އީރާނުގައި ހުންނަވަނިކޮށް މިދިޔަ ބުދަ ދުވަހު ޝަހީދުކޮށްލި ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތްކުރާ ހަމާސް ޖަމާއަތުގެ ސިޔާސީ ގޮފީގެ ވެރިޔާ އިސްމާއީލު ހަނިއްޔާގެ ހަށިގަނޑު ގަތަރުގައި ފަސްދާނުލައިފިއެވެ.
ހަނިއްޔާގެ ޖަނާޒާ ބާއްވާފައި ވަނީ މިއަދުގެ ހުކުރު ނަމާދަށް ފަހު ގަތަރުގެ އިމާމް އަބްދުލް ވަހާބު މިސްކިތުގައެވެ.
ހަނިއްޔާގެ ހަށިގަނޑު ދޯހާއަށް ގެންގޮސްފައި ވަނީ އިއްޔެ އީރާނުގެ އެންމެ މަތީ ލީޑަރު އާޔަތުالله އަލީ ޚާމަނާއީ އިސްކޮށް ހުންނަވައިގެން ކުރެއްވި ޖަނާޒާ ނަމާދަށް ފަހުއެވެ.
ދޯހާގައި ކުރި ނަމާދުގައި ގަތަރުގެ އަމީރު ޝެއިޚް ތަމީމް ބިން ހަމަދު އަލް ޘާނީ އާއި ބައްޕަ އަމީރު ޝެއިޚް ހަމަދު ބިން ޚަލީފާ އަލް ޘާނީގެ އިތުރުން ގަތަރުގެ އިސް އޮފިޝަލުން ބައިވެރިވެވަޑައިގެންނެވިއެވެ.
ޖަނާޒާގައި ބައިވެރިވެޑައިގަތް ގަތަރުގެ އެހެން އޮފިޝަލުންގެ ތެރޭގައި ގަތަރުގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރު އަދި މިނިސްޓަރު އޮފް ސްޓޭޓް ފޯ ޑިފެންސް އެފެއާޒް ޚާލިދު ބިން މުހައްމަދު އަލް އާތިޔާ އާއި ޝޫރާ ކައުންސިލްގެ ރައީސް ހަސަން ބިން އަބްދުالله އަލްޣަނީމް އަދި ފޮރިން މިނިސްޓްރީގެ ޕްރޮޓޮކޯލް ޑިޕާޓްމަންޓްގެ ޑިރެކްޓަރު އިބްރާހިމް ޔޫސިފް އަބްދުالله ފަޚުރޯ ހިމެނެއެވެ.
ޖަނާޒާގައި ގިނަ ގައުމުތަކުގެ އޮފިޝަލުންވެސް ބައިވެރިވެވަޑައިގަތެވެ. އޭގެ ތެރޭގައި ތުރުކީގެ ނައިބު ރައީސް ސެވްޑެޓް ޔިލްމާޒް އާއި ގަތަރުގައި ހުންނަވާ އުރުދުންގެ ސަފީރު ޒައިދު މުފްލޭހް އަލް ލައުޒީ އާއި ތުރުކީގެ ޕާލަމެންޓްގެ ރައީސް ނޫމާން ކުރްތުލްމުޝް އަދި ތުރުކީގެ ނޭޝަނަލް އިންޓެލިޖެންސްގެ ޑިރެކްޓަރު އިބްރާހިމް ކަލިން ހިމެނެއެވެ.
ހަމާސްގެ އޮފިޝަލުން ވެސް ޖަނާޒާގައި ބައިވެރިވެވަޑައިގެންފައެވެ. އެ ލިސްޓުގައި ހަމާސްގެ ކުރީގެ ވެރިޔާ ޚާލިދު މަޝާލްގެ އިތުރުން ފަލަސްތީނުގެ ގްރޫޕް މޫސާ އަބޫ މަރްޒޫކް އާއި ޚަލީލް އަލް ހައްޔާގެ އިސް މެންބަރުން ހިމެނެއެވެ.
އީރާނާއި ގަތަރުގެ އިތުރުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަނިއްޔާގެ މައްޗަށް ޣައިބަށް ކަށުނަމާދުކޮށްފައިވެއެވެ. އޭގެއިތުރުން މޮރޮކޯ، ޕާކިސްތާން އަދި ތުރުކީވިލާތުން ހުކުރު ދުވަސް ފާހަގަކޮށްފައިވަނީ ގައުމީ ހިތާމައިގެ ދުވަހެއްގެ ގޮތުގައެވެ.
ޖަނާޒާއަށްފަހު، ހަނިއްޔާގެ ހަށިގަނޑު ފަސްދާނުލީ، ލައުސައިލްގައި ހުންނަ އިމާމް ސަހަރާގައެވެ.