ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މޯލްޑިވްސް ގޭސް ޕްރައިވެޓް ލިމިޓެޑް (މޯލްޑިވް ގޭސް)ގެ މެނޭޖިން ޑިރެކްޓަރަކަށް ހުންނެވި ހ. ހެންވޭރުފެހި، ޢަބްދުﷲ މައުމޫން، ފަސް އަހަރަށް ފަހުން ރާއްޖެ އައުމާއެކު އޭނާގެ ޕާސްޕޯޓު ހިފަހައްޓާ، އޭނާގެ މައްޗަށް ކުރާ މަނީ ލޯންޑަރިންގެ މައްސަލަ ތަހުގީގު ކުރަން ފަށައިފިއެވެ.
މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ފުލުހުން ބުނީ، މައުމޫނުގެ މައްޗަށް ތުހުމަތު ކުރެވޭ މަނީ ލޯންޑަރިންގެ މައްސަލަ ފުލުހުންގެ އިދާރާއިން ތަހުގީގުކުރަމުންދާ ކަމަށެވެ.
މިކަމުގައި އަދި ޕީޖީގެ ރަސްމީ ޖަވާބެއް ނުލިބެއެބެ. އެހެން ނަމަވެސް މައުމޫނުގެ ޕާސްޕޯޓު ހިފަހައްޓާ، އޭނާއަށް ވަނީ ފުރުން މަނާކޮށްފައެވެ.
އޭނާއާއި އޭނާގެ އާއިލީ ބައެއް މީހުންނަށް މޯލްޑިވް ގޭހުގެ ސަޕްލަޔަރެއް ކަމަށްވާ ތްރީޑީއެޗް އިންޓަނޭޝަނަލްއިން ފައިސާ ފޮނުވާ ކަމަށް ވަނީ ތުހުމަތުކޮށްފައެވެ. އެ މައްސަލައިގައި ރިޝްވަތު ގަބޫލުކުރުމުގެ ޖުމުލަ ހަތް ދައުވާއެއް ވަނީ އުފުލައިފައެވެ.
ކޮންމެ ދައުވާއެއްގެ އަސާސީ އަދަބަކީ ތިން އަހަރާއި ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެކެވެ.
ހަތް ދައުވާއެއް އުފުލަން ކްރިމިނަލް ކޯޓަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)ގެ އޮފީހުގެ ފަރާތުން ހުށަހަޅާފައިވާއިރު، މައުމޫން މިއަދު ރާއްޖެ އެ އައީ ފަސް އަހަރު ރާއްޖެއިން ބޭރުގައި ދިރިއުޅުމަށްފަހުއެވެ.
ޕީޖީން ވަނީ މީގެ ކުރިން ވީހާ ވެސް އަވަހަކަށް މި މައްސަލައިގެ އަޑުއެހުންތައް ތާވަލުކޮށްދޭން އެދިފައެވެ. އަދި، ޝަރީއަތަށް ހާޒިރުވާން އިންކާރުކޮށްފި ހާލަތެއްގައި ހައްޔަރުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމުގެ އަމުރެއް ފުލުހުންގެ މައްޗަށް ނެރެދޭން ވެސް ކޯޓުގައި ވަނީ އެދިފައެވެ.
މި ހަތް މުއާމަލާތާ ގުޅިގެން ރިޝްވަތުގެ ގޮތުގައި އަބްދުﷲ މައުމޫނާއި އޭނާއާ ގުޅުންހުރި މީހުންނާއި ކުންފުނިތަކުގެ އެކައުންޓަށް ޖުމުލަ 298،403.5 ޑޮލަރު ޖަމާކޮށްފައިވާ ކަމަށް ޕީޖީ އޮފީހުން ދައުވާގައި ބުނެފައިވެއެވެ.