު ހަމަޔަކަށް އެޅުވުމަށް ޓެކްސްއަށް ބަދަލު ގެންނަ ވާހަކަ ދެކެވޭތާ ދުވަސްކޮޅެއް ވެއްޖެއެވެ. ފިނޭންސް މިނިސްޓްރީން ޖޫން މަހު އާންމުކުރި، ކުރިއަށް އޮތް ހަތަރު އަހަރު އާމްދަނީ އިތުރުކުރުމަށް ކަނޑައަޅައިފައިވާ ސްޓްރެޓެޖީގައި ވަނީ އިންޑައިރެކްޓް ޓެކުހާއި ޑައިރެކްޓް ޓެކުހާއި އާމްދަނީ ލިބޭ އެހެނިހެން ފީތަކަށް ވެސް ބަދަލު ގެނައުމަށް ހިމަނައިފައެވެ.
އޭގެ ތެރެއިން އަންނަ އަހަރު ކުރަން ކަނޑައަޅާފައިވާ ކަންތައްތަކުގެ ތެރޭގައި ޖީއެސްޓީ ނެގުން ފުޅާކޮށް ރޭޓަށް ބަދަލު ގެނައުމާއި އިމްޕޯޓް ޑިއުޓީ ރޭޓާއި ޓެލެކޮމް އޮޕަރޭޓަރުން ދައްކަން ޖެހޭ ކޯޕަރޭޓް އިންކަމް ޓެކުހާއި ޓުއަރިޒަމަށް ދޫކުރާ ބިމަށް ނަގާ ކުއްޔަށް ބަދަލު ގެނައުން ހިމެނެއެވެ. ހަމައެއާއެކު ގްރީން ޓެކްސް ވެސް ރިވިއުކޮށް، ބަނގުރާ ފަދަ ތަކެތިން ނަގާ ޓެކުހަށް ބަދަލު ގެނައުން އެ ސްޓްރެޓެޖީގައިވެއެވެ. ހަމައެހެންމެ ޓޫރިޒަމް ދާއިރާއިން ނަގާ ޓެކްސް ކަމަށްވާ ޓީޖީއެސްޓީގެ ރޭޓަށް ބަދަލު ގެންނަން މަޝްވަރާ ކުރާ ކަމުގެ އަޑުތައް މިވަނީ ގަދަވެފައެވެ.
ޓެކްސް ބޮޑު ކޮށްގެން ހެޔޮ ބަދަލެއް އައިތަ؟
ޓެކްސްގެ ރޭޓްތަކާ ކުޅެން ވިސްނާއިރު އެކަން ކުރިތާ އަދި މިވީ ކުޑަ ދުވަސްކޮޅެކެވެ. މީރާގެ ތަފާސްހިސާބުތަކަށް ބަލާއިރު 2022 ވަނަ އަހަރު ޓެކްސްގެ ގޮތުގައި 19.5 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މިދިޔަ އަހަރުގެ ޖެނުއަރީ އެކަކުން ފެށިގެން ޓެކްސް ގާނޫނަށް ބަދަލު ގެނެސް ޖީއެސްޓީ އަށް ޕަސެންޓަށް އަދި ޓީޖީއެސްޓީ 16 ޕަސެންޓަށް ވަނީ ބޮޑުކޮށްފައެވެ. އެއާއެކު ޓެކުހުން ލިބުނު އާމްދަނީ ކުރިން ލިބުނު އާމްދަނީއަށް ވުރެން 4.5 ބިލިއަން ރުފިޔާ އިތުރުވިއެވެ. އެއީ 23 ޕަސެންޓްގެ އިތުރުވުމެކެވެ. މި އަހަރަށް ލަފާކޮށްފައިވާ ބަޖެޓަށް ބަލާއިރު 2022 ވަނަ އަހަރަށް ވުރެން އިތުރަށް މި އަހަރު ޓެކުހުގެ ގޮތުގައި ހަ ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ. ދައުލަތަށް ޓެކުހުގެ ގޮތުގައި ނުލިބި ހުރި އާމްދަނީގެ އަދަދަކީ 5.7 ބިލިއަން ރުފިޔާއެވެ.
ޓެކްސް ރޭޓާ ކުޅުނުތާ އަހަރެއްހާ ދުވަހުގެ ތެރޭގައި ހަމަ އެކަންތައް ކުރަން އަނެއްކާ ވެސް ވިސްނަން ޖެހިފައި މިވަނީ މައްސަލަ ހައްލު ނުވާތީއެވެ.
އެސްއެސްޓީވީއިން ގެނެސްދޭ ޓޯކިންގ އިކޮނޮމީގެ 'އިޤްތިޞާދީ އޮޑި، ފުއްޓަރު ފަރާތުން އަމާން ބަނދަރަކަށް' ސީރީޒްގެ ފަހު އެޕިސޯޑުގައި ވާހަކަ ދައްކަވަމުން، އިގްތިޞާދު ދިރާސާކުރައްވާ ބޭފުޅެއްކަމުގައިވާ އިބްރާހީމް އާތިފް ޝަކޫރު ވިދާޅުވީ، މިދިޔަ އަހަރުން ފެށިގެން ޖީއެސްޓީ އާއި ޓީޖީއެސްޓީ އިތުރުކުރި ނަމަވެސް، ސަރުކާރުގެ ޚަރަދުތައް މާބޮޑަށް ބޮޑުކުރުމުގެ ސަބަބުން މައްސަލަ ހައްލު ނުވާ ކަމަށެވެ.
މިކަމާ ގުޅޭގޮތުން "ސަން"އިން އިތުރަށް ސުވާލު ކުރުމުން އާތިފް ވިދާޅުވީ ޓެކްސް އިތުރު ކުރުމުގެ ސަބަބުން މިދިޔަ އަހަރު ވެސް އާމްދަނީ އިތުރުވި ކަމަށާއި އެކަމަކު އެއްވެސް މިންގަނޑެއް ނެތި ހަރަދު ކުރުމުގެ ސަބަބުން ބަޖެޓު ކުރިވަރަށް ވުރެ ހަ ބިލިއަން ރުފިޔާ އިތުރަށް ޚަރަދު ކޮށްފައިވާ ކަމަށެވެ.
"އެހެން ކަމުން ޓެކްސް ބޮޑު ކުރުމުގެ އެއްވެސް ފައިދާއެއް ގައުމަށް ކޮށްފައި ނުވޭ. މި ވޭތުވެ ދިޔަ އަހަރުގެ، އެއަދި އޭގެ ކުރީ އަހަރު ތަކުގައި ސަރުކާރުތަކުން އަމަލު ކޮށްފައިވާ ގޮތުން، ލިބޭ ފިލާވަޅަކީ ކުރަންވީ ކަމަކީ ޚަރަދު ކުޑަކުރުމަށް ސަރުކާރުތަކަށް ދަސްކުރުން،" އާތިފް ވިދާޅުވިއެވެ.
އެހެންކަމުން ހަގީގީ ހައްލަކީ ޓެކްސް ބޮޑު ކުރުން ނޫންކަން މިކަމުން ވެސް އެބަ އެނގެއެވެ. ޓެކްސް ބޮޑު ކުރާ ވާހަކަ ދައްކާއިރު އެކަމުގެ ސަބަބުން އިގްތިސާދަށް ދެން އަންނާނެ ލޮޅުންތަކާއި ރައްޔިތުންނާއި ވިޔަފާރިތަކަށް ކުރިމަތިވާނެ ތަކުލީފުތަކުގެ ވާހަކަ ވެސް ދައްކަން ޖެހެއެވެ.
ޓެކްސް ބޮޑު ނުކުރަންވީ ކީއްވެ؟
އިޤްތިޞާދު ދިރާސާ ކުރައްވާ އާތިފް ޝަކޫރު ވިދާޅުވިގޮތުގައި މިއީ ޖީއެސްޓީ އާއި ޓީޖީއެސްޓީ އިތުރު ކުރަންވީ ވަގުތެއް ނޫނެވެ. އޭގެ ބަދަލުގައި މިއީ ސަރުކާރުގެ ޚަރަދުތައް ކުޑަ ކުރަންވީ ވަގުތު ކަމަށް އާތިފް ވިދާޅުވިއެވެ.
"ޖީއެސްޓީ އަކީ މުއްސަނދިނޫން ފަރާތްތަކަށް ވަރަށް މާލީގޮތުން ބަރު ޓެކްސެއް. އެހެން ކަމުން، މިދިޔަ އަހަރުވެސް ޖީއެސްޓީ އިތުރު ދެ ޕަސެންޓް ބޮޑުކޮށްފައި ވުމާއެކު، އެ ބޮޑުކުރި ޓެކްސް ވެސް ރައްޔިތުން ދައްކަމުން ގެންދަނިކޮށް، ސަރުކާރުގެ ފައިނޭންޝަލް ޑިސިޕްލިންއެއް ނެތުމުގެ ސަބަބުން، ބަޖެޓު ޑެފިސިޓްވެ ގައުމު ދަރަނިވަމުން ދިޔުމުގެ ބަރު ރައްޔަތުންގެ ބޮލުގައި އެޅުވުމަކީ ރަނގަޅު ގޮތެއް ނޫން. ރަނގަޅު މިވަގުތަށް ޓެކްސް އިތުރު ނުކޮށް ސަރުކާރުގެ ހަރަދު ކުޑަ ކުރުން،" އާތިފް ވިދާޅުވިއެވެ.
ޓީޖީއެސްޓީ އާ ގުޅޭގޮތުން ސުވާލު ކުރުމުން އާތިފް ވިދާޅުވީ މި ވަގުތު ޓީޖީއެސްޓީ ބޮޑު ކުރުމަކީވެސް ރަނގަޅު ކަމެއް ނޫން ކަމަށެވެ. އޭގެ ސަބަބުތައް ކިޔައި ދެއްވަމުން އާތިފް ވިދާޅުވީ މިދިޔަ އަހަރުވެސް އެ ޓެކްސް ބޮޑު ކޮށްފައިވާއިރު މިހާރު ވެސް 42 ޕަސެންޓްގެ ހިއްސާއަކާއެކާ އެކު ޓީޖީއެސްޓީއަކީ އެންމެ ބޮޑު ޓެކްސް އާމްދަނީ ލިބޭ ދާއިރާ ކަމަށެވެ.
ހަމައެހެންމެ ރާއްޖެއަންނަ ޓޫރިސްޓުންގެ ޖުމުލަ އަދަދު އިތުރު ވެފައިވީ ނަމަވެސް، ބައެއް މާކެޓްތައް ގެއްލި، ރާއްޖޭގައި ޓޫރިސްޓުން ހޭދަ ކުރާ އެވަރެޖް ދުވަހާއި، އަދި ޚާއްޞަކޮށް ރާއްޖޭގައި ހޭދަކުރާ މިންވަރު، މަދުވާން ފަށައިފައިވާއިރު އެކަންކަމުގެ ސަބަބުން ފަތުރުވެރިކަމުގެ ސިނާއަތަށް މިހާރުވެސް ނުތަނަވަސްކަން ފޯރާފައިވާ ކަމަށް އާތިފް ވިދާޅުވިއެވެ.
އަދި ފަތުރުވެރިކަމުގެ ސިނާއަތުގައި ޓްރެވެލް އެޖެންޓުން ކުރިޔާލާ ތައްޔާރު ކުރާ އޯލް އިންކްލޫސިވް، އަދި މިނޫންވެސް ޕެކޭޖްތައް އެތަކެއް މަހެއް ކުރިޔަށް ވިއްކަމުން ދާތީވެ، ޓެކްސް ބޮޑު ކޮށްފި ނަމަ، ޖުމުލަ ފަތުރުވެރިކަމުގެ ސިނާއަތަށް ނުބައި އަސަރެއް ކުރުން އެކަށީގެންވާ ކަމަށް އާތިފް ވިދާޅުވިއެވެ.
"ބެޑްޓެކްސް، ޑިޕާޗާޓެކްސް، އަދި ޓީޖީއެސްޓީ ފަދަ ޓެކްސްތައް އިތުރު ކުރުމުގެ ސަބަބުން، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ ކޮމްޕެޓިޓިވްނަސް ގެއްލިގެން ހިނގައިދާނެ ކަމާ މެދު ވިސްނަން ޖެހޭ،" އާތިފް ވިދާޅުވިއެވެ.
ވާދަވެރި އެހެން މާކެޓްތަކަށް ބަލާއިރު ޓެކްސްތައް މާ ބޮޑުތަން ވެސް ކުޑައެވެ. ދުބާއީއަށް ބަލާއިރު އެ ގައުމުގައި ވެލިއު އެޑެޑް ޓެކްސްގެ ގޮތުގައި ނަގަނީ އެންމެ ފަސް ޕަސެންޓެވެ. މެލޭޝިއާގައި ހަ ޕަސެންޓް ޓެކްސް ނަގާއިރު ތައިލެންޑްގައި ނަގަނީ ހަތް ޕަސެންޓެވެ. އެހެންކަމުން ރާއްޖޭގެ ޓެކްސް ރޭޓް މިހާރު ވެސް މާ ބޮޑެވެ.
ކުޑަކުރަންވީ ޚަރަދު
މިއަދުގެ ސަރުކާރެއް ނިމިދިޔަ ސަރުކާރެއް ނޫނެވެ. މިއީ ޒަމާންވީ މައްސަލައެކެވެ. ރާއްޖޭގެ ސަރުކާރުތަކުން ބޭކާރު ސިޔާސީ މަގާމުތަކަށާއި އިގްތިސާދީ ގޮތުން ދެކޮޅު ނުޖެހޭ ޕްރޮޖެކްޓްތަކަށް އެތައް މިލިއަން ރުފިޔާއެއް ދިޔައީ ހަރަދު ކުރަމުންނެވެ. ގައުމުގެ އިގްތިސާދު މިހާ ނާޒުކު ފައްތަރަކަށް ދިޔައިރު އަދިވެސް އަންނަނީ ހަމަ އެގޮތަށް އަމަލު ކުރަމުންނެވެ. ޓެކްސްއާއި އެހެން ގޮތްގޮތުން ލިބޭ އާމްދަނީގެ ބޮޑު ޕަސެންޓެއް ހޭދަ ކުރަނީ އެފަދަ ދެކޮޅު ނުޖެހޭ ކަންކަމަށެވެ.
ކުރީގެ އިކޮނޮމިކް މިނިސްޓަރު އަޙްމަދު މުޙައްމަދު ވިދާޅުވީ ޓެކްސް ބޮޑު ކުރުމުގެ ކުރިން ކުރަން ޖެހޭ މުހިންމު ކަންތައްތަކެއް އެބަހުރި ކަމަށެވެ. އެގޮތުން އެންމެ މުހިންމު ކަމަކީ ހަރަދު ކުޑަކޮށް ޑެފެސިޓް ކުޑަ ކުރުން ކަމަށް އޭނާ ވިދާޅުވިއެވެ. ހަމައެއާއެކު ޓެކްސް ކަލެކްޝަންގެ ނިޒާމު މިހާރަށް ވުރެން ޒަމާނީކޮށް، ބާރުވެރި ކުރަން ޖެހޭ ކަމަށް ވެސް އަޙްމަދު ވިދާޅުވިއެވެ. ހަމަ އެހެންމެ އަމިއްލަ ފަރާތްތަކުގެ އަތުން ސަރުކާރަށް ހޯދާ މުދަލާއި ޚިދުމަތަށް ވަގުތުން ފައިސާ ދިނުމަކީ ވެސް ޓެކްސް ބޮޑު ކުރުމުގެ ކުރިން ކުރަން ޖެހޭ ކަމެއް ކަމަށް އަޙްމަދު ވިދާޅުވިއެވެ.
"ޓެކްސް ފައިސާއިން ރައްޔިތުންނަށް ފޯރުކޮށްދޭ ކަންކަމުގެ މައުލޫމާތު ގަވައިދުން އާއްމު ކުރެވޭ ނިޒާމެއް ހަމަޖައްސަން ޖެހޭ. މިހެން މި ދަންނަވާލީ މިކަންކަން ކޮށްފައި ނޫނީ ޓެކްސް ބޮޑުކުރާކަށް އަޅުގަނޑު ވަކާލާތެއް ނުކުރާނަން." އަޙްމަދު ވިދާޅުވިއެވެ.
ދައުލަތުގެ ކުރީގެ ފައިނޭންޝަލް ކޮންޓްރޯލާ އަދި ފިނޭންސް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަޙްމަދު އަސްއަދު ވިދާޅުވީ އާމްދަނީ އިތުރުވަމުންދާއިރު އެއަށް ވުރެން ބޮޑަށް އިތުރުވަނީ ހަރަދުތައް ކަމަށެވެ. އެހެންކަމުން ލިބޭ އެއްޗަކުން ދެކޮޅު ޖައްސަން ދަސްކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.
"މީގެ ހަގީގީ ހައްލަކަށް ވެގެންދާނީ ލިބޭ އެއްޗަކުން ފުއްދައިގެން އުޅުން. އެހެން ނުވާކަމަށް ވާނަމަ ކިތަންމެ ވަރަކަށް ލިބޭ އެއްޗެއް ބޮޑު ކުރިޔަސް އެކަމެއް ނެތް ވާކަށް. އަޅުގަނޑުމެން އާއްމު ރައްޔިތުން އެއްޗެއް ދޭން ޖެހޭ ހާލަތުގައި އެ އެއްޗެއް ދޭން ތިބީ ތައްޔާރަށް. އެކަމަކު އަޅުގަނޑުމެން މިހާރު ދޭ އެއްޗަކުން ނުފުއްދިގެން އުޅެނީ ކީއްވެގެންކަން ސާބިތުކަމާއެކީގައި އެ ވިދާޅުވާން ޖެހޭ ބޭފުޅުން އެބަޖެހޭ ވިދާޅުވެދޭން، ވަރަށް ރަނގަޅަށް،" އަސްއަދު ވިދާޅުވިއެވެ.
އާންމުގޮތެއްގައި އަހަރުގެ މިހާތަނަށް އަންނައިރު ރިސޯޓްތަކުން އަހަރުގެ ފަހު ކުއާޓަރުގެ ކޮޓަރިތަކުގެ ބުކިންގްސް 80 ޕަސެންޓް ހުންނަނީ ވިއްކައިފައެވެ. ނަމަވެސް ބައެއް ރިސޯޓްތަކުން ހާމަކޮށްފައިވާ ގޮތުގައި މި އިންސައްތަ މިއަހަރު އަދި އުޅެނީ 30 ޕަސެންޓްގައެވެ. މިއީ ދުނިޔޭގެ އިގްތިޞާދަށް ކުރިމަތިވަމުން އަންނަ ބަނަކަމުގެ އަސަރުކަމުގައި ވެދާނެއެވެ. ކަން މިހެން އޮތްއިރު، ޓީޖީއެސްޓީ ފަދަ ޓެކްސްތައް ބޮޑުވެގެން ދިޔުމަކީ ރިހޭ ފައިމައްޗަށް ފޮއި ވެއްޓުން ކަމުގައި ބެލެވެއެވެ.
ސަރުކާރުން ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތައް އެޅުމަށް ވުރެ ފަސޭހައީ ޓެކްސް ބޮޑު ކުރުން ކަމުގައި ފެންނާތީވެ، އެކަން ކޮށްފިނަމަ ރައްޔިތުންގެ ފޯރުން ތެރިކަން ދަށް ވުމުގެ އިތުރުން، ފަތުރުވެރިކަމުގެ ސިނާއަތަށް ގެއްލުން ލިބިދާނެއެވެ. އެ ކަމުގެ ސަބަބުން ޖުމްލަ އިގުތިޞާދަށް ނުބައި އަސަރެއް ކޮށްފާނެއެވެ. އެހެންކަމުން ޓެކްސް ރޭޓާ ކުޅުމަށް ވުރެން ހަރަދު ކުޑަ ކުރަން މިވަނީ ޖެހިފައެވެ.