Dhiraagu
Ooredoo

އީރާނާއެކު ވާހަކަތައް ފަށަން ނިންމައިފިކަން ޓްރަމްޕް އިއުލާން ކުރައްވައިފި

ވޮޝިންޓަން (8 އެޕްރީލް 2025) : އެމެރިކާ, އީރާނާއެކު ސީދާ ގޮތެއްގައި ވާހަކަތައް ފަށާނެކަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިއުލާން ކުރައްވައިފިއެވެ.

Ooredoo

އެމެރިކާއަށް ގޮސްގެން އުޅޭ އިސްރާއީލޭ ކިޔާ ޣައިރު ގާނޫނީ ޒަޔަނިސްޓް އެންޓިޓީގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަށް މަރުހަބާ ކިޔުމަށް ވައިޓް ހައުސްގައި ބޭއްވި ރަސްމިއްޔާތެއްގައި ޓްރަމްޕް ވިދާޅުވީ އެމެރިކާއާއި އީރާނުން މަތީ ފެންވަރުގެ ވާހަކަތައް އަންނަ ހޮނިހިރު ދުވަހު ފަށާނެ ކަމުގައެވެ. އަދި އެ ވާހަކަތައް މިހާރު ފަށާފައިވާ ކަމަށްވެސް ފޯރީގައި ޓްރަމްޕް ވިދާޅުވިއެވެ.

މިއީ މިދިޔަ ހަފުތާގައި އީރާނާއި އެމެރިކާގެ ދަށްލެވެލްގެ މަސްއޫލުވެރިން އޮމާން މެދުވެރިއަކަށް ވެގެން އެ ގައުމުގައި ބޭއްވި ނުސީދާ ބައްދަލުވުމަށް ކުރެއްވި އިޝާރާތެއް ކަމަށް ވަނީ ބެލެވިފައެވެ.

"ދެޓް ވުޑް ބީ ގްރޭޓް" ނުވަތަ މިއީ ވަރަށް މޮޅު ކަމެއްކަމަށް ސިފަކުރައްވަމުން ޓްރަމްޕް ވިދާޅުވީ އީރާނާއެކު ޑީލަކަށް ދިޔުމަށްވުރެ ރަނގަޅު ގޮތެއް ނެތްކަމަށް ހުރިހާ ފަރާތްތަކުން ވެސް ދެކޭކަމުގައެވެ.

އެއަށްފަހު އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫ އާ ދިމާއަށް ފާޑަކަށް ބައްލަވާ ލައްވަމުން ޓްރަމްޕް ވިދާޅުވީ މިއީ އެއްގޮތަކަށްވެސް އިސްރާއީލު ބޭނުން ނުވާނެ ކަމެއް ކަމަށާއި ވީމާ، އިސްރާއީލަށް ވިވަގުތު ރަނގަޅުވާނީ މިކަމާ ދުރުގައި އޮތުންކަމަށެވެ.

ޓްރަމްޕްގެ ވި ވާހަކަތަކަށް ރައްދު ދެއްވަމުން އީރާނުގެ ޚާރިޖީ ވަޒީރު ސައްޔިދު އައްބާސް އިރަގްޖީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އަންނަ ހޮނިހިރު ދުވަހު އެމެރިކާއާއި އީރާނުން ވާހަކަތައް ފަށާނީ ނުސީދާ ގޮތެއްގައި ކަމަށާއި މިއީ މަތީ ފެންވަރުގެ ވާހަކަތަކެއް ކަމުގައެވެ. މި ވާހަކަތައް ކުރިޔަށް ދާނީ ގަލްފުގެ ގައުމެއްކަމަށްވާ އޮމާންގައި އޮމާން ސަރުކާރު މެދުވެރިއަކަށް ވެގެންކަމަށް އިރަގްޖީ ވިދާޅުވިއެވެ.

އީރާން ކުރިންވެސް ބުނެފައިވަނީ އެމެރިކާއާއެކު ފުރަތަމަ ސީދާ ވާހަކަތަކަށް ނުދާނެކަމުގައެވެ. ދާނީ ނުސީދާ ވާހަކަތަކަށް ކަމުގައެވެ. ސީދާ ވާހަކަތަކަށް ދާނީ ނުސީދާ ވާހަކަތަކުން އެމެރިކާއާމެދު އިތުބާރު ހިފޭ ހިސާބަށް ގޮސްފި ހާލަތެއްގައެވެ. އެމެރިކާ މިހާރު އީރާނަށް ކުރިމަތިކުރަމުން ގެންދާ ހައި ޕްރެޝަރު ނުވަތަ އާދަޔާ ޚިލާފު ފިއްތުންތަކަށް ދުލެއް ނުދެނީސް ވެސް ސީދާ ވާހަކަތަކަށް ނުދާނެކަމަށްވެސް އީރާނުގެ މަސްއޫލުވެރިން ތަކުރާރުކޮށް ވިދާޅުވެފައިވެއެވެ.

އީރާނާއެކު ވާހަކަތައް ފަށާނެކަން ޓްރަމްޕް އިއުލާން ކުރައްވާފައި މިވަނީ އީރާނުން އެމެރިކާއާއި ސީދާ ގޮތެއްގައި ވާހަކަތައް ފަށައި ދެމަސް ތެރޭގައި އެމެރިކާ ބޭނުންވާގޮތަށް އީރާނުގެ ނިއުކްލިޔާ ޕްރޮގްރާމާއި މިސައިލް ޕްރޮގްރާމް ރޫޅާލުމަށް އެއްބަސް ނުވެއްޖެނަމަ އީރާނަށް ވަރުގަދައަށް ބޮންއަޅައި އީރާން ފުނޑާލާނެކަމުގެ ހަރުކަށި އިންޒާރުތަކެއް ދެއްވުމަށްފަހުއެވެ.

މި އިންޒާރާއެކު ޓްރަމްޕް ވަނީ އޭނާގެ ހަނގުރާމައިގެ އާލާތްތަކާއި ސިފައިންގެ ލަޝްކަރުތައް ވެސް އީރާނުގެ ކައިރިއަށް ޖަމާކުރަން ފަށާފައެވެ. އީރާން ވަނީ ބިރު ދައްކައިގެން އަދި އީރާނަށް އިސްވެ ހަމަލާދީގެން އެއްވެސް ކަމެއް ޓްރަމްޕަށް ހާސިލް ނުކުރެވޭނެކަމަށް ބުނެފައެވެ.

އީރާން ހަނގުރާމަ ބޭނުން ނުވާ ކަމަށާއި ނަަމަވެސް އީރާނަށް އިސްވެ ހަމަލާދީފިނަމަ ރައްދުގައި ޑީއެގޯ ގާސިޔާ އަށާއި ގަލްފާއި މެދުއިރުމަތީގައިވާ އެމެރިކާގެ އަސްކަރީ ބޭސްތަކާއި އެމެރިކާގެ މަސްލަހަތުތަކަށް ވަރުގަދަ ހަމަލާތަކެއް ދޭނެކަމުގެ އިންޒާރު އީރާން ވަނީ ދީފައެވެ.

މިއާއެކު އީރާން ވަނީ އެތައް ލައްކަ މިސައިލް އެކުލެވޭ ބިމުއަޑީގެ ބިންގަރާސް ސިޓީއެއްގެ އިމޭޖް ވެސް ދައްކާލާފައެވެ. އަދި އީރާން ވަނީ އެމެރިކާގެ އަސްކަރީ ބޭސްތައްހުރި އަރަބި އިސްލާމީ ގައުމުތައް ކަމަށްވާ ކުވައިތު, ސައޫދީ, ބަހްރައިން, ގަތަރު, ޔޫއޭއީ, ތުރުކީ, އަދި އުރުދުންއަށް އެ ގައުމުތަކުގެ ސަރަހައްދުތައް ބޭނުންކޮށްގެން އެމެރިކާ އީރާނަށް ހަމަލާ ދީނަމަ އެ ގައުމުތަކަށް ސީދާ ގޮތެއްގައި ހަމަލާ ދޭނެކަމުގެ އިންޒާރު އެ ގައުމުތަކުގައިވާ އީރާނުގެ އެންބަސީތައް މެދުވެރިކޮށް ދީފައެވެ.

ކުވައިތު, ސައޫދީ, ބަހްރައިން, ގަތަރު, ޔޫއޭއީ, ގެ ބަނދަރުތަކާއި ބޯފެން އުފައްދާ ޕްލާންޓްތަކާއި ތެލާ ބެހޭ މަރުކަޒުތައް ހުރީ ގަލްފުގެ އައްސޭރި ފަށުގައި އީރާނަށް ފަސޭހައިން ހަމަލާދެވޭ ހިސާބުގައެވެ. އެމެރިކާ, އީރާނަށް ބޮންއަޅާއިރު އެ އުދުވާނުގައި އެއިން ގައުމެއްގެ ވަޔާއި ކަނޑާ އަދި އެއްގަމު ސަރަހައްދެއް ބޭނުންކޮށްފިނަމަ ބަނދަރުތަކާއި ބޯފެން އުފައްދާ ޕްލާންޓްތަކާއި ތެލާ ބެހޭ މަރުކަޒުތައް އީރާން ހަމަލާދީ އެތަންތަން ހާލުކޮށްލާނެކަމަށް ވަނީ ބެލެވިފައެވެ. އަދި ގަލްފަށް ވަދެނުކުމެވާ ހުރުމުޒް ކަނޑުއޮޅި ވެސް އީރާނުން ބަންދުކުރާނެއެވެ.

މިއީ ގަލްފު މެދުވެރިކޮށް ހިންގާ ތެލާއި އެ ނޫން ވިޔަފާރިތައް ހުއްޓުމަކަށް އަންނާނެ ކަމެކެވެ. އެމެރިކާގެ ހަމަލާތަކުގައި އިސްރާއީލު ބައިވެރިވެއްޖެނަމަ އީރާނުން އިސްރާއީލުގެ ނިއުކްލިޔާ މަރުކަޒުތައް ފުނޑާލުމަށްޓަކައި އަޑަށްވުރެ 16 ގުނަ ބާރަށް ދަތުރުކުރާ ހައިޕާ ސޮނިކް މިސައިލްގެ އެއްހާސް މިސައިލް އީރާނުގެ ބިންގަރާސް ސިޓީތަކުގައި ތައްޔާރީ ހާލަތަށް ގެނަސްފައިވާކަމަށް އިސްރާއީލުގެ ނޫހަކުން ބުނެފައިވެއެވެ.

Redstar
comment ކޮމެންޓް