ޕާކިސްތާނާއި އިންޑިއާގެ އާޓިސްޓުން އެއް ސެޓަކުން ފެނިދާނެބާ؟

ޕާކިސްތާނުގެ އެކްޓަރު ފަވާދު ޚާން ބޮލީވުޑްގެ ބަތަލާ ދީޕިކާ ޕަދުކޯންއާ އެކު--ފޮޓޯ/ބޮލީވުޑްހަންގާމާ

ޕާކިސްތާނާއި އިންޑިއާގެ އާޓިސްޓުން އެއް ސެޓެއްގައި މަސައްކަތްކުރާ މަންޒަރު ފެންނާނެ ދުވަހަކަށް ވަރަށް ބޮޑަށް އިންތިޒާރުކުރެވޭ ކަމަށާއި އެ ހުވަފެން އަބަދުވެސް ދެކޭނެ ކަމަށް ޕްރޮޑިއުސަރު ޝައިލްޖާ ކެޖްރިވާލް ބުނެފިއެވެ.

ލިޔުންތެރިންގެ އިތުރުން މުނިފޫހިފިލުވުމުގެ އެކިއެކި ދާއިރާތަކުގައި މަސައްކަތްކުރާ އިންޑިއާ އަދި ޕާކިސްތާނުގެ އާޓިސްޓުން އެކީގައި މަސައްކަތްކޮށްފިނަމަ ވަރަށް ރަގަޅު އުފެއްދުންތައް ބާޒާރަށް ނެރެވޭނެކަމުގެ ޔަގީންކަން އެބައޮތް ކަމަށް ޝައިލްޖާ ވަނީ ބުނެފައެވެ.

ޕާކިސްތާނު ބަތަލާ މާހިރާ ޚާން އިންޑިއާގެ އެކްޓަރު ރަންބީރު ކަޕޫރާ އެކު ދުބާއީގައި އޮތް ފިލްމު އެގްޒިބިޝަނެއްގެ ތެރެއިން--ފޮޓޯ/ވީގްއިންޑިއާ

އިންޑިއާގައި ޕާކިސްތާނުގެ ޓީވީ ސީރީސްތައް ބްރޯޑްކާސްޓާ ކުރާ ޒިންދަގީ ޓީވީގެ ވެރިޔާ ބުނެފައި ވަނީ ދެ ޤައުމުގެ އާޓިސްޓުންނާ އެކު ގުޅިގެން މަސައްކަތްތަކެއް ކުރުމުގެ މުހިއްމުކަން ކެރިއަރުގެ ވަރަށް ކުރީކޮޅު އިހުސާސް ކުރެވުނު ކަމަށެވެ. އެއީ ކުރެވިދާނެ ކަމެއްކަން ނުވަތަ ނޫންކަން ވެސް ނޭނގޭ ކަމަށާއި ނަމަވެސް ހިތުގައި އޮތް އެދުމެއްގެ ވާހަކަ ހާމަކުރެވިދާނެ ކަމަށް ކާމިޔާބު ޕްރޮޑިއުސަރު ވަނީ ބުނެފައެވެ.

އިންޑިއާގެ ބޮލީވުޑްގެ ގިނަ ފިލްމުތަކުން ސައުތު ސިނަމާގެ ކާމިޔާބު ގިނަ ތަރިންތަކެއް މިހާރުވެސް ފެންނަ ކަމަށާއި ދެ ސިނަމާގެ މެދުގައި އޮތް ވާދަވެރިކަން އެއްވެސް ވަރަކަށް އެއްވެސް ތަރިއެއްގެ ފަރާތުން ނުފެންނަ ކަމަށް ޝައިލްޖާ ވަނީ ބުނެފައެވެ. އެހެންވީއިރު ޕާކިސްތާނުގެ އާޓިސްޓުންނާ އެކު މަސައްކަތް ނުކުރެވެންވީ ސަބަބެއް ނުވިސްނޭ ކަމަށް އޭނާ ވަނީ ބުނެފައެވެ.

ޕްރޮޑިއުސަރު ޝައިލްޖާ--ފޮޓޯ/ޓެލެގްރާފްއިންޑިއާ

އިންޑިއާގައި ޕާކިސްތާނުގެ ބައެއް ފަންނާނުން ވަރަށް ފޯރިއާއެކު މަސައްކަތް ކުރަމުން ދަނިކޮށް 2016ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ އުރީ ހަމަލާއާ ގުޅިގެން ޕާކިސްތާނުގެ ފަންނާނުން އިންޑިއާގައި މަސައްކަތް ކުރުން އިންޑިއާ ސަރުކާރުން މަނާކުރިއެވެ. އެހެންނަމަވެސް އެކަމަށް ނިމުމެއް ގެނެސް މިދިޔަ އަހަރު އެ ޤައުމުގެ ސަރުކާރުން ވަނީ ޕާކިސްތާނު ފަންނާނުންނަށް އިންޑިއާގެ ފިލްމު އިންޑަސްޓްރީގައި މަސައްކަތް ކުރުމުގެ ހުއްދަ ދީފައެވެ.

ޝައިލްޖާގެ ޒިންދަގީ ޕްލެޓްފޯމްއިން މިހާތަނަށް ޕާކިސްތާނުގެ މަޝްހޫރު ސީރީސްތައް ކަމަށްވާ "ހަމްސަފަރު" އަދި "ޒިންދަގީ ގުލްޒާރު ހޭ" ފަދަ ޑްރާމާ ސީރީސްތައް ގެނެސްދީފައިވާއިރު ޝައިލްޖާ އެންމެފަހުން ގެނެސްދީފައި ވަނީ ދާދިފަހުން ސްޓްރީމްކުރަން ފެށި "ބަރުޒަޚު" ސީރީސްއެވެ. ގިނަ ބައެއްގެ މެދުގައި މަގުބޫލުވި ޕާކިސްތާނު ތަރިން ކަމަށްވާ ފަވާދު ޚާނާއި ސަނަމް ސައީދުގެ ޖޯޑު ބެލުންތެރިންނަށް މި ފެނުނީ 10 އަހަރުފަހުންނެވެ.

comment ކޮމެންޓް