އަނިޔާވެރި، ބާރުގަދަ ހަސީނާ ކުއްލިގޮތަކަށް އިސްތިއުފާ ދެއްވީ ކީއްވެ؟

ދަނގަނޑު އަންހެނާގެ ނަމުން މަޝްހޫރު ޝައިޚް ހަސީނާ

މަގާމުން އިސްތިއުފާދެއްވުމަށްފަހު އިއްޔެ ގައުމުން ކުއްލިގޮތަކަށް ފިއްލެވި ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ހަސީނާ މަގާމުން އިސްތިއުފާދެއްވަން ނިންމެވީ ބަންގްލަދޭޝްގެ ރައްޔިތުން ހަސީނާގެ ދިގުލީ އަދި އަނިޔާވެރި ވެރިކަމާ ދެކޮޅަށް އުތުރިއެރުމާއެކު އެ ވެރިކަން ދެން ހިމާޔަތް ނުކުރެވޭނެކަން ސިފައިންގެ އެންމެ އިސްކޮމާންޑަރު ވަކަރު އައްޒަމާން ހަސީނާއަށް އެންގެވުމުންނެވެ.

ސިފައިން އެ ގޮތަށް ނިންމީ، ހަސީނާގެ ޕާޓީގެ ހަރުކަށި އެންޓިވިސްޓުންގެ ހަމަލާތަކުގައި މުޒާހަރާ ކުރި ގިނަ އަދަދެއްގެ ބަޔަކު މަރުވެ، އަނެއް ބަޔަކު ޒަޚަމްވަމުންދިޔުމާއި އޭގެ ރައްދުގައި މުޒާހަރާގެ ބައިވެރިން ބަންގްލަދޭޝްގެ ކާރުޚާނާތަކާއި އިމާރާތްތަކާ އަދި ވެހިކަލްތަކުގައި ހުޅުޖެހުމާއެކު ގައުމަށް އިއާދަނުކުރެވޭވަރުގެ ބޮޑެތި އިގްތިސާދީ ގެއްލުންތައް ލިބެން ފެށުމުންނެވެ.

އަދި މުޒާހަރާ ކުރާ މީހުން ތިބީ ކޮންމެ އަގެއްދައްކައިގެން ނަމަވެސް ހަސީނާގެ ވެރިކަން ވައްޓާލުމަށް އަޒުމުކަނޑައަޅައިގެންކަމާއި ގައުމުގެ ގިނަ ބަޔަކު ތިބީ މި މުޒާހަރާތަކުގައި ބައިވެރިވެ ހަސީނާގެ ވެރިކަން ބަދަލުކުރުމުގެ ރޫހުގައިކަން ސިފައިންނަށް ވިސްނުމުންނެވެ.

ހަސީނާގެ ވެރިކަން ހިމާޔަތް ނުކުރަން ސިފައިން ނިންމި އަނެއް ސަބަބެއްކަމަށް ވަނީ އޭނާގެ ވެރިކަން ދިފާއުކުރަނަމަ ބަންގަލަދޭޝްގައި ބޮޑު ލޭއޮހޮރުވުމެއް ހިނގައި އެތައް ހާސްބަޔަކު މަރުވެދާނެކަމުގެ ބިރު ހީވުންކަމަށްވެއެވެ.

ބަންގްލަދޭޝްގެ ސިފައިންގެ ވެރިޔާ ޖެނެރަލް ވަކަރުއްޒަމާން

އެހެންކަމުން ހަސީނާ އިސްތިއުފާ ދެއްވަން ނިންމެވީ ހަސީނާގެ ވެރިކަން ދިފާއުނުކުރެވޭނެކަން ސިފައިންގެ އިސް ކޮމާންޑަރު ވަކަރު އައްޒަމާން ހަސީނާއަށް އެންގުމާއެކު އިސްތިއުފާ ދެއްވާފައި ގައުމު ދޫކޮށް ނުގޮސްފިނަމަ ސިފައިންގެ ހިމާޔަތްނެތި އޭނާގެ ފުރާނައަށް ނުރައްކާވެދާނެކަމުގެ ބިރު ހަސީނާއަށް އިހުސާސް ވުމުންނެވެ.

ހަސީނާގެ ދިގުލީ އަނިޔާވެރި ވެރިކަމުގައި އިދިކޮޅު ފަރާތްތައް ޖަލަށްލައި އިދިކޮޅުގެ ބާރު މުޅިން ކަނޑުވާލިއެވެ. ހަސީނާ ވަނީ އެތައް ބަޔަކު މަރާފައެވެ. މެރި މީހުންގެ ތެރޭގައި ފުންނާބު އުސް ދީނީ އިލްމުވެރިންނާއި ސިފައިންގެ ކުރީގެ ގިނަ އަދަދެއްގެ އޮފިސަރުން ހިމެނެއެވެ.

މި ފަރާތްތައް ދަންޖައްސައި މެރީ ހަސީނާގެ ވެރިކަމާ ދެކޮޅަށް ބަޣާވާތް ކުރުމުގެ ކުށުގައާއި ހަސީނާގެ ބައްޕަ ބަންގްލަދޭޝްގެ މިނިވަންކަމުގެ ބާނީ ޝައިޚް މުޖީބުއްރަހްމާން އާ ދެކޮޅަށް 1975 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 15 ވަނަ ދުވަހު ބަންގްލަދޭޝްގެ ސިފައިން ގެނައި އިންގިލާބުގައި ބައިވެރިވިކަމުގެ ކުށުގައެވެ. މި ފަރާތްތަކާ ދެކޮޅަށް ހިންގި ޝަރީއަތަކަށް ހަސީނާގެ ސަރުކާރުން ވަރަށް ބޮޑަށް ނުފޫޒު ފޯރުވި ކަމަށް ވަނީ ތުހުމަތު ކުރެވިފައެވެ.

މީގެ އިތުރުން ހަސީނާގެ ވެރިކަން ދިފާއުކުރުމަށްޓަކައި ފާއިތުވެދިޔަ 15 އަހަރުތެރޭގައި އިތުރު 350 އަށް ވުރެ ގިނަ މީހުން ވަނީ މަރާލާފައެވެ. މި 350 މީހުންނަކީ އޭނާ ވެރިކަން ކުރެއްވި 15 އަހަރުތެރޭގައި ހިނގި ސިޔާސީ ހަމަނުޖެހުންތަކާ އަދި މުޒާހަރާތަކުގައި މަރާލި މީހުންނެވެ.

ހަސީނާގެ ވެރިކަމުގައި ބަންގްލަދޭޝްގެ މައްޗަށް އަވަށްޓެރި އިންޑިއާގެ ބާރާއި ނުފޫޒުވެސް ވަރަށް ބޮޑަށް ފޯރާފައިވާއިރު މިއީވެސް ބަންގަލަދޭޝްގެ އާންމުން ވަރަށް ބޮޑަށް ނުރުހުންވި ކަމެއްކަން މުހައްލިލުން ފާހަގަ ކުރައްވައެވެ.

ހަސީނާ ހެލިކޮޕްޓަރެއްގައި އިންޑިއާއަށް ފިއްލަވަނީ

ހަސީނާ މަގާމުން އިސްތިއުފާ ދެއްވުމަށްފަހު ގައުމުން ފިއްލަވައިގެން ވަޑައިގެންނެވީ އިންޑިއާ އަށެވެ. ހަސީނާ ގައުމު ދޫކުރައްވައި ފިއްލަވައިގެން ވަޑައިގަތީ ސިފައިންގެ އެހީތެރިކަމާއެކު އަސްކަރީ ހެލިކޮޕްޓަރެއްގައެވެ. އެ ހެލިކޮޕްޓަރު ޖެއްސީ އިންޑިއާގެ އިރުއުތުރުގެ ސްޓޭޓެއްކަމަށްވާ ޓްރިޕޫރުގެ ވެރިރަށް އަގަރުތަލާ އަށެވެ. އަގަރުތަލާއިން ޝައިޚް ހަސީނާއަށް މަރުހަބާ ދެންނެވީ އިންޑިއާގެ ގައުމީ ސަލާމަތާ ބެހޭ މުސްތަޝާރު އަޖީދު ދޮވާލް އެވެ.

ޝައިޚް ހަސީނާގެ އާއިލީ ފަރާތަކާ ހަވަލާދީ ރިޕޯޓްތައް ބުނާގޮތުން ހަސީނާ އިނގިރޭސިވިލާތުން ސިޔާސީ ހިމާޔަތް ހޯދުމަށް އެދި މިހާރު ވަނީ އިނގިރޭސި ސަރުކާރަށް ހުށަހަޅާފައެވެ. އިނގިރޭސި ސަރުކާރު ގެންދަނީ އެކަން ދިރާސާ ކުރަމުންނެވެ. ނަމަވެސް ހަސީނާއަށް ހިމާޔަތް ދިނުމާމެދު އިނގިރޭސި ސަރުކާރުން ވަކި ގޮތެއް ނިންމަން ހަފުތާތަކެއް ނަގާނެކަމަށް ވެއެވެ. ހަސީނާއަށް ދާއިމީގޮތެއްގައި ހިމާޔަތްދޭނެ ގައުމެއް ހަމަޖެހެންދެން އޭނާ ހުންނަވާނީ އިންޑިއާގައި ކަމަށް ވަނީ ބެލެވިފައެވެ.

އިނގިރޭސިވިލާތުން ހިމާޔަތް ހޯދުމަށް އިންޑިއާ ވަރަށް ބޮޑަށް އެހީތެރިވާނެ ކަމަށާއި ހަސީނާއަށް ދާއިމީކޮށް ހިމާޔަތް ދިނުމަށް އެދި އިންޑިއާގެ ބޮޑުވަޒީރު ނަރަންދުރަ މޯދީގެ ސަރުކާރުން އިނގިރޭސި ސަރުކާރަށް ވަރަށް ބޮޑަށް ބާރުއަޅާނެކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ.

ހަސީނާ މަރުގެ އަދަބު ދިން ބައެއް ދީނީ އިމްލުވެރިން

އިންޑިއާއިން ހަސީނާއަށް ދާއިމީ ގޮތެއްގައި ހިމާޔަތްދީފިނަމަ ބަންގްލަދޭޝްގައި ދެން އުފެދޭ ސަރުކާރަކުން އިންޑިއާއާ ދުރުވެ ޗައިނާއާ ގާތްވެދާނެކަމުގެ ބިރު އިންޑިއާ އިހްސާސްކުރެއެވެ.

ހަސީނާގެ ވެރިކަން ވައްޓާލުމަށް މިދިޔަ ޖުލައި މަހުން ފެށިގެން ބަންގްލަދޭޝްގައި އާންމުން ކުރަމުންގެންދާ މުޒާހަރާތައް ރާވައި އިންތިޒާމު ކުރުމުގައި އިސް ދައުރެއް އަދާކޮށްފައިވަނީ ބަންގްލަދޭޝްގައި އޮންނަ ތަފާތު ކުރުންތަކާ ދެކޮޅަށް މަސައްކަތްކުރާ ކިޔަވާކުދިންގެ ހަރަކާތުންނެވެ. "އެންޓި ޑިސްކްރިމިނޭޝަން ސްޓޫޑެންޓްސް މޫވްމަންޓް" ނަމަކަށް ކިޔާ ޖަމާއަތުންނެވެ. މިއީ ކިޔަވާ ކުދިންގެ ޖަމިއްޔާއެކެވެ.

މިދިޔަ ޖުލައި މަހުން ފެށިގެން ހިނގަމުންދާ މުޒާހަރާތަކުގައި 280 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. ގިނަ މީހުން މަރުވީ ހަސީނާގެ ޕާޓީގެ ހަރުކަށި އެކްޓިވިސްޓުންގެ ހަމަލާތަކުގައެވެ. ނަމަވެސް ސަލާމަތީ ބާރުތަކުން ވެސް މީހުން މަރާފައިވެއެވެ.

މިދިޔަ ޖުލައި މަހު އެންމެ ފުރަތަމަ މުޒާހަރާތައް ފެށުނީ ބަންގްލަދޭޝްގެ ސިވިލް ސާވިސްގެ ވަޒީފާތައް ދިނުމުގައި ސަރުކާރުން ވަކި ބަޔަކަށް ޚާއްސަ އިމްތިޔާޒްތަކެއް ދޭ މައްސަލައިގައެވެ. ސަރުކާރު ވަޒީފާތަކަށް މީހުން އިޚްތިޔާރު ކުރުމުގައި އަމަލު ކުރަމުން ދިޔަ ކޯޓާ ނިޒާމާ ދެކޮޅު ހެދުމުގެ ގޮތުންނެވެ. މި މައްސަލައަށް ވަރަށް ބޮޑު ހައްލެއް ގެނައުމުން މުޒާހަރާތައް ހުއްޓުމަކަށް އައެވެ.

ނަމަވެސް ފަހުން މުޒާހަރާތައް އަނެއްކާފެށީ ކުރީގެ މުޒާހަރާތަކުގައި މަރާލި 200 އެއްހާ މީހުންގެ އާއިލާތަކަށް އިންސާފު ހޯދައިދިނުމަށާއި އަދި އެ މުޒާހަރާތަކުގައި ސަލާމަތީ ބާރުތަކުން ހައްޔަރުކޮށްފައިވާ އެތައް ސަތޭކަ ބަޔަކު މިނިވަން ކުރުމަށް ދައުލަތުގެ މުއައްސަސާތަކަށް ފިއްތުންތައް ކުރިމަތިކުރުމުގެ ގޮތުންނެވެ.

ނަމަވެސް މުހައްލިލުން ވިދާޅުވާ ގޮތުގައި މިއީ ހަގީގަތަށްބަލާއިރު ހަސީނާގެ ވެރިކަން ވައްޓާލެވޭނެކަމާއި ރައްޔިތުންގެ ގިނަ ބަޔަކުތިބީ ބަދަލަކަށް ބޭނުންވެފައިކަން ކިޔަވާ ކުދިންނަށް ރަނގަޅަށް އެނގި ހަސީނާގެ ވެރިކަން ވައްޓާލުމުގެ އަޒުމުގައި ފެށި މުޒާހަރާތަކެކެވެ.

ވަރުގަދައަށް މުޒާހަރާތައް އިންތިޒާމުކޮށްފިނަމަ އާންމުން އޭގައި ބައިވެރިވެ ފުލުހުންނާއި ސިފައިންނަށް ގޮތްހުސްވާ ހިސާބަށް ކަންތައް ދާނެކަން ކިޔަވާކުދިންގެ ޖަމިއްއްޔާގެ އިސްފަރާތްތަކަށް ރަނގަޅަށް އެނގެއެވެ. އެހެންކަމުން ފަހުން މުޒާހަރާތައް ފެށީ ސީދާ ހަސީނާގެވެރިކަން ވައްޓާލުމަށް ޚާއްސަކޮށްގެންނެވެ.

މި މުޒާހަރާތަކާއެކު މުޅި ބަންގްލަދޭޝް ހުއްޓުމަކަށް އައިސް ސަލާމަތީ ބާރުތަކަށް ވަނީ މުޒާހަރާތައް ހުއްޓުވުމަކީ ގާތްގަނޑަކަށް ނުކުރެވޭނެ ކަމެއްކަން ޔަގީންވެފައެވެ. މި ހިސާބުން ހަސީނާގެ ވެރިކަން ދިފާއު ނުކޮށްދެވޭނެކަން ސިފައިންގެ އިސްވެރިޔާ އޭނާއަށް އެންގީއެވެ. އެންގުމާއެކު އިސްތިއުފާ ދެއްވާފައި ހަސީނާ އިންޑިއާއަށް ފިއްލެވީއެވެ.

comment ކޮމެންޓް