މިދިޔަ ނޮވެމްބަރު މަހުގެ ކުރީކޮޅު ބޭންކު މެދުވެރިކޮށް ފިނޭންސް މިނިސްޓްރީން އާރުޑީސީގެ އެކައުންޓަށް ޖަމާކުރި 90 މިލިއަން ރުފިޔާގެ ތެރެއިން އާރްޑީސީ އާ ހަވާލުވިއިރު، ބާކީ އޮތީ އެންމެ ހަތަރު މިލިއަން ރުފިޔާކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ބްރިގޭޑިއާ ޖެނެރަލް (ރިޓަޔާޑް) އަލީ ޒުހޭރު މިއަދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އެންޑް އެންޓަޕްރައިޒަސް (އެސްއޯއީ) ކޮމިޓީއަށް އާރްޑީސީ ހާޒިރުކޮށްފައި ވަނީ އެ ކުންފުނިން ހިންގާފައި ހުރި ކޮރަޕްޝަންގެ އަމަލުތަކާއި، އެކަން ހުއްޓުވުމުގެ ގޮތުން މިހާރުގެ މެނޭޖްމަންޓުން އަޅާފައިވާ ފިޔަވަޅުތަކާ ގުޅޭގޮތުން މައުލޫމާތު ސާފުކުމަށެވެ.
އެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޒުހޭރު ވިދާޅުވީ މިދިޔަ ނޮވެމްބަރު މަހުގެ ކުރީކޮޅު ބޭންކު މެދުވެރިކޮށް ފިނޭންސް މިނިސްޓްރީން އާރުޑީސީގެ އެކައުންޓަށް 90 މިލިއަން ރުފިޔާ ޖަމާކޮށްފައިވާކަން އެނގުނީ އެ ކުންފުންޏާ ހަވާލުވި ފަހުން ކަމަށެވެ.
...އަޅުގަނޑު ހަވާލުވި އިރު ބާކީ އެކައުންޓުގައި އިނީ އެންމެ ހަތަރު މިލިއަން ރުފިޔާ. އެއާ ގުޅޭ އެއްވެސް ސްޓޭޓްމަންޓެއް ފެންނާން ނެތް، ބްރިގޭޑިއާ ޖެނެރަލް (ރިޓަޔާޑް) އަލީ ޒުހޭރު
އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު އަސްބާހް އަލީ ނަސީރު ތުހުމަތުކުރެއްވި ގޮތުގައި އެކަމަކީ ނިޒާމުގެ ތެރެއިން ވަކި ކުންފުނިތަކަކަށް ފައިސާ ދޭން ކޮށްފައި އޮތް ކަމެކެވެ. އަދި އެކަމާ ގުޅޭ އެއްވެސް ޑޮކިއުމަންޓެއް ފެންނަން ނެތް ކަމަށް ވެސް ވިދާޅުވިއެވެ.
ހަމައެއާއެކު މިހާތަނަށް ބެލި ބެލުމުން އެއްވެސް ބާރުދޭ ލިޔެކިޔުމެއް ނެތި އާރުޑީސީން ގިނަ އަދަދެއްގެ ފައިސާ ދޫކޮށްފައިވާކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން ފާއިތުވީ ދެ އަހަރުގެ މުއްދަތުގައި އެކި ފަރާތްތަކަށް 161 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އެގޮތުން 2022 ވަނަ އަހަރު އެގޮތަށް ދޫކޮށްފައިވަނީ 65 މިލިއަނެއްހާ ރުފިޔާ ކަމަށާއި 2023 ވަނަ އަހަރު ދޫކޮށްފައި ވަނީ 95 މިލިއަނެއްހާ ރުފިޔާ ކަމަށް އަސްބާސް ވިދާޅުވިއެވެ.
...ހަމައެކަނި މި ފެންނަނީ ބޭންކް ސްޓޭޓްމަންޓުގައި ޓްރާންސްފާ ކޮށްފައި ހުރިތަން، އިންޓަނެޓް ބޭންކިން މެދުވެރިކޮށް. މި ކުރި ޓްރާންސެކްޝަންގެ ބޭންކް ސްލިޕްގައި ރިމާކްސްގެ ގޮތުގައި ވެސް އެއްވެސް ގޮތަކަށް ނެތް މައުލޫމާތެއް ދީފައި ކޮންކަމަކާ ގުޅޭގޮތުން ދީފައި ހުރި ފައިސާއެއްތޯ، އާރްޑީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު އަސްބާހް
އާރްޑީސީއަކީ ކޮރަޕްޝަންގެ ބޮޑެތި ތުހުމަތު އަމާޒުވާ ކުންފުންޏެކެވެ. މީގެ ކުރިން ވެސް އެ އޮފީހުގެ ފައިސާ ތިޖޫރީ ގެއްލުމާއި، އާރްޑީސީގެ އޮފީހުން ވައްކަން ކުރުން ފަދަ އެތައް މައްސަލައެއް ވެސް ވަނީ ހިނގައިފައެވެ.
ކޮރަޕްޝަންގެ މައްސަލާގައި ތަހުގީގުކުރުމަށްޓަކައި މިދިޔަ އަހަރުގެ ނޮވެމްބަރު 15 ގައި ފުލުހުން ވަނީ އާރްޑީސީ އޮފީސްތެރެއަށް ވަދެ، ގިނަ އަދަދެއްގެ ލިޔެކިޔުންތައް ގެންގޮސްފައެވެ.
މިވަގުތު ފުލުހުންގެ އިތުރުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވެސް ގެންދަނީ އާރްޑީސީގެ ކޮރަޕްޝަންގެ މައްސަލަ ބަލަމުންނެވެ.
ރައީސް އިބްރާހިމް މުހައްމަދު ޞާލިޙުގެ ސަރުކާރުގައި އުފެއްދި އާރްޑީސީގެ ކޮރަޕްޝަނުގެ މައްސަލާގައި އެންމެ ބޮޑު ތުހުމަތެއް ކުރެވެނީ އޭރު އެ ކުންފުނީގެ އެމްޑީގެ މަގާމުގައި ހުންނެވި މޫސާ އަލިމަނިކު (މޫކޭ)ގެ މައްޗަށެވެ.