ބާ ކައުންސިލާއި ރާއްޖޭގެ ޤައުމީ ޔުނިވާސިޓީ(އެމްއެންޔޫ) އަދި ވިލާ ކޮލެޖު ގުޅިގެން ދުސްތޫރީ ވަޢުދުތަކާއި ހަގީގަތްތަކުގެ ނަމުގައި މަޝްވަރާ ސެޝަނެއް ބޭއްވުމަށް ނިންމައިފިއެވެ.
މި ސެޝަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މާދަމާ ރޭ 08:15 އިން 10:30އަށް އެމްއެންޔޫގެ ފެކަލްޓީ އޮފް އެޑިއުކޭޝަންގެ އޮޑިޓޯރިއަމްގައެވެ.
ބާ ކައުންސިލުން މިއަދު ނެރުނު ބަޔާނުގައި ބުނީ އިލްމީ ނަޒަރަކުން ވަޒަންކުރެވޭ މި ސެޝަންގައި ބަލާނީ، 2008ގެ ޤާނޫނީއަސާސީގެ ހަޔާތަށް ކަމަށެވެ.
އެގޮތުން އެ ކައުންސިލުން ބުނީ ސެޝަންގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލެވޭނީ، ޤާނޫނުއަސާސީގެ ވައުދުތަކަށާއި، އެ ވައުދުތައް ހަގީގަތަކަށް ހެދުމަށް ކުރެވުނު މަސައްކަތްތަކާއި، އެކަމަށް ހުރި ގޮންޖެހުންތަކަށް ކަމަށެވެ.
އެގޮތުން ހާއްސަކޮށް ހައްގުތަކާއި މިނިވަންކަމާއި، މިނިވަން ޝަރުއީ ދާއިރާއާއި، ވެރިކަން ހިންގުމުގެ ނިޒާމު ފަދަ އަސާސީ ސިފަތަކާއި، މި ދާއިރާތަކުން ދަސްވި ފިލާވަޅުތައް ހިމެނޭ ކަމަށް އެ ކައުންސިލުން ބުނެއެވެ.
ބާ ކައުންސިލުން އިންތިޒާމުކުރާ މި ފޯރަމްގެ ކީނޯޓް ސްޕީކާއަކީ ޑރ. ޝަމްސުލް ފަލާހެވެ. އޭނާ އަކީ ރާއްޖޭގެ ދުސްތޫރީ ގާނޫނުގެ ދާއިރާއިން އިލްމީ ދިރާސާ ކުރައްވާ ބޭފުޅެކެވެ.
ފާހަގަކޮށްލެވޭގޮތުގައި، މީގެ ކުރިން ޑރ. ޝަމްސުލް ފަލާހުވަނީ ރައީސް އޮފީހުގެ ލީގަލް އެޑްވައިޒަރެއްގެ މަގާމާއި ޖުޑީޝަލް ސާވީސް ކޮމިޝަންގެ މެންބަރުކަން ވެސް ކުރައްވާފައެވެ.
މިހާރު މަސައްކަތް ކުރައްވަމުން ގެންދަވަނީ ނިއުޒިލެންޑްގެ މިނިސްޓްރީ އޮފް ބިޒްނަސް، އިނޮވޭޝަން އެންޑް އެމްޕްލޯއިމަންޓް (އެމްބީއައިއީ)ގައެވެ.