ސަރުކާރު ވަޒީފާތަކަށް މީހުން އައްޔަން ކުރުމުގައި އަމަލު ކުރަމުން ދިޔަ ކޯޓާ ނިޒާމާ ދެކޮޅަށް ބަންގްލަދޭޝްގައި ފެށި މުޒާހަރާތަކުގެ ބައިވެރިން ބޮޑު ވަޒީރު ޝައިޚް ހަސީނާގެ އިސްތިއުފާއަށް ގޮވައިލައިފިއެވެ.
ސަރުކާރު ހިންގާ އަވާމީ ލީގު ޕާޓީން ބުނީ ހަސީނާ އިސްތިއުފާ ދިނުމަށް ގޮވައިލުމުން އެނގޭ ކަމަކީ މުޒާހަރާތައް ހިންގަނީ މައި އިދިކޮޅު ބަންގްލަދޭޝް ނޭޝަނަލިސްޓް ޕާޓީ އާއި މިހާރު ހިންގުން މަނާކޮށްފައިވާ ޖަމާޢަތު އިސްލާމީ ޕާޓީންކަން ކަމަށެވެ.
މުޒާހަރާއަށް ނުކުމެފައިވާ ދަރިވަރުންނާ މަޝްވަރާކޮށް، ސުލްހަވެރި ހައްލެއް ހޯދަން ހަސީނާ ވަނީ ހުށަހަޅުއްވާފައެވެ. ނަމަވެސް، މުޒާހަރާގެ ބައިވެރިން ވަނީ މަޝްވަރާތައް ކުރަން ދެކޮޅު ހަދާފައެވެ. އަދި ސަރުކާރު އިސްތިއުފާ ދިނުން ނޫން އިތުރު ގޮތެއް ނެތް ކަމަށް ބުނެ މުޒާހަރާގެ ބައިވެރިން އަންނަނީ މަދަނީ ބަސްނޭހުމަކަށް ދާން ތައްޔާރުވަމުންނެވެ. އެގޮތުން މުޒާހަރާތައް ރޭވުމުގައި އިސްކޮށް އުޅޭ ލީޑަރު، އާސިފް މަހުމޫދު ވަނީ އެންމެން ޑާކާއަށް ޖަމާވުމަށް ގޮވައިލައިފައެވެ.
ވެރިރަށް ޑާކާގައި ހަމަނުޖެހުންތައް ހިނގަމުން ދަނީ މުޒާހަރާގެ ބައިވެރިންނާއި، ވެރިކަން ކުރާ އަވާމީ ލީގަށް ތާއީދު ކުރާ އެކްޓިވިސްޓުންނާ ދެމެދުގައެވެ. ބަންގާޅި ބަހުން ގެނެސްދޭ ނޫހެއް ކަމަށްވާ ޕްރޮތޮމް އަލޫ އާ ހަވާލާދީ މީޑިއާތަކުން ރިޕޯޓުކުރާ ގޮތުގައި އެ ހަމަނުޖެހުންތަކުގައި އިއްޔެ އެކަނިވެސް 95 މީހުން ވަނީ މަރުވެފައެވެ. އެއާއެކު، މިދިޔަ މަހު ފެށި އެ މުޒާހަރާތަކުގައި މިހާތަނަށް މަރުވި މީހުންގެ އަދަދު ވަނީ 300 އާ ގާތްކޮށްފައެވެ.
އިއްޔެ މަރުވި 77 މީހުންގެ ތެރެއިން 14 މީހުންނަކީ ފުލުހުން ކަމަށް ރިޕޯޓުތައް ބުނެއެވެ. ސަރުކާރާ ދެކޮޅަށް ކުރަމުންދާ މުޒާހަރާގެ ތެރެއަށް، ސަރުކާރަށް ތާއީދުކުރާ މީހުންގެ ވަދެ އެއްބަޔަކު އަނެއް ބަޔަކަށް ލަކުޑިބުރިންނާއި ވަޅިން ހަމަލާދެމުން ދާއިރު ސަލާމަތީ ބާރުތަކުން ދަނީ ބަޑި ވެސް ޖަހަމުންނެވެ.
އެ މުޒާހަރާތައް ރާވާފައި ވަނީ ތަފާތު ކުރުންތަކާ ދެކޮޅަށް ވަކާލާތު ކުރާ ހަރަކާތް، އެންޓި-ޑިސްކްރިމިނޭޝަން ސްޓޫޑެންޓްސް މޫވްމަންޓުގެ ދަރިވަރުންނެވެ. ހަސީނާގެ އިސްތިއުފާއަށް ގޮވައިލުމުގެ އިތުރުން، ފުލުހުންގެ ހަމަލާތަކުގައި މަރުވެފައިވާ 150 އަށްވުރެ ގިނަ މީހުންނަށް އިންސާފު ހޯދައިދިނުމަށްވެސް މުޒާހަރާގެ ބައިވެރިން ދަނީ ގޮވައިލަމުންނެވެ.
އެންޓި ޑިސްކްރިމިނޭޝަން ސްޓޫޑެންޓް މޫވްމެންޓުން ވަނީ ސަރުކާރަށް ޕްރެޝަރު ބޮޑު ކުރުމަށްޓަކައި އާދީއްތަ ދުވަހުން ފެށިގެން ޓެކްސް އާއި ޔުޓިލިޓީ ބިލް ދެއްކުން ހުއްޓާލުމަށްވެސް އެދިފައެވެ. އަދި އިގްތިސާދީ ގޮތުން މުހިއްމު އުފެއްދުންތައް އުފައްދާ ކާރުޚާނާތަކުގައި މަސައްކަތްކުރާ ސަރުކާރު މަސައްކަތްތެރިން ހަޅުތާލު ކުރުމަށް އެދިފައިވެއެވެ.
އަސްކަރިއްޔާއިން އިއުލާން ކުރި ގޮތުގައި ވެރިރަށް ޑާކާ އާއި އެހެނިހެން ޑިވިޝަނަލް އަދި ޑިސްޓްރިކްޓް ހެޑްކުއާޓަރުތައް ހިމެނޭ ގޮތަށް މުއްދަތެއް ނެތި، އާ ކާފިއުއަކަށް އިއްޔެ ހަވީރުން ފެށިގެން ވަނީ އަމަލުކުރަން ފަށައިފައެވެ. ޑާކާއާއި އެހެން ސަރަހައްދުތަކުގައި މީގެކުރިންވެސް ސަރުކާރުން ވަނީ ކާފިއު އިއުލާނުކޮށްފައެވެ.
ކާފިއު އިއުލާނުކުރުމުގެ އިތުރުން ސަރުކާރުން ވަނީ ހޯމަ ދުވަހުން ފެށިގެން ބުދަ ދުވަހުގެ ނިޔަލަށް ރަސްމީ ބަންދު ދުވަސްތަކެއް ކަމަށް ކަނޑައަޅައިފައެވެ. މުއްދަތެއް ނެތް ގޮތަށް ކޯޓުތައް ބަންދުކޮށް މޯބައިލް އިންޓަނެޓްގެ ހިދުމަތްވެސް ވަނީ ކަނޑައިލައިފައެވެ. ފޭސްބުކާއި އަދި ވަޓްސްއެޕް ހިމެނޭ ގޮތަށް މެސެޖިން އެޕްތަކަށްވެސް ނުވަދެވޭ ގޮތް ވަނީ ހަދައިފައެވެ.
އުމުރުން 76 އަހަރުގެ ހަސީނާ ވަނީ 2009 ވަނަ އަހަރުން ފެށިގެން ބަންގްލަދޭޝްގައި ވެރިކަން ކުރައްވައި، ޖެނުއަރީ މަހު ޖެހިޖެހިގެން ހަތަރު ވަނަ ފަހަރަށް އިންތިހާބު ކާމިޔާބު ކުރައްވައިފައެވެ. އެކަމަނާގެ ސަރުކާރުގައި ދައުލަތުގެ މުއައްސަސާތައް ނަހަމަ ގޮތުގައި ބޭނުންކޮށްގެން ވެރިކަން ދެމެހެއްޓުމަށް މަސައްކަތްކުރަމުން އަންނަ ކަމަށް ހައްގުތަކާބެހޭ ޖަމުއިއްޔާތަކުން ބުނެއެވެ.