އެމެރިކާއިން ރާއްޖެއަށް 8.5 މިލިއަން ޑޮލަރު އިތުރު އެހީގެ ގޮތުގައި މިއަދު ހަދިޔާކޮށްފިއެވެ.
މި ފައިސާ ރާއްޖެއަށް ހަދިޔާކޮށްފައި ވަނީ، ފޮރިން މިނިސްޓްރީގައި މިކަމަށްޓަކާ ބޭއްވި ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި ޔޫއެސްއޭއައިޑީގެ މިޝަންގެ އިސް ބޭފުޅުން ބައިވެރިވެ ވަޑައިގަތެވެ.
މިއީ ރާއްޖެއާ ޔުނައިޓެޑް ސްޓޭޓްސް އެޖެންސީ ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް (ޔޫއެސްއޭއައިޑީ)އާ ދެމެދު ވެފައިވާ ގްރާންޓް އެއްބަސްވުމަށް ހުށަހެޅި އިސްލާހުގެ ދަށުން ދީފައިވާ އެހީއެކެވެ.
ރާއްޖޭގެ ތަރައްގީއަށް އެހީވުމަށް ދިން މި ފައިސާގެ މަގުސަދަކީ އިގްތިޞާދީ ވިލުންތެރިކަން އިތުރުކޮށް، ޑިމޮކްރެޓިން ވެރިކަން ހަރުދަނާކުރުމާއި ދެމެހެއްޓެނިވި ތަރައްގީ ކުރިއެރުވުމެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޔޫއެސްއޭއައިޑީގެ އެސިސްޓެންޓް އެޑްމިނިސްޓްރޭޓާ މައިކަލް ޝިފާ ވިދާޅުވީ، މިފަދަ ކަމެއްގައި ރާއްޖެއާ ގުޅި، އެހީތެރިވެދެވޭތީ އުފާކުރާ ކަމަށެވެ.
"ރާއްޖޭގެ ތިމާވެށީގެ މައްސަލަތަކަށް ހައްލު ހޯދުމަށާއި އިކޮނޮމީ ކުރިއަރުވާ ހެޔޮ ވެރިކަމެއް ގާއިމް ކުރުމަށް އަހަރެމެން އެހީތެރިވެދޭނަން،" އޭނާ ވިދާޅުވިއެވެ.
ޔޫއެސްއޭއައިޑީން ރާއްޖެއަށް އެހީ ދޭންފަށާފައި ވަނީ، 2001ވަނަ އަހަރެވެ. އަދި ފާއިތުވި 2019ވަނަ އަހަރުން ފެށިގެން އެ އެޖެންސީން ވަނީ ޖުމުލަ 45.72 މިލިއަން ޑޮލަރު ރާއްޖެއަށް ހަދިޔާ ކޮށްފައެވެ.